ޚަބަރު

ތިން ސަތޭކައެއްހާ މީހުން ކަނޑުވެފައިވަނިކޮށް ސަލާމަތްކޮށްފި


ވިލާތުގެ ޤައުމުތަކަށް ހިޖުރަކުރާ މީހުންގެ އަދަދު ފާއިތުވި އަހަރުތަކުގެ ތެރޭގައިވަނީ އިންތިހާއަށް މައްޗަށް ގޮސްފައެވެ. ވިލާތުގެ ޤައުމުތަކުގައި ރައްކާތެރިކަމާއި، ތަޢުލީމީ ފުރުޞަތުތަކާއި ވަޒީފާގެ ފުރުޞަތުތައް ހޯދުމަށް ހިޖުރަ ކުރާ މީހުންގެ އަދަދު އެތައް ސަތޭކަ ހާހަކަށް އަރާއިރު، މީގެ ތެރޭގައި ގިނައީ ދާޚިލީ ހަނގުރާމައާއި ފަޤީރުކަމުން ސަލާމަތްވުމުގެ މަޤްޞަދުގައި ހިޖުރަކުރާ މެދުއިރުމަތީގެ ޤައުމުތަކަށް ނިސްބަތްވާ މީހުންނެވެ.

މީގެ ތެރެއިން ގިނަ މީހުންނަކީ މެޑިޓެރޭނިއަން ކަނޑު ހުރަސްކޮށް ވިލާތުގެ ޤައުމުތަކަށް ހިޖުރަކުރަން މަސައްކަތް ކުރާ މީހުންނެވެ. އަދި މި ކަނޑު ހުރަސް ކުރަން މަސައްކަތް ކުރަނީ ކުދި ބޯޓުފަހަރާއި ޑިންގީ ފަދަ ކުދި އުޅަނދު ފަހަރުގައެވެ. މިއީ، ވަރަށްވެސް ނުރައްކާތެރި ދަތުރެކެވެ. ކަނޑު ގަދަވުމާއި، މޫސުން ގޯސްވުމުގެ ސަބަބުން އެ ކަނޑު ހުރަސްކުރަން މަސައްކަތް ކުރާ ގިނަ މީހުންނަށް ކުރިމަތިލާންޖެހެނީ ވަރަށްވެސް ބިރުވެރި އަދި ނުރައްކާތެރިކަމަކާއެވެ. އަދި މި ކަނޑު ހުރަސްކުރަން ކޮންމެ ދުވަހަކުހެން މަސައްކަތް ކުރާ އެތައް ބަޔަކަށް ކުރިމަތިލާޏްޖެހެނީ ކަނޑުވުން ފަދަ ނުރައްކާތެރި ހާދިސާތަކާއެވެ. މީގެ ތެރެއިން އެންމެ ފަހުން އިވިގެންދިޔަ ޚަބަރަކީ، މެޑިޓެރޭނިއަން ކަނޑު ހުރަސްކުރަން އުޅުމުގެ ތެރޭގައި ކަނޑުވި ތިން ސަތޭކަ ސާޅީސް މީހުން ސަލާމަތްކުރި ޚަބަރެވެ. މި މީހުން ސަލާމަތްކޮށްފައިވަނީ ގްރީސްގެ ކޯސްޓްގާޑުންނެވެ. 

img:http://s4.psmnews.mv/images/660x400/14650212582842.jpg|ރެފިއުޖީންތަކެއް ކަނޑުމަތީގައި /

މީގެ ތެރެއިން ދުއިސައްތައެއްހާ މީހުން ސަލާމަތްކޮށްފައިވަނީ ގްރީސްގެ ރަށެއްކަމަށްވާ ކްރޭތްއާއި ހަތްދިހަ ފަސް ނޯޓިކަލް މޭލު ބޭރުން، އެ މީހުން ދަތުރު ކުރަމުންދިޔަ ބޯޓު ބަންޑުން ޖަހާލާ، އެ މީހުން ކަނޑުވުމުގެ ސަބަބުންނެވެ. އަދި، ލީބިޔާ ކައިރިންވެސް އިތުރު ބޯޓެއްވަނީ ބަންޑުންޖަހާލާ، ދުއިސައްތައަށްވުރެ ގިނަ މީހުންވަނީ ކަނޑުވެފައެވެ.

ފަންސަވީސް މީޓަރުގެ މި ބޯޓުގައި ހަތް ސަތޭކައަށްވުރެ ގިނަ މީހުން ދަތުރުކުރަމުންދިޔަކަމަށް ހިޖުރަ ކުރާ މީހުންނާއިބެހޭ ބައިނަލްއަޤްވާމީ އިދާރާއިން ލަފާކުރެއެވެ. ގްރީސް ކައިރީގައި ހިނގި ހާދިސާގައި މަރުވި މީހުންގެ އަދަދުވަނީ ނުވައަކަށް އަރާފައެވެ. އަދި، ލީބިޔާ ކައިރިން ދަތުރު ކުރަނިކޮށް ކަނޑުވި ބޯޓުން ދަތުރުކުރަމުންދިޔަ ސަތޭކަ ހަތް މީހެއްގެ ހަށިގަނޑު މިހާރުވަނީ ފެނިފައެވެ.

މެޑިޓެރޭނިއަން ކަނޑު ހުރަސްކޮށް ވިލާތުގެ ޤައުމުތަކަށް ހިޖުރަކުރަން މަސައްކަތް ކުރުމުގެ ތެރޭގައި ކުރިމަތިވި އެކި ހާދިސާތަކުގައި މި އަހަރުގެ މިހާތަނަށް މަރުވެފައިވާ މީހުންގެ އަދަދު ދެހާސް ފަސް ސަތޭކައަށްވުރެ މައްޗަށް އަރާކަމަށް އ.ދ.އިން ބުނެއެވެ. މި އަހަރުގެ މިހާތަނަށް ސަތޭކަ ފަންސާސް ހަ ހާހަށްވުރެ ގިނަ މީހުން މެޑިޓެރޭނިއަން ކަނޑު ހުރަސްކޮށް ގްރީސްއަށް ހިޖުރަކޮށްފައިވެއެވެ. ވިލާތުގެ ޤައުމުތަކަށް މިދިޔަ އަހަރު ހިޖުރަ ކުރި މީހުންގެ އަދަދު އަށް ސަތޭކަ ފަންސާސް ހަ ހާހަށްވުރެ މައްޗަށް އަރައެވެ.