ޔަހޫދީންގެ ވެރިރަށް ތެލް އަވީވުގެ ރަށް ބޭރުގައި ހުންނަ ޔަހޫދީންގެ ޖާސޫސީ އިދާރާ, މޮސާދުގެ މައި މަރުކަޒަށް އަމާޒުކޮށް ލުބްނާންގެ މުޖާހިދުންގެ ޖަމުޢިއްޔާ, ޙިޒްބުاللهން ވަރުގަދަ މިސައިލު ޙަމަލާއެއް ދީފިއެވެ. އެއީ, ލުބްނާންގެ ޢާންމު ރައްޔިތުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ ބަދަލު ހިފުމުގެ ގޮތުން ދީފައިވާ ޙަމަލާތަކެކެވެ.
ސެޕްޓެންބަރު 23ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުން ދަނީ ލުބްނާންގެ ރަށްތަކަށް ރަޙުމު ކުޑަ ނިރުބަވެރި ޙަމަލާތަކެއް ދެމުންނެވެ. އެ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 569އަށް އުފުލިފައެވެ. އޭގެ ތެރޭގައި 50އެއްހާ މައުސޫމު ކުޑަކުދިން ހިމެނެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 1,835އަށް އަރައެވެ.
އޭގެ ކުރިން ޔަހޫދީ ފައުޖުން ވަނީ, ލުބްނާންގެ ޢާންމު ރައްޔިތުން މުއާޞަލާތު ކުރަން ބޭނުން ކުރާ ޕޭޖަރުތަކާއި ވޮކީޓޯކީތަކުގައި ގޮވާތަކެތި ހަރުކޮށް, އެ ތަކެތި ގޮއްވައިލައިގެން ނިރުބަވެރި ޙަމަލާތަކެއްދީ, 39 މީހުން ޝަހީދު ކޮށްލާފައެވެ. އަދި, 3,000އެއްހާ މީހުން ޒަޚަމު ކޮށްލާފައެވެ. އޭގެ ތެރެއިން 300އެއްހާ މީހުންގެ ހާލު ސީރިޔަސް ކަމުގައި ލުބްނާންގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ.
ޕޭޖަރުތަކާއި ވޯކީޓޯކީތަކަށް އަމާޒުކޮށް ދީފައިވާ ޙަމަލާގެ ފަހަތުގައި އޮތީ ޔަހޫދީންގެ ޖާސޫސީ އިދާރާ, މޮސާދު ކަމަށް ޙިޒްބުاللهން ޤަބޫލު ކުރެއެވެ. ތެލް އަވީވުގެ ރަށް ބޭރުގައި ހުންނަ މޮސާދުގެ މައި މަރުކަޒަށް ޙަމަލާ ދީފައި ވަނީ, އެ ކަމުގެ ބަދަލު ހިފުމުގެ ގޮތުން ކަމުގައި ޙިޒްބުاللهން ބުންޏެވެ. އަދި, އެއީ މީގެ އަހަރެއްހާ ދުވަސް ކުރިން ޙިޒްބުاللهގެ މުޖާހިދުންނާއި ޔަހޫދީންނާ ދެމެދު ޙަމަލާ ބަދަލު ކުރަން ފެށި ފަހުން ޙިޒްބުاللهން ބާރުގަދަ މިސައިލެއް ބޭނުން ކޮށްފައިވާ ފުރަތަމަ ފަހަރެވެ. ޔަހޫދީ ފައުޖުން ބުނީ ޙިޒްބުاللهގެ މިސައިލް ދިފާޢުކޮށް ވައްޓައިލާފައިވާނެ ކަމުގައެވެ.
ޙިޒްބުاللهގެ މިސައިލް ޙަމަލާއާ ގުޅިގެން ތެލް އަވީވުގައި އިންޒާރުގެ ރަނގަބީލު އަޅައި, ބޮމުގެ ޙަމަލާތަކުން ރައްކާތެރިވުމަށް ތައްޔާރު ކޮށްފައިވާ ބޮން ޝެލްޓަރތަކުގައި ފިލުމަށް ޔަހޫދީ ޢާންމުންނަށް އެންގިއެވެ. ޙިޒްބުاللهގެ މިސައިލް ޙަމަލާގައި އެއްވެސް މީހެއްގެ ފުރާނައަށް, އަދި ޢުމްރާނީ ވަސީލަތްތަކަށް ގެއްލުންވި ކަމުގެ ރިޕޯޓެއް ކޮށްފައެއް ނެތެވެ. ތެލް އަވީވުގެ އިތުރުން ނެތަންޔާގައި ވެސް އިންޒާރުގެ ރަނގަބީލު ޖެހިއެވެ.
މިސައިލްގެ އިތުރުން ގިނަ ޢަދަދެއްގެ ޑްރޯންތަކެއް ބޭނުން ކޮށްގެން ވެސް ޙިޒްބުاللهން ވަނީ ޒަޔަނިސްޓު ދަައުލަތުގެ އަމާޒުތަކަށް ވަރުގަދަ ޙަމަލާތަކެއް ދީފައެވެ. އެ ޑްރޯންތައް ދިފާޢުކޮށް ވައްޓައިލަން ޔަހޫދީން ވަނީ އަޔަން ޑޯމް ވައިގެ ދިފާޢީ ނިޒާމާއި, އަސްކަރީ މަތިންދާބޯޓުތައް ބޭނުން ކޮށްފައެެވެ. ސޫރިޔާގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތަކުން ޒަޔަނިސްޓު ދައުލަތަކަށް އަމާޒުކޮށް ފޮނުވައިލި ޑްރޯނެއް ގަލީލް ކަނޑުމަތިން ދިފާޢުކޮށް ވައްޓައިލާފައިވާނެ ކަމުގައި ވެސް ޔަހޫދީ ފައުޖުން ބުންޏެވެ.
ޙިޒްބުاللهން ޔަހޫދީންގެ އަމާޒުތަކަށް ޙަމަލާ ދޭން ފަށާފައި ވަނީ, ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން މީގެ އަހަރެއްހާ ދުވަސް ކުރިން ފެށި ލާއިންސާނީ ޢުދުވާނާ ގުޅިގެންނެވެ. ޙިޒްބުاللهގެ ބޭނުމަކީ ޣައްޒާ ޢުދުވާން ހުއްޓައިލަން ޔަހޫދީންނަށް މަޖުބޫރު ކުރުވުމެވެ. 2023 އޮކްޓޫބަރު 7ގެ ފަހުން ޙިޒްބުاللهން ޔަހޫދީންގެ ރަށްތަކަށް އަމާޒުކޮށް 1,901 ޙަމަލާ ދީފައިވެއެވެ. އަދި, 33 މީހުން މަރައިލާފައިވެއެވެ. އޭގެ ރައްދުގައި ޔަހޫދީން ވަނީ 8,313 ފަހަރު ލުބްނާންގެ ރަށްތަކަށް ޙަމަލާދީ, 752 މީހުން ޝަހީދު ކޮށްލާފައެވެ.
ޔަހޫދީ ފައުޖުން މިހާރު ލުބްނާންގެ ޢާންމު ރައްޔިތުންނާ ދެކޮޅަށް ދެމުންދާ ނިރުބަވެރި ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި ޙިޒްބުاللهގެ ބައެއް އިސް ކޮމާންޑަރުން ވެސް ހިމެނެއެވެ. މި ގޮތުން, ލުބްނާންގެ ވެރިރަށް ބައިރޫތަށް ދިން ޙަމަލާއެއްގައި އެ ޖަމާޢަތުގެ ކޮމާންޑަރެއް ކަމުގައިވާ އިބްރާހީމް ޤޫމީސީ ޝަހީދު ކޮށްލިއެވެ. އޭނާއަކީ, ޔަހޫދީންގެ ރަށްތަކަށް އަމާޒުކޮށް މިސައިލާއި ރޮކެޓު ޙަމަލާތައް ދިނުމުގައި އިސް ދައުރެއް އަދާ ކުރައްވާފައިވާ ކޮމާންޑަރެކެވެ.
ޙިޒްބުاللهއާއި ޔަހޫދީންނާ ދެމެދު ބަދަލު ކުރަމުންދާ ނުރައްކާތެރި ޙަމަލާތަކާ ގުޅިގެން މެދުއިރުމަތީގައި ސަރަޙައްދީ ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ވަނީ އެތަކެއް ގުނައަށް ބޮޑުވެފައެވެ. މި މައްސަލައަށް އަވަސް ޙައްލެއް ހޯދުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އދގެ ސަލާމަތީ މަޖިލީހުން ދަނީ ތައްޔާރުވަމުންނެވެ.
"ލުބްނާނުގެ ހާލަތު އޮތީ [ކަށްވަޅުގެ] ތުންފަތްމަތީގައި. ލުބްނާނަކީ ދެވަނަ ޣައްޒާއަށް ހަދައިލުމަކީ ލުބްނާންގެ ރައްޔިތުންނަށް ވެސް, އިސްރާއީލުގެ ރައްޔިތުންނަށް ވެސް, އަދި މުޅި ދުނިޔޭގެ ރައްޔިތުންނަށް ވެސް އަގު އަދާކުރެވޭނެ ކަމެއް ނޫން،" އދގެ ޢާންމު މަޖިލީހުގެ 79ވަނަ ޢާންމު ބައްދަލުވުމުގައި ތަޤުރީރު ކުރައްވަމުން އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ވިދާޅުވިއެވެ. ލުބްނާންގެ ޢާންމު ރައްޔިތުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާއަށް ގުތެރޭޝް ވަނީ ކުށްވެރި ކުރައްވާފައެވެ.
ލުބްނާންގެ ޚާރިޖީ ވަޒީރު ޢަބްދުالله ބޫ ޙަބީބު ވިދާޅުވީ, އެ ޤައުމުގެ ރަށްތަކަށް ޔަހޫދީ ފައުޖުން ދެމުންދާ ނިރުބަވެރި ޙަމަލާތަކާ ގުޅިގެން ބައި މިލިޔަނަށްވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިފައިވާ ކަމުގައެވެ. ޔަހޫދީންގެ ޢުދުވާންތައް ހިންގަމުން ދަނީ އެމެރިކާގެ މަދަދުވެރިކަމާ އެކުގައެވެ. ޙަބީބު ވިދާޅުވީ, އެ ކަމާ މެދު ކަންބޮޑުވުން ފާޅު ކުރެއްވުމަށް ލުބްނާންގެ ބޮޑުވަޒީރު އެމެރިކާގެ ރައީސާ ބައްދަލު ކުރައްވަން ހަމަޖެހިފައިވާ ކަމުގައެވެ.