ޚަބަރު

އިންޑިއާ އަތުން ބަލިވެ ރާއްޖެ ކަޓައިފި


ބޫޓާނުގައި މިހާރު ކުރިއަށްދާ 17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގެ ގްރޫޕް އޭގައި ކުޅުނު ފަހު މެޗުގައި އިންޑިއާ އަތުން 3-0 ގެ ނަތީޖާއަކުން ބަލިވެ، ރާއްޖެ ކަޓައިފިއެވެ.

ޗަންގްލިމިތަންގް ސްޓޭޑިއަމުގައި ކުޅުނު މި މެޗު ފަށައިގެން 13 ވަނަ މިނެޓުގައި އިންޑިއާއިން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސަމްސޮންއެވެ. އޭގެ ފަހުން މި މެޗުގެ ފުރަތަމަ ހާފުގައި ރާއްޖޭގެ ކާއިން އަބްދުالله ފާއިޒަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ވަނީ އެމްބިއުލަންސްގައި ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ރާއްޖޭގެ ކުޅުންތެރިންނަށް އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާއިރު، ޓީމުގެ ކެޕްޓަން މުޙައްމަދު އިލާން އިމްރާން ކުޅެން ނުކުމެފައިވަނީ މެޗުގެ 64 ވަަނަ މިނެޓުގައެވެ. އޭނާ ފުރަތަމަ އެގާރައިގައި ނުހިމެނީ ރޯގާ ޖެހިފައި ހުރުމުން ކަމަށް މައުލޫމާތު ލިބެއެވެ.

މި މެޗުގެ ދެވަނަ ހާފުގައި އިންޑިއާއިން ލީޑު ފުޅާކޮށްފައިވަނީ މެޗުގެ 74 ވަނަ މިނެޓުގައެވެ. ރާއްޖޭގެ ގޯލްކީޕަރު ހަސަން މާހިލް ނާސިރަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލުންކިމް އެވެ. އަދި މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް އޭރިއާ ބޭރުން އޭނާ ފޮނުވާލި ބާރު ހަމަލާއަކުން ލުންކިމް އިތުރު ލަނޑެއް ކާމިޔާބުކޮށްފައެވެ.

މި މެޗުން ބަލިވެ ރާއްޖެ މުބާރާތުން ކެޓީ ލަނޑުގެ ތަފާތުން ބަންގްލަދޭޝް ކުރީގައި އޮތުމުންނެވެ. މީގެ ކުރިން ބަންގްލަދޭޝް އާއި ރާއްޖެ ބައްދަލުކުރި މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައިވާއިރު، އިންޑިއާ އަތުން ބަންގްލަދޭޝް ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ.