ޚަބަރު

ސޫރިޔާއަށް ވައިގެ މަގުން އެހީ ފޯރުކޮށްދެނީ


ސޫރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގެ ސަބަބުން ޙާލުގައި ޖެހިފައިވާ އެތައް ހާސް ބަޔަކަށް އިންސާނީ އެހީގެ ސާމާނު ވައިގެ މަގުން ފޯރުކޮށްދިނުމާއިމެދު މަޝްވަރާ ކުރަމުންދާކަމަށް އދ.އިން ބުނެފިއެވެ.

އެމެރިކާއާއި، އިނގިރޭސިވިލާތް އަދި ފަރަންސޭސި ވިލާތުގެ އޮފިޝަލުން މިހާރު ގެންދަނީ، އދ. މެދުވެރިކޮށް މިކަމާއި ބެހޭ މަޝްވަރާތައް ބާއްވަމުންނެވެ.

ސޫރިޔާގައި ޙާލުގައި ޖެހިފައިވާ އެތައް ހާސް ރައްޔިތުންނަށް އިންސާނީ އެހީގެ ސާމާނު ވައިގެ މަގުން ފޯރުކޮށްދިނުމުގެ ހުއްދައަށް އެދި އދ.އިން މި ހަފްތާގެ ތެރޭގައި ސޫރިޔާގެ ސަރުކާރުގައި އެދޭނެއެވެ. ސޫރިޔާގެ ސަރުކާރުން ދާދި ފަހުންވަނީ ތިރީސް ހަ ސަރަހައްދަކަށް އެހީގެ ސާމާނު ފޯރުކޮށްދިނުމަށް އެއްބަސްވެފައެވެ. މީގެ ތެރޭގައި މިހާރުވެސް ހަނގުރާމަ ހިނގަމުންދާ އެގާރަ ސަރަހައްދެއް ހިމެނެއެވެ.

ސޫރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައާއި ގުޅިގެން އެ ޤައުމުގެ އެކި ކަންކޮޅުތަކުގައި އިންސާނީ އެހީއަށް ބޭނުންވެފައިވާ މީހުންގެ އަދަދު ހަ ސަތޭކަ ހާހަށްވުރެ މައްޗަށް އަރާކަމަށް އދ.ގެ އަންދާޒާތަކުން ދައްކައެވެ.