ޚަބަރު

ޔަހޫދީންގެ ޢުދުވާންތަކާ އެކު ފަހުން ބަދަލުނުކުރެވޭ ފަދަ ނަތީޖާތަކެއް ނިކުންނާނެ: ޕީޒިޝްކިޔާން


ޔަހޫދީންގެ އަމާޒަކީ ލޭއޮހޮރުވުން ބޮޑު ހަނގުރާމައެއްގެ ތެރެއަށް މެދުއިރުމަތި ވައްޓައިލައި, އެ ހަނގުރާމައިގެ ތެރެއަށް ތަދައްޚުލުވާން އީރާނަށް މަޖުބޫރު ކުރުވުން ކަމުގައި އެ ޤައުމުގެ ރައީސް މަސްޢޫދު ޕީޒިޝްކިޔާން ވިދާޅުވެއްޖެއެވެ. އޭނާ އެ މޭރުމުން ވިދާޅުވެފައި ވަނީ, ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން މީގެ 11 މަސް ކުރިން ޔަހޫދީ ފައުޖުން ޢުދުވާނެއް ފެށުމަށް ފަހު, ލުބްނާންގެ ޢާންމު ރައްޔިތުންނާ ދެކޮޅަށް ވެސް ޤަތުލުޢާންމުތަކެއް ހިންގަން ފަށާފައިވާ ދަނޑިވަޅެއްގައެވެ.

އީރާނުން ވާގިވެރިވާ ޙިޒްބުاللهގެ މުޖާހިދުންނާއި ޔަހޫދީންނާ ދެމެދު ޙަމަލާތައް ބަދަލު ކުރަން ފަށާފައި ވަނީ ޣައްޒާ ޢުދުވާނާ ގުޅިގެންނެވެ. ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް ކަމުގައިވާ ޙިޒްބުاللهން ޒަޔަނިސްޓު ދައުލަތުގެ ރަށްތަކާއި ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިންނަށް އަމާޒުކޮށް ޙަމަލާތައް ދިނުމުގެ ބޭނުމަކީ, ޣައްޒާ ޢުދުވާން ހުއްޓުމަކަށް ގެންނަން މަޖުބޫރު ކުރުވުމެވެ. ލޭއޮހޮރުވުން ބޮޑު ހަމަނުޖެހުންތަކުގެ ތެރެއަށް އީރާން ވައްދަން ޔަހޫދީން ކުރަމުންދާ މަސައްކަތްތަކަށް އިޝާރާތް ކުރައްވައި ޕީޒިޝްކިޔާން ވިދާޅުވީ, އެ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ ބަދަލުނުކުރެވޭނެ ފަދަ ނަތީޖާތަކެއް ނިކުންނާނެ ކަމުގައެވެ.

އެމެރިކާގެ ނިއު ޔޯކްގައި މިހާރު ކުރިއަށްދާ އދގެ ޢާންމު މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ކުރެއްވި ދަތުރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޕީޒިޝްކިޔާން ވިދާޅުވީ "މެދުއިރުމަތި ހަމަނުޖެހުންގަނޑެއްގެ ތެރެއަށް ވައްޓައިލަން އަޅުގަނޑުމެން [އީރާނުން] ބޭނުން ނުވާ" ކަމަށާއި, އެ ފަދަ ހާލަތެއްގެ ނަތީޖާއަކީ ފަހުން ބަދަލު ކުރެވޭނެ ކަމެއް ނޫން ކަމުގައެވެ.

"އަޅުގަނޑުމެން ބޭނުމީ ސުލްޙަވެރިކަމާ އެކު ދިރިއުޅެން, ހަނގުރާމަ ކުރަން ބޭނުމެއް ނޫން. ބޮޑު ހަމަނުޖެހުންގަނޑެއްގެ ބޭނުމުގައި އުޅެނީ އިސްރާއީލުން،" އޭނާ ވިދާޅުވިއެވެ. ޖުލައި މަހު އީރާނުގެ ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި ޕީޒިޝްކިޔާނަކީ މެދުމިނުގެ ސިޔާސަތުތައް އިސްކުރައްވާ ބޭފުޅެެކެވެ. އަދި, އީރާނުގެ ޚާރިޖީ ސިޔާސަތު މުރާޖާ ކުރައްވައި, ބޭރު ދުނިޔެއާ ދެމެދު އޮތް ގުޅުންތައް ހަރުދަނާ ކުރަން މަސައްކަތް ކުރައްވަން ވަޢުދުވެ ވަޑައިގަންނަވާފައިވާ ބޭފުޅެކެވެ. ނަމަވެސް, ޣައްޒާގައި ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޤަތުލުޢާންމުތަކާ މެދު އެއްޗެއް ނުބުނެ ބައިނަލްއަޤުވާމީ މުޖުތަމަޢު އޮތް ކަމަށް ވިދާޅުވެ, އޭނާ ވަނީ އެ ކަމާ ނުރުހުން ފާޅު ކުރައްވާފައެވެ.

ސެޕްޓެންބަރު 23ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ ލުބްނާންގެ ޢާންމު ރައްޔިތުންނާ ދެކޮޅަށް ނުރައްކާތެރި ޤަތުލުޢާންމެއް ފަަށާފައެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު 492އަށް އުފުލިފައިވާއިރު, އޭގެ ތެރޭގައި މައުސޫމު 35 ކުޑަކުދިންނާއި 58 އަންހެނުން ވެސް ހިމެނެއެވެ. ލުބްނާންގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ ޔަހޫދީ ފައުޖުގެ ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 1,645އަށް އުފުލިފައިވާ ކަމުގައެވެ.

ޔަހޫދީ ފައުޖުން ލުބްނާންގެ ޢާންމު ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ޤަތުލުޢާންމަށް އިޝާރާތް ކުރައްވައި ޕީޒިޝްކިޔާން ވިދާޅުވީ މެދުއިރުމަތީގައި މި ވަގުތު އުފެދިފައި އޮތް ހަމަނުޖެހުންތައް ޙައްލު ކުރެވޭނެ އޮތީ އެންމެ ގޮތެއް ކަމަށާއި, އެއީ މަޝްވަރާ ކުރުން ކަމުގައެވެ. "[ޔަހޫދީންގެ ނުރައްކަލުން] އަމިއްލަ ނަފުސު ދިފާޢުކޮށް ރައްކާތެރި ކުރަން ޖިހާދު ކުރަމުންދާ ކޮންމެ ބަޔަކަށް އަޅުގަނޑުމެން ވާގިވެރިވާނަން،" ޙިޒްބުاللهގެ މުޖާހިދުންނާއި ޔަހޫދީންނާ ދެމެދު ބަދަލު ކުރަމުންދާ ޙަމަލާތަކުގެ ތެރެއަށް އީރާނުން ވަނުމުގެ ފުރުޞަތު އޮތްތޯ ސުވާލު ކުރުމުން ޕީޒިޝްކިޔާން ވިދާޅުވިއެވެ.

ޔަހޫދީންނާ ލުބްނާނާ ދެމެދު ބަދަލު ކުރަމުންދާ ޙަމަލާތައް ލޭއޮހިރުވުން ބޮޑު ހަނގުރާމައަކަށް ބަދަލުވެފައިވާ ކަމަށް ވިލާތުގެ އިއްތިހާދު (އީޔޫ)ގެ ޚާރިޖީ ސިޔާސަތާ ބެހޭ މުޝީރު ޖޮސެފް ބޮރެއި ވެސް ވަނީ ސިފަ ކުރައްވާފައެވެ. އަދި, އެ ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް އދގެ ޢާންމު މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ނިއު ޔޯކަށް ވަޑައިގަންނަވާފައިވާ ޤައުމުތަކުގެ ވެރިންނަށް އޭނާ ވަނީ ގޮވައިލައްވާފައެވެ. "އެ ކަން ކުރަންވީ ވަގުތަކީ މިހާރު ނިއު ޔޯކްގައި،" އޭނާ ވިދާޅުވިއެވެ.

ލުބްނާންގެ ޢާންމުން ދިރިއުޅޭ ރަށްތަކަށް ޔަހޫދީ ފައުޖުން ދެމުންދާ ރަޙުމު ކުޑަ ޙަމަލާތަކުން ސަލާމަތްވާން އެތަކެއް ހާސް ބަޔަކު ދަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުވާން މަސައްކަތް ކުރަމުންނެވެ. ޔަހޫދީން ބުނީ, ލުބްނާންގެ ދެކުނުގައި ދިރިއުޅޭ ޢާންމު ރައްޔިތުން ޝަހީދުކޮށް ނެތިކޮށްލަން ދެމުންދާ ޙަމަލާތަކަކީ, ޙިޒްބުاللهގެ މުޖާހިދުން ސަރަޙައްދީ ރޮނގާ ދުރަށް ޖެއްސުމުގެ ބޭނުމުގައި ދެމުންދާ ޙަމަލާތަކެއް ކަމުގައެވެ.

ޙިޒްބުاللهން ބުނީ, ޔަހޫދީންނާ ދެކޮޅަށް ބޮޑު ހަނގުރާމައެއް ފެށުމުގެ އެއްވެސް ނިޔަތެއް އެ ޖަމާޢަތުގެ ކިބައިގައި ނެތް ކަމުގައެވެ. ނަމަވެސް, ޒަޔަނިސްޓުންގެ ރަށްތަކާއި, ޔަހޫދީ ފައުޖުގެ އަމާޒުތަކަށް ޙަމަލާ ދިނުން ހުއްޓައިލާނީ, ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓައިލުމުން ކަމުގައެވެ. ޣައްޒާ ޢުދުވާން ހުއްޓުވުމުގެ މަޤުޞަދުގައި އެ ސަހަރުގައި ވެރިކަން ކުރާ ޙަމާސްގެ މުޖާހިދުންނާއި ޔަހޫދީންނާ ދެމެދު, މިޞްރާއި ޤަޠަރުން އިސްވެ, ވިލަރެސް ކުރަމުންދާ މަޝްވަރާތަކުގައި ކުރިއެރުންތަކެއް ހޯދިފައެއް ނެތެވެ. އެ ކަމަށް ހުރަސް އަޅަމުން ދަނީ ޒަޔަނިސްޓުންގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއެވެ.