ޚަބަރު

"ޤައުމީ މާހެފުން" މިއަދު ހަވީރު އޮންނާނެ


ބަރަކާތްތެރި ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީން ކުރިޔަށްގެންދަވާ ޙަރަކާތްތަކުގެ ތެރެއިން، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ޚާއްޞަކޮށްގެން ބާއްވަވާ މާހެފުން މިއަދު ހަވީރު ހަތަރެއް ޖަހާއިރު ޖުމްހޫރީ މައިދާނުގައި ބާއްވަވާނެއެވެ. 

"ޤައުމީ މާހެފުން" ގެ ނަމުގައި މިއަދު ބާއްވަވާ މާހެފުމަށް މާލެއާއި ވިލިމާލޭގެ އިތުރުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އިސްލާމިކް މިނިސްޓްރީން މިހާރު ވަނީ ދައުވަތު އަރުވާފައެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މާހެފުމުގައި އެމިނިސްޓްރީން ދެއްވަނީ، މަހާއި ކާއްޓާއި، ކަދުރާއި، ބޮނޑިބަތާއި ފެންކަމަށެވެ.

އެހެންނަމަވެސް އިހުޒަމާނުގައި ދިވެހިން ކެއުމުގައި ބޭނުން ކުރާ ބާވަތްތައް ތައްޔާރުކޮށްގެން ގެނައުމުގެ ފުރުޞަތު އެބައޮތް ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. އާއިލާގެ އެންމެހައި މެމްބަރުން އެއްފަހަރާ ބައިވެރިވެވޭ ގޮތަށް ޖުމްހޫރީމައިދާނުގައި ބާއްވާ މި މާހެފުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ކުރަމުންނެވެ. މާހެފުން ކުރިއަށްދާނީ ހަވީރު ހަތަރަކުން ހަޔަކަށް އަދި މިރޭ އަށަކުން ދިހައަކަށް ކަމަށް އިސްލާމިކް މިނިސްޓްރީން މަޢްލޫމާތު ދެއްވައެވެ. 

މިއަދުގެ މާހެފުމުގެ ޙަރަކާތް ފަށްޓަވައިދެއްވާނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމްއެވެ.