އެފްރިކާ ބައްރުގެ ބައެއް ޤައުމުތަކުގައި ހަލުވިކަމާ އެކު ފެތުރެމުންދާ ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމުގައިވާ އެމްޕޮކްސް (މަކުނުވިދުރި ނުވަތަ މަންކީޕޮކްސް) ބަލި, މި އަހަރުގެ މިހާތަނަށް ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭ މީހުންގެ ޢަދަދު 30,000އަށް އުފުލިފައިވާ ކަން ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔުއެޗްއޯ)ން ހާމަކޮށްފިއެވެ. މި ބަލި އެންމެ ހަލުވިކަމާ އެކު ފެތުރެމުން ދަނީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައެވެ. އަދި, އެންމެ ގިނަ ޢަދަދެއްގެ ބަޔަކަށް ބަލި ޖެހިފައި ވަނީ ވެސް އެ ޤައުމުގައެވެ.
ޞިއްޙަތާ ބެހޭ އދގެ މައި އިދާރާ, ޑަބްލިޔުއެޗްއޯން ބުނީ, އެމްޕޮކްސް ޖެހިގެން މި އަހަރުގެ މިހާތަނަށް މަރުވެފައިވާ މީހުންގެ ޢަދަދު 800އަށް އުފުލިފައިވާ ކަމުގައެވެ. ކޮންގޯގެ އިތުރުން, އެ ޤައުމާ އިންވެގެން އޮތް ބުރުންޑީގައި ވެސް ހަލުކަމާ އެކު ބަލި ފެތުރެމުންދާ ކަމަށާއި, އެ ޤައުމުގައި ބަލި ޖެހިފައިވާ މީހުންގެ ޢަދަދު އިތުރުވަމުންދާ ކަމުގައި ވެސް އެ އިދާރާއިން ހާމަކުރިއެވެ.
އެފްރިކާގެ ބައްރުގެ ބައެއް ޤައުމުތަކުގައި ހަލުވިކަމާ އެކު ފެތުރެމުންދާ އެމްޕޮކްސް ބަލި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރި, ބަލިމަޑުކަމެއް ފެށިދާނެ ކަމުގެ ނުރައްކާ ބޮޑުވުމާ ގުޅިގެން ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔުއެޗްއޯ)ން އޮގަސްޓު މަހުގެ ކުރީކޮޅު ވަނީ ޢާންމު ޞިއްޙަތުގެ ނުރައްކަލުގެ ހާލަތު އިޢުލާނު ކޮށްފައެވެ. ކޮންގޯގައި ބަލި ފެތުރެން ފަށާފައި ވަނީ 2023 ޖަނަވަރީގައެވެ.
އެފްރިކާ ސެންޓަރސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (އެފްރިކާ ސީޑީސީ)ން ބުނީ ހުސްވި އަހަރު އެފްރިކާ ބައްރުގެ ޤައުމުތަކުން 14,957 މީހަކަށް އެ ބަލި ޖެހުނު ކަމުގައެވެ. އަދި, 739 މީހުން އެ ބަލީގައި މަރުވެފައިވާ ކަމުގައެވެ. 2022ވަނަ އަހަރާއި އަޅައިބަލާއިރު, 2023ވަނަ އަހަރު ބަލީގެ ކޭސްތަކުގެ ޢަދަދު ވަނީ 78.5 އިންސައްތަ އިތުރުވެ, އެފްރިކާގެ ހަތް ސްޓޭޓެއްގައި ބަލި ފެތުރެން ފަށާފައެވެ.
ޑަބްލިޔުއެޗްއޯން ބުނީ, މި އަހަރުގެ ޖަނަވަރީން ފެށިގެން ސެޕްޓެންބަރު 15އާ ދެެމެދު އެފްރިކާ ބައްރުގައި ބަލި ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭ މީހުންގެ ޖުމުލަ ޢަދަދަކީ 29,342 ކަމުގައެވެ. އޭގެ ތެރެއިން 2,082 މީހަކަށް ބަލި ޖެހިފައި ވަނީ އޮގަސްޓު މަހުގެ ތެރޭގައި ކަން ވަނީ ކަށަވަރު ކުރެވިފައެވެ. އެއީ, 2022 ވަނަ އަހަރުގެ ނޮވެންބަރު މަހަށް ފަހު, އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ބަލި ޖެހުނު މަހެވެ.
އެފްރިކާ ބައްރުގައި ހަލުވިކަމާ އެކު އެމްޕޮކްސް ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް އޮތީ ކުރިމަތިވެފައެވެ. އޭގެ ތެރޭގައި, ބައްޔަށް ޚާއްޞަ ކޮށްފައިވާ ވެކްސިން އެ ޤައުމުތަކުގައި ލިބެން ނެތުމާއި, އެ ބައްރުގެ ޤައުމުތަކުގެ ޞިއްޙީ ނިޒާމު ބަލިކަށިވުން ހިމެނެއެވެ. އެ ކަމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެފްރިކާގެ ޤައުމުތަކަށް ވެކްސިން ހަދިޔާ ކުރުމުގެ މަސައްކަތް ބައިނަލްއަޤުވާމީ މުޖުތަމަޢުން ފަށާފައިވާއިރު, ވަރލްޑް ބޭންކުގެ ބަލިމަޑުކަމާ ބެހޭ ފަންޑުން ވަނީ އެފްރިކާގެ 10 ޤައުމަކަށް 128 މިލިޔަން އެމެރިކާ ޑޮލަރު ހަދިޔާ ކުރަން ނިންމާފައެވެ.
އެންމެ ފަހުން މި ނުރައްކާތެރި ބަލި ޖެހިފައިވާ މީހުން ދެނެގަނެވިފައިވާ ޤައުމުތަކުގެ ތެރޭގައި މެލޭޝިޔާ, މަޣުރިބު, އިންޑިޔާ, އުރުދުން, ތައިލެންޑް, ބަންގްލަދޭޝް އަދި ސްވިޑެން ހިމެނެއެވެ. ކޮންގޯގެ އިތުރުން ދެވަނައަށް އެންމެ ހަލުވިކަމާ އެކު ބަލި ފެތުރެމުން ދަނީ ބުރުންޑީގައެވެ. އެ ޤައުމުން ބަލި ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭ 1,000އަށް ވުރެ ގިނަ މީހުން ދެނެގަނެވިފައިވާއިރު, ނައިޖީރިޔާއިން ވެސް ބަލި ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭ 868 މީހުން ވަނީ ފެނިފައެވެ.
އެފްރިކާގެ ޤައުމުތަކަށް ބޭނުންވާ ވެކްސިން ގަތުމަށް ކުޑަކުދިންނާ ބެހޭ އދގެ އިދާރާ (ޔުނިސެފު)ން ދާދި ފަހުން ވަނީ ބޮޑު އޯޑަރެއް ޖަހާފައެވެ. އަދި, ވެކްސިން ހަދިޔާ ކުރުމަށް ވެކްސިން އުފައްދައި ގުދަން ކޮށްފައިވާ ޤައުމުތަކަށް ގޮވައިލާފައެވެ. މި ގޮވައިލުމަށް އިޖާބަ ދިނުމުގެ ގޮތުން ވިލާތުގެ އިއްތިހާދު (އީޔޫ)ން ވަނީ ކޮންގޯއަށް ވެކްސިން ފޯރުކޮށްދޭން ފަށާފައެވެ.
ޢާންމު ގޮތެއްގައި އެމްޕޮކްސަކީ އެއް ޖިންސުން ގުޅުން ހިންގާ ފިރިހެނުންނަށް ޖެހޭ ނުރައްކާތެރި ބައްޔަކަށްވީ ނަމަވެސް, ކޮންގޯގައި ފެތުރެމުންދާ ބަލީގެ އައު ވޭދަނައެއްގެ ސަބަބުން 15 އަހަރުން ދަށުގެ ކުޑަކުދިންނަށް ވެސް ދަނީ ބަލި ޖެހެމުންނެވެ. މި ވަގުތު ކޮންގޯގައި ބަލި ޖެހިފައިވާ މީހުންގެ ތެރޭގައި ގިނަ ޢަދަދެއްގެ ކުޑަކުދިން ހިމެނެއެވެ.