ޚަބަރު

ފ.އަތޮޅު ހޮސްޕިޓަލުގައި ޢިމާރާތްކުރި 2 ޕްރައިވެޓް ރޫމް ހުޅުވައިފި


ފ. އަތޮޅު ނިލަންދޫގައި ހުންނަ އެއަތޮޅު ހޮސްޕިޓަލުގެ މުވައްޒަފުން އިސްނަގައިގެން އެ ހޮސްޕިޓަލުގައި އަލަށް ޢިމާރާތްކުރި ދެ ޕްރައިވެޓް ރޫމް ރަސްމީކޮށް ހުޅުވައިފިއެވެ. މިޢިމާރާތް ހުޅުއްވައިދެއްވީ ހެލްތް މިނިސްޓަރ އިރުތިޝާމް އާދަމްއެވެ.

ފ. އަތޮޅު ހޮސްޕިޓަލްގެ ރެކްރިއޭޝަން ކްލަބްގެ ފަރާތުން އިމާރާތްކުރި ދެ ޕްރައިވެޓް ރޫމް ރަސްމީކޮށް ހުޅުއްވާދެއްވާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ފ. އަތޮޅު ހޮސްޕިޓަލްގައި މިމަހުގެ ތެރޭގައި ތެލެސީމިއާ ޓެސްޓް ހެދޭނެ ނިޒާމް ޤާއިމްކުރެވިގެންދާނެކަމަށެވެ. އަދި އެ ހޮސްޕިޓަލްގައި ލެބޯޓްރީ ސާމްޕަލް ޓްރާންސްޕޯރޓް ކުރުމުގެ ނިޒާމް ޤާއިމް ކުރެވިގެންދާނެކަންވެސް ހެލްތު މިނިސްޓަރ ވަނީ އިޢުލާންކުރައްވާފައެވެ. 

ފ. އަތޮޅު ހޮސްޕިޓަލަކީ ސައްތަ އިންސައްތަ ދިވެހި ނަރުހުން މަސައްކަތް ކުރައްވާ ތަނެއްކަމުގައި ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ ދިވެހި ނަރުހުން ހޮސްޕިޓަލުގައި މަސައްކަތް ކުރެއްވުމަކީ ތަނަށް ލިބިގެންދާނެ ކުރިއެރުމެއްކަމަށެވެ. މީގެ އިތުރުން މިނިސްޓަރ ވަނީ އަތޮޅު ހޮސްޕިޓަލް މުވައްޒަފުންނާއި، ކައުންސިލްގެ އިތުރުން މުއައްސަސާތަކުގެ ބައެއް އިސްވެރިންނާއި ބައްދަލުކުރައްވާ ޞިއްޙީ ދާއިރާގައި ދިމާވެފައި ހުރި ދަތިތަކާ ބެހޭގޮތުން މައުލޫމާތު އޮޅުންފިލުއްވާފައެވެ.