ބަންގްލަދޭޝްގެ ވަގުތީ ސަރުކާރަށް ތާޢީދުކޮށް އެއްބާރުލުން ދިނުމުގައި ދެމިހުންނަވާނެ ކަމުގެ ޔަގީންކަން އެ ޤައުމުގެ އަސްކަރިއްޔާގެ ވެރިޔާ ވާކިރު އަލް-ޒަމާން އަރުވައިފިއެވެ. މި ކަން ހާމަކުރައްވައި ވާހަކަފުޅު ދައްކަވަމުން ޒަމާން ވިދާޅުވީ ނޮބެލް ސުލްޙައިގެ އިނާމު ހާސިލު ކުރައްވާފައިވާ މުޙައްމަދު ޔޫނުސްގެ މުޝީރު ކަމުގެ ދަށުން އެކުލަވައިލާފައިވާ ވަގުތީ ސަރުކާރުން ފަށާފައިވާ އިސްލާޙީ މަސައްކަތްތަކާއި, 18 މަސް ދުވަހުގެ ތެރޭގައި ޢާންމު އިންތިޚާބު ބޭއްވުމަށް ކުރަމުންދާ މަސައްކަތްތަކަށް އަސްކަރިއްޔާގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމުގައެވެ.
ބަންގްލަދޭޝްގައި ވަގުތީ ސަރުކާރެއް އެކުލަވައިލާފައި ވަނީ, ކުރީގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ ޤައުމު ދޫކޮށް ވަޑައިގަންނަވައި, އިސްތިޢުފާ ދެއްވުމާ ގުޅިގެންނެވެ. ޙަސީނާގެ ސަރުކާރު ވައްޓައިލާފައި ވަނީ ބަންގްލަދޭޝްގެ ކޮލެޖުތަކާއި ޔުނިވަރސިޓީތަކުގައި ތަޢުލީމު ހާސިލު ކުރާ ދަރިވަރުންނެވެ. ޙަސީނާގެ ސަރުކާރާ ދެކޮޅަށް ޖުލައި މަހުގެ މެދެއްހާ ހިސާބުގައި ދަރިވަރުން ފެށި ސިލްސިލާ މުޒާހަރާތަކާ ގުޅިގެން އޭނާ އިސްތިޢުފާ ދެއްވާފައި ވަނީ އޮގަސްޓު 5ވަނަ ދުވަހުއެވެ. އޭނާގެ ވެރިކަން ނިމުމަކަށް އައިސްފައި ވަނީ 15 އަހަރަށް ފަހުއެވެ.
ޙަސީނާގެ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުން ދިޔަ ދަރިވަރުން ހުއްޓުވަން ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް, މުޒާހަރާގެ ބައިވެރިންނަށް ޙަމަލާ ދީފައެެވެ. މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި މަރުވި މީހުންގެ ޢަދަދު 1,000އަށްވުރެ ގިނައެވެ. އަދި, އެތަކެއް ހާސް ބަޔަކު ޒަޚަމުވިއެވެ. މުޒާހަރާތައް ހުއްޓުވުމުގެ ގޮތުން ޙަސީނާގެ ސަރުކާރުން ކަރފިޔު އިޢުލާނުކޮށް, މަގުތަކަށް ސިފައިން ނެރުނު ނަމަވެސް, މުޒާހަރާތައް ހުއްޓުވަން ކުރި މަސައްކަތްތަކުގައި ސިފައިން އަމަލީ ގޮތުން ބައިވެރިވެފައެއް ނުވެއެވެ.
"އޭނާގެ [ޔޫނުސްގެ] އަރިހުގައި އަޅުގަނޑު ހުންނާނަން. ކޮންމެ ހާލަތެއް މެދުވެރިވި ނަމަވެސް. އޭނާ ފަށްޓަވާފައިވާ މަސައްކަތްތައް ނިމެންދެން،" ޒަމާން ވިދާޅުވިއެވެ. އޭނާ އިޝާރާތް ކުރައްވާފައި އެ ވަނީ, ބަންގްލަދޭޝްގެ ޝަރުޢީ ނިޒާމު އިސްލާޙު ކުރުމަށް ޔޫނުސް ފަށްޓަވާފައިވާ އިސްލާޙީ މަސައްކަތްތަކަށެވެ. 170 މިލިޔަން މީހުންގެ އާބާދީއެއް އޮތް ބަންގްލަދޭޝްގައި މިނިވަން އަދި އިންސާފުވެރި އިންތިޚާބެއް ބޭއްވޭނީ އިސްލާޙީ މަސައްކަތްތައް ކާމިޔާބު ކޮށްގެން ކަމަށް ޔޫނުސް ޤަބޫލު ކުރައްވައެވެ.
އަސްކަރިއްޔާގެ ވެރިޔާގެ މަޤާމަށް ޒަމާން ޢައްޔަން ކޮށްފައި ވަނީ ޙަސީނާގެ ސަރުކާރު ވެއްޓުމުގެ ހަފުތާތަކެއް ކުރިންނެވެ. އޭނާ ވިދާޅުވީ, އެ ޤައުމުގައި އަލުން ޑިމޮކުރަސީ ޤާއިމު ކުރުމަށް ކުރަމުންދާ އިސްލާޙީ މަސައްކަތްތަކަށް އަހަރެއް ނުވަތަ ދޮޅު އަހަރެއްހާ ދުވަސް ހޭދަވާނެ ކަމަށް ޤަބޫލު ކުރައްވާ ކަމުގައެވެ. އަދި, އެ މަސައްކަތްތައް ކާމިޔާބު ކުރެވެންދެން ކެތްތެރިކަން އިސް ކުރުމަށް އޭނާ ވަނީ ބަންގްލަދޭޝްގެ ރައްޔިތުންނަށް ގޮވައިލައްވާފައެވެ.
ޒަމާން ވިދާޅުވީ, ހަފުތާއަކު އެއް ފަހަރު އޭނާ ޔޫނުސާ ބައްދަލު ކުރައްވާ ކަމަށާއި, ދެ ބޭފުޅުންގެ ދެމެދުގައި އޮތް ގުޅުން ވަރަށް ބަދަހި ކަމުގައެވެ. އަދި, ބަންގްލަދޭޝްގައި އަމަންއަމާން ކަމާއި ހަމަޖެހުން ޤާއިމު ކުރުމަށް ޔޫނުސްގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގައި އަސްކަރިއްޔާއަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމުގައެވެ. "އަޅުގަނޑަށް ޔަގީންވާ ކަމަކީ, އަޅުގަނޑުމެން ގުޅިގެން މަސައްކަތް ކޮށްފި ނަމަ, [އިސްލާޙީ މަސައްކަތްތައް] ފޭލުވުމުގެ އެއްވެސް ފުރުޞަތެއް ނޯންނާނެ ކަން،" އޭނާ ވިދާޅުވިއެވެ.
ބަންގްލަދޭޝްގެ ސިޔާސީ މަސްރަޙަށް އޭނާގެ ބާރުގެ ދަށުގައި އޮތް އަސްކަރިއްޔާއިން ނުފޫޒު ނުފޯރުވާނެ ކަމުގެ ޔަގީންކަން ވެސް ޒަމާން ދެއްވިއެވެ. "އަޅުގަނޑުގެ މުއައްސަސާއަށް ގެއްލުމެއްވާނެ ފަދަ އެއްވެސް އަމަލެއް އަޅުގަނޑު ނުކުރާނަން. އަޅުގަނޑަކީ ޕްރޮފެޝަނަލް ސިފައިންގެ މީހެއް. އަދި, އަސްކަރިއްޔާއަކީ ޕްރޮފެޝަނަލް ތަނެއްގެ ގޮތުގައި ދަމަހައްޓަން އަޅުގަނޑު މަސައްކަތް ކުރާނަން،" އޭނާ ވިދާޅުވިއެވެ.
ބަންގްލަދޭޝްގައި އެންމެ އަވަހަށް ވެސް ޢާންމު އިންތިޚާބެއް ބޭއްވޭނީ 18 ވަރަކަށް މަހުގެ ތެރޭގައި ކަމަށް ބެލެވޭއިރު, ޙަސީނާގެ އަވާމީ ލީގު ޕާޓީގެ އިތުރުން ކުރީގެ ބޮޑުވަޒީރު ބޭގަމް ޚާލިދާ ޒިޔާގެ ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ)ން ވަނީ ތިން މަސް ދުވަހުގެ ތެރޭގައި އިންތިޚާބު ބޭއްވުމަށް ޔޫނުސްގެ ސަރުކާރަށް ގޮވައިލާފައެވެ.
ޙަސީނާގެ ސަރުކާރާ ދެކޮޅަށް ފެށި މުޒާހަރާތަކާ ގުޅިގެން ފެށި ހަމަނުޖެހުންތަކަށް ފަހު ވެރިރަށް ދާކާގެ މަގުތައް މި ވަގުތު އަމާންވެފައިވީ ނަމަވެސް, ސަރުކާރުގެ ބައެއް މުހިންމު އޮފީސްތަކާއި އިދާރާތައް އަލުން ހިނގައިގަތުމުގައި ވަނީ ލަސްތަކެއް ކުރިމަތިވެފައެވެ. އަދި, 190,000އެއްހާ ފުލުހުން ހިމެނޭ ފުލުހުންގެ އިދާރާގެ ހިންގުމަށް އޮތް ގޮންޖެހުންތަކާ ގުޅިގެން އަމަންއަމާން ކަމާއި ސުލްޙަމަސަލަސް ކަން ދެމެހެއްޓުމަށް އަސްކަރިއްޔާއިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.