ޚަބަރު

"އެމެރިކާއާއި އިނގިރޭސިންގެ އެހީއެއް ބޭނުމެއް ނޫން"


ސަރަޙައްދީ މައްސަލަތައް ޙައްލުކުރުމަށް އެމެރިކާއާއި އިނގިރޭސިވިލާތުގެ އެހީ ހޯދުމަށް ނުވިސްނަވާކަމަށް އިރާނުގެ ދީނީ ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއީ ވިދާޅުވެއްޖެއެވެ. 

އީރާނުގެ ޤައުމީ ޓީވީ މެދުވެރިކުރައްވާ ދެއްވި ތަޤުރީރެއްގައި ޚާމަނާއީ ވަނީ 2015 ވަނަ އަހަރު އީރާނާއި ހުޅަނގުގެ ޤައުމުތަކާއި ދެމެދު ސޮއިކުރި ނިއުކްލިއަރ އެއްބަސްވުމާއި އެއްގޮތަށް އެމެރިކާއިން ޢަމަލު ކުރަމުންނުދާކަމަށް ތުހުމަތުކުރައްވާފައެވެ. އަދި ނިއުކްލިއަރ މައްސަލާގައި އެމެރިކާއަށް އިތުބާރުކުރުމަކީ އީރާނަށް ހެދިފައިވާ ބޮޑު ގޯހެއްކަމަށް ޚާމަނާއީ ވިދާޅުވިއެވެ. 

ހުޅަނގުގެ ބާރުތަކާއި އީރާނާއި ދެމެދު މިދިޔަ އަހަރު ވެފައިވާ މިއެއްބަސްވުމުގެ ދަށުން އިރާނުގެ ނިއުކްލިއަރ ޙަރަކާތްތައް ކޮންޓްރޯލްކުރުމުގެ ބަދަލެއްގެ ގޮތުން އެޤައުމާއި ދެކޮޅަށް އަޅާފައިވާ އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތައް ވަނީ އުވާލާފައެވެ. އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމަކީ ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށް ކުރިޔަށްގެންދިޔަ ޕްރޮގްރާމެއްކަމަށް ހުނޅަގުން ތުހުމަތުކުރަމުން ދިޔަނަމަވެސް މިކަން އީރާނުންވަނީ ދޮގުކޮށްފައެވެ.

ޚާމަނާއީ ވިދާޅުވީ 1979 ވަނަ އަހަރު އީރާނުގައި ގެނައި އިންޤިލާބުން ފެށިގެން އެމެރިކާއިން އީރާނާއި މެދު ޢަމަލުކުރަމުންދަނީ ދުޝްމަނަކާމެދު ޢަމަލުކުރާ އުޞޫލުންކަމަށާއި، ސަރަޙައްދީ މައްސަލަތަކުގައިވެސް އެމެރިކާއިން އީރާނާ ދެކޮޅަށް މަސައްކަތްކުރަމުންދާ ކަމަށްވެސް އޭނާ ތުހުމަތުކުރެއްވިއެވެ.