ޚަބަރު

ޔަހޫދީން އުޅެނީ މެދުއިރުމަތީގައި ލޭއޮހޮވުރުން ބޮޑު ހަނގުރާމައެއް ފަށަން: އުރްދުޣާން


ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިން ލުބްނާނަށް މި ވަގުތު ދެމުންދާ ނިރުބަވެރި ޙަމަލާތަކުން ދޭހަވަނީ, މެދުއިރުމަތީގައި ނުރައްކާތެރި އަދި ލޭއޮހޮރުވުން ބޮޑު ހަނގުރާމައެއް ފެށުމަށް ޔަހުދީން މަސައްކަތް ކުރަމުންދާ ކަން ކަމުގައި ވިދާޅުވެ, ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން ޔަހޫދީންގެ ނިރުބަވެރި އަމަލުތައް ހުއްޓުވަން ހުޅަނގަށް ގޮވައިލައްވައިފިއެވެ. އޭނާ އެ މޭރުމުން ވިދާޅުވެފައިވާއިރު, ޔަހޫދީ ފައުޖުން ދަނީ މެދުކެނޑުމެއް ނެތި ލުބްނާންގެ ޢާންމު ރައްޔިތުންގެ ގެދޮރާއި, އަސާސީ ޚިދުމަތްތައް ފޯރު ކޮށްދޭން ބޭނުން ކުރާ ވަސީލަތްތަކަށް އަމާޒުކޮށް ވަރުގަދަ ޙަމަލާތަކެއް ދެމުންނެވެ.

ޔަހޫދީ ފައުޖުން ދަނީ ލުބްނާންގެ ދެކުނުގެ އިތުރުން އިރުމައްޗާއި އުތުރުގައިވާ ރަށްތަކަށް ވެސް ވައިގެ ޙަމަލާތައް ދެމުންނެވެ. އެ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 274އަށް އުފުލިފައެވެ. އޭގެ ތެރޭގައި 21 ކުޑަކުދިންނާއި 39 އަންހެނުން ހިމެނޭ ކަމަށް ލުބްނާންގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 1,024އަށް އަރައެވެ.

ތުރުކީވިލާތުގެ ވެރިރަށް އަންކަރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އުރްދުޣާން ވިދާޅުވީ, އެމެރިކާގެ ނިއު ޔޯކްގައި މިހާރު ކުރިއަށްދާ އދގެ ޢާންމު މަޖިލީހުގެ ބައްދަލުވުމުގައި އޭނާ ދެއްވާ ތަޤުރީރުގައި އެންމެ ބޮޑަށް އަލިއަޅުއްވައިލައްވާނީ ފަލަސްޠީނާއި ލުބްނާންގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ކަމުގައެވެ.

"އަޅުގަނޑުމެންގެ ސަރަޙައްދު ބޮޑު ކާރިސާއެއްގެ ތެރެއަށް ވައްޓައިލުމުގެ ކުރިން އިސްރާއީލަށް ބާރުއެޅުން އިހުނަށްވުރެ އިތުރު ކުރަން ޖެހޭ،" އޭނާ ވިދާޅުވިއެވެ. އޭނާ އިޝާރާތް ކުރައްވާފައި ވަނީ, ލުބްނާންގެ ޢާންމު ރައްޔިތުން ޝަހީދުކޮށް ނެތިކޮށްލުމުގެ އަނިޔާވެރި މަޤުޞަދުގައި ޔަހޫދީ ފައުޖުން ދެމުންދާ ނިރުބަވެރި ޙަމަލާތަކަށެވެ.

ލުބްނާންގެ ރައްޔިތުން މުއާޞަލާތު ކުރުމަށް ބޭނުން ކުރާ ޕޭޖަރުތަކާއި ވޯކީޓޯކީ ފަދަ ތަކެތީގައި ގޮވާތަކެތި ހަރުކޮށް, އެ ތަކެތި ގޮއްވައިލައިގެން ވެސް ޔަހޫދީ ފައުޖުން ދާދި ފަހުން ރަޙުމު ކުޑަ ނިރުބަވެރި ޙަމަލާތަކެއް ދިނެވެ. އެ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު 39އަށް އުފުލިފައިވާއިރު, އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ ކުޑަކުދިން ވެސް ހިމެނެއެވެ. އެއަށް ފަހު, ޙިޒްބުاللهގެ ދެ ކޮމާންޑަރުން ކަމުގައިވާ އިބްރާހީމް ޢަޤީލާއި އަޙްމަދު ވަހަބީ ޝަހީދު ކޮށްލަން ބައިރޫތަށް ދިން ޙަމަލާތަކެއްގައި އިތުރު 43 މީހުން ޝަހީދު ކޮށްލިއެވެ.

"މިއީ, ދުނިޔޭގައި ސުލްޙައަށް މަސައްކަތް ކުރުމުގެ މަޤުޞަދުގައި އޮތް ޤައުމުތަކުން ތެދުވެ, އިސްރާއީލު ހުއްޓުވޭނެ ގޮތްތަކެއް ހޯދަންވީ ވަގުތު. އެ ކަން ކުރަން ޖެހެނީ, އަހަރެއްހާ ދުވަސް ވަންދެން [ޣައްޒާގެ މުސްލިމުންނަށް ކުރިމަތި ކޮށްފައިވާ] އަޅުވެރިކަމުން އެ މީހުން ސަލާމަތް ކުރުމަށް, [ޣައްޒާގެ] ލާއިންސާނީ ޢުދުވާން ހުއްޓުވައި [ޣައްޒާގެ މުސްލިމުންނަށް] އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް, އަޅުގަނޑުމެން އެންމެން, މުޅި ދުނިޔެ, އަދި ޚާއްޞަކޮށް އދގެ, ވަރަށް މުހިންމު ޒިންމާއެއް އެބައޮތް،" ޔަހޫދީންގެ ނިރުބަވެރި ޙަމަލާތައް ކުށްވެރި ކުރައްވައި އުރްދުޣާން ވިދާޅުވިއެވެ.

ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން މީގެ 11 މަސް ކުރިން ފެށި ލާއިންސާނީ ޖާރީމާތައް އެންމެ ހަރުއަޑުން ކުށްވެރި ކުރަމުންދާ އެއް ޤައުމަކީ ތުރުކީވިލާތެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު 41,431އަށް އުފުލިފައިވާއިރު, އޭގެ ތެރޭގައި 17,000އެއްހާ މައުސޫމު ކުޑަކުދިން ހިމެނެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 95,818އަށް އުފުލިފައެވެ.

އެ ޙަމަލާތައް ކުށްވެރި ކުރުމުގެ އިތުރުން ތުރުކީވިލާތުން ވަނީ ޔަހޫދީންނާ އެކު ހިންގަމުން ދިޔަ ވިޔަފާރީގެ ގުޅުންތައް ކަނޑައިލާފައެވެ. އަދި, ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޤަތުލުޢާންމުތަކާ ގުޅިގެން ޔަހޫދީންނާ ދެކޮޅަށް ދެކުނު އެފްރިކާއިން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އަށް ހުށަހަޅާފައިވާ މައްސަލައިގައި ތަދައްޚުލުވާން ހުށަހަޅާފައެވެ.

ފަލަސްޠީނުގެ ޣައްޒާއާއި ހުޅަނގު އައްސޭރީގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ލާއިންސާނީ ޖަރީމާތައް ހިންގަމުންދާ މި ދަނޑިވަޅުގައި, ހުޅަނގު އައްސޭރީގައި ދިރިއުޅޭ މުސްލިމުންނާ ދެކޮޅަށް ހައްދުފަހަނަ އެޅި ޔަހޫދީ ޢާންމުން ވެސް ދަނީ ނިރުބަވެރި ޙަމަލާތައް ދެމުންނެވެ. އެ ކަމާ ގުޅިގެން އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރު ޑޭވިޑް ލާމީ ވިދާޅުވީ, މުސްލިމުންނާ ދެކޮޅަށް ނިރުބަވެރި އަދި އަނިޔާވެރި ޙަމަލާތައް ދެމުންދާ ހައްދުފަހަނަ އެޅި ޔަހޫދީންނަކީ ކޮން ބަޔެއްކަން ދެނެގަނެ, އެ މީހުންނާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅުތައް އެޅުމަށް އިނގިރޭސިވިލާތުން މަސައްކަތް ކުރަމުންދާ ކަމުގައެވެ.

ފެބުރުވަރީއާއި މޭ މަހުގެ ތެރޭގައި ވެސް ހައްދުފަހަނަ އެޅި ޔަހޫދީ ޢާންމުންނާއި ޔަހޫދީންގެ ނިރުބަވެރި ޖަމާޢަތްތަކާ ދެކޮޅަށް އިނގިރޭސިވިލާތުން ދަތި ކުރުމުގެ ފިޔަވަޅުތަކެއް އަޅާފައިވެއެވެ. ޖުލައި މަހު އިނގިރޭސިވިލާތުގެ ވެރިކަމާ ހަވާލުވި ލޭބަރ ޕާޓީގެ ޚާރިޖީ ވަޒީރު ލާމީ ވިދާޅުވީ, އިނގިރޭސިވިލާތުގެ ކުރީގެ ސަރުކާރެކޭ އެއް ފަދައިން ލޭބަރގެ ސަރުކާރުން ވެސް ހައްދުފަހަނަ އެޅި ޔަހޫދީންނާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅުތައް އަޅާނެ ކަމުގައެވެ.

"އެ މީހުން ހިންގަމުންދާ [ނިރުބަވެރި] އަމަލުތަކާ ގުޅިގެން މަސްރަޙު އިތުރަށް ހޫނުވުމުގެ ކަންބޮޑުވުން އެބައޮތް, މިހާރު ވެސް މަސްރަޙު ހޫނުވަމުންދާތީ ކަންބޮޑުވޭ،" ލާމީ ވިދާޅުވިއެވެ. ހައްދުފަހަނަ އެޅި ޔަހޫދީންނާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅުތައް އެޅުމާ ގުޅޭ ގޮތުން ސިނާޢީ ގޮތުން އެންމެ ކުރިއަރާފައިވާ, ގްރޫޕް އޮފް ސެވަން (ޖީ7)ގެ މެންބަރު ޤައުމުތަކާއި ވިލާތުގެ ޤައުމުތަކާ އެކު މަޝްވަރާ ކުރަމުންދާ ކަން ވެސް އޭނާ ހާމަ ކުރެއްވިއެވެ.