ޚަބަރު

ރާއްޖެއަށް ލިބޭ ހައްޖު ކޯޓާ އިތުރުކޮށްދޭނެކަމުގެ ފެހި ސިގްނަލް


  • ރާއްޖެއަށް އެކި ދާއިރާތަކުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށް ސައުދީގެ ޚާރިޖީ ވަޒީރު ވިދާޅުވި

ރާއްޖެއިން ކޮންމެ އަހަރަކު ހައްޖަށްދާ މީހުންގެ އަދަދު ނުވަތަ ހައްޖު ކޯޓާ އިތުރުކުރުމާއި ގުޅޭގޮތުން މުހިއްމު މަޝްވަރާތަކެއް ބާއްވައިފިއެވެ.

ހައްޖު ކޯޓާ އިތުރުކުރުމާއި ގުޅޭގޮތުން މަޝްވަރާތައް ބޭއްވެވީ އދގެ އާއްމު މަޖިލީހުގެ ހަވާސާގެ ތެރެއިން ސައުދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރު އަދި އދގެ އާއްމު މަޖިލީހުގައި ބައިވެރިވާ ސައުދީ ވަފްދުގެ އިސްވެރިޔާ ޕްރިންސް ފައިސަލް ބިން ފަރްހާން އަލް ސައުދުއާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ މުހަންމަދު މުއިއްޒު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދެ ގައުމުގެ މެދުގައި އޮތް ގާތް އަހުވަންތަ ގުޅުން ފާހަގަކުރައްވައި، އެކި ދާއިރާތަކުން ސައުދީ އަރަބިއްޔާއިން ދޭ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ސަރުކާރުން މިހާރު ކުރިއަށްގެންދަވާ ތަރައްގީގެ މަސައްކަތުގައި އެހީތެރިކަން ބޭނުންވާ ދާއިރާތަައްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މީގެއިތުރުން ހައްޖުގެ ކަންތައްތަކާއި ގުޅޭގޮތުންެްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ މަޝްވަރާކުރައްވާފައެވެ.

ސައުދީގެ ޚާރިޖީ ވަޒީރު ދެއްކެވި ވާހަކަފުޅުގައި ވަނީ ރާއްޖެއަށް ދޭ ހައްޖު ކޯޓާ އިތުރުކޮށްދިނުމުގެ މަޝްވަރާތަކަށް ސައުދީ ސަރުކާރުން ތައްޔާރަށް އޮތްކަން ހާމަކުރައްވާފައެވެ. އަދި އެކި ދާއިރާތަކުން ރާއްޖެއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިއޮންނާނެކަމުގެ ޔަގީންކަންވެސް ސައުދީ އަރަބިއްޔާގެ ހާރިޖީ ވަޒީރު ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އާއި ސައުދީގެ ޚާރިޖީ ވަޒީރުގެ ބައްދަލުކުރެއްވުން ނިންމަވާލެއްވީ ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ގުޅިގެން ކުރަމުންދާ މަސައްކަތް ދެމެހެއްޓުމުގެ އިތުރުން، ދެ ގައުމުގެ މެދުގައި އޮތް ސިޔާސީ ގުޅުން އިތުރަށް ވަރުގަދަކުރުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަންވެސް ދެއްވަމުންނެވެ.