ވިލާތުގެ ގައުމުތަކަށް ރާއްޖެއިން އެކްސްޕޯޓްކުރާ މަހުން ނަގާ ޓެރިފް ނުވަތަ ފީ ބޮޑުވުމާއި ގުޅިގެން ރާއްޖެއަށް ބޮޑެތި ދަތިތަކެއް ކުރިމަތިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޔޫރަޕިއަން ކޮމިޝަންގެ ރައީސް، އުރްސަލާ ވޮންޑެލެޔެންއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ. މި ބައްދަލުކުރެއްވުން އޮތީ އދގެ އާއްމު މަޖިލީހުގައި ހަވާސާގައެވެ.
މި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި ދެ ލީޑަރުންވެސް ވަނީ ދެ ފަރާތުގެ މެދުގައި އޮތް ވަރުގަދަ ގުޅުން ފާހަގަކުރައްވައި، އެ ގުޅުން އިތުރަށް ބަދަހިކުރަަން ބޭނުންފުޅުވާކަން ހާމަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ތަރައްގީގެ ތަސައްވުރާއި އެ ތަސައްވުރާއި އެއްގޮތަށް ތަރައްގީގެ މަސައްކަތްތައް ހަލުވިކޮށް ކުރިއަށް ގެންދިއުމަށް އެހީތެރިކަން ބޭނުންވާ ދާއިރާތަކަށް އަލިއަޅުވާލެއްވިއެވެ. މީގެއިތުރުން ރާއްޖެއިން ޔޫރަޕަށް އެކްސްޕޯޓް ކުރާ މަހުން ނަގާ ޓެރިފް ބޮޑުވުމުގެ ސަބަބުން ޔޫރަޕްގެ ބާޒާރުގައި ވާދަކުރުމަށް ރާއްޖެއަށް ދަތިތަކެއް އޮތްކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި އެކަމުގެ ނުރައްކާ ކުޑަކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތައްވެސް ރައީސް ފާހަގަކުރެއްވިއެވެ.
ޔޫރަޕިއަން ކޮމިޝަންގެ ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ ރާއްޖެއަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުމަށް ތައްޔާރަށް އޮތްކަން ހާމަކުރައްވާފައެވެ. އެކަމަނާގެ ވާހަކަފުޅުގައި މޫސުމީ ބަދަލުތަކާއި ގުޅޭ ކަންކަމުގައި ރާއްޖެއިން އިސްނަގައިގެން ކުރަމުންދަނީ ހަރުދަނާ މަސައްކަތްތަކެއްކަންވެސް ފާހަގަކުރެއްވިއެވެ. އަދި އެ މަސައްކަތުގައި ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރަށް އޮތްކަންވެސް ޔޫރަޕިއަން ކޮމިޝަންގެ ރައީސް ހާމަކުރެއްވިއެވެ.