ޚަބަރު

ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް


  • މި މީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މާލެއިން

ޤަވާއިދާއި ޚިލާފަށް މާލޭގައި އުޅެމުންދިޔަ 2 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން ދަނީ ޢާއްމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާ ފަދަ ތަންތަނުގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ބަލައި ފާސްކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިމަސައްކަތުގެ ދަށުން ބިދޭސީން އުޅެމުންދިޔަ 2 ގެއެއް ބަލައި ފާސްކުރުމަށް ކުރިއަށްގެންދިޔަ އޮޕަރޭޝަންގައި އިމިގްރޭޝަނުން ވަނީ 2 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ ބިދޭސީން ހޯދާ ފިޔަވަޅު އެޅުމަށް ސަރުކާރުގެ އިދާރާތައް ގުޅިގެން ކުރިއަށްގެންދާ މަސައްކަތުގެ ދަށުން މިމަހުގެ 17 ވަނަ ދުވަހާއި ހަމައަށްވަނީ 4054 ބިދޭސީން އެމީހުންގެ ޤައުމަށް ފޮނުވާލާފައެވެ.

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާ ދެކޮޅަށް ސަރުކާރުގެ ހުރިހާ އިދާރާއެއް ގުޅިގެން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން ބިދޭސީންގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް މުޅި ރާއްޖޭގައިދަނީ ކުރަމުންނެވެ. މިގޮތުން މިމަސައްކަތް 2 ރަށަކުން މިހާރުވަނީ ނިންމާލާފައެވެ. މީގެއިތުރުން ގަވާއިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރިކުރަމުންދާ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް އިތުރު ފުރުސަތަކާ ނުލާ ފިޔަވަޅު އަޅާނެކަމަށް ސަރުކާރުންވަނީ ވިދާޅުވެފައެވެ.

އިމިގްރޭޝަނުން ކުރިއަށްގެންދާ އޮޕަރެޝަންގެ ތެރެއިން ބިދޭސީންނާ ގުޅުންހުރި ގިނަ މައްސަލަތަކެއްދަނީ ފެންމަތިވަމުންނެވެ. އެގޮތުން މީގެކުރިން ޢާއްމުކޮށް ގަވާއިދާ އެއްގޮތަށް ރާއްޖެ އެތެރެވުމަށްފަހު ގަވާއިދާ ޚިލާފުވާ މީހުން ތިބޭކަން ފާހަގަވީނަމަވެސް މިހާރު ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން ގަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެކޮށްފައިވާ

ގިނަ ޢަދަދެއްގެ ބިދޭސީން ތިބިކަން ހާމަވަމުންދާކަން ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އެގޮތުން ބެލެނިވެރި ފަރާތެއް ނެތި، އޮޕަން ވިސާއާއި، ފްރީ ވިސާގެ ނަމުގައި ބިދޭސީންނަށް ވިސާ ހަމަޖައްސައިދޭ އޭޖެންޓުން ފާހަގަވެފައިވާއިރު މިފަދައިން ރާއްޖެއަށް އައުމަށްފަހު އަމިއްލަ މަސައްކަތުގައި ޝަމިލުވެގެން ޢާމްދަނީ ހޯދަމުންދާކަން ފާހަގަވެފައިވާކަން ދާޚިލީ ސަލާމަތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.