ޚަބަރު

ރާއްޖެއަށް ބޭނުންވާ ކަންކަމުގައި އެހީތެރިވުމަށް ޗައިނާއިން އަބަދުވެސް އޮންނާނީ ތައްޔާރަށް: ވަންގ ޔީ


  • ޗައިނާގެ އެހީގައި ރާއްޖޭގައި ކުރިއަށްގެންދާ މަޝްރޫޢުތަކާ ބެހޭގޮތުން މަޝްވަރާކުރެއްވި

ދެ ޤައުމުގެ ޝާމިލުވުން އޮންނަ ހުރިހާ ދާއިރާއެއްގައިވެސް ދިވެހިރާއްޖެއަށް ޗައިނާގެ ތާއީދު ލިބެމުންދާނޭކަމުގެ ޔަޤީންކަން ދެއްވާކަމަށް ޗައިނާގެ ޚާރިޖީ ވަޒީރު ވަންގް ޔީ ވިދާޅުވެއްޖެއެވެ.

ޗައިނާގެ ޚާރިޖީ ވަޒީރު ވަންގް ޔީ މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

ސީޕީސީގެ ސެންޓްރަލް ކޮމިޓީގެ ޕޮލިޓިކަލް ބިއުރޯގެ މެމްބަރު، ޗައިނާގެ ސެންޓްރަލް ކޮމިޝަން ފޯ ފޮރިން އެފެއާޒްގެ އޮފީހުގެ ޑިރެކްޓަރު ވަންގ ޔީއާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވީ
އެމެރިކާގެ ނިއުޔޯކުގައި ކުރިއަށްދާ އދ.ގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ޗައިނާއާއެކު އޮންނަ ގުޅުމަށް ރާއްޖެއިން ދެއްވާ އަހައްމިއްޔަތުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ދެ ޤައުމުގެ މެދުގައި ވެފައިވާ އެއްބަސްވުންތަކާއި، ދެ ޤައުމުން ގުޅިގެން ކުރިއަށްގެންދާ މަޝްރޫޢުތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރައްވާފައިވެއެވެ. މީގެއިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ތަރައްޤީކުރުމަށް ޗައިނާއިން ދެމުންދާ އެއްބާރުލުމަށްވެސް، ރައީސުލްޖުމްހޫރިއްޔާ ޝުކުރުއަދާކުރައްވާފައިވެއެވެ.

ޑިރެކްޓަރު ވަންގ ޔީ ވަނީ ދެ ޤައުމުގެ ޝާމިލުވުން އޮންނަ ހުރިހާ ދާއިރާއެއްގައިވެސް ދިވެހިރާއްޖެއަށް ޗައިނާގެ ތާއީދު ލިބެމުންދާނޭކަމުގެ ޔަޤީންކަން ދެއްވާފައެވެ. ވަކިން ޚާއްޞަކޮށް މޫސުމީ ބަދަލުތަކަށް އަހުލުވެރިވުމަށް ކުރާ މަސައްކަތްތަކުގައި އެއްބާރުލުން ދިނުމުގައި ދެމިތިއްބެވުމުގެ މުހިއްމުކަން ދެ ބޭފުޅުންވެސް ފާހަގަކުރެއްވިއެވެ.

އދގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް، ރައީސުލްޖުމްހޫރިއްޔާ މިވަގުތު ހުންނެވީ އެމެރިކާގެ ނިއުޔޯކުގައެވެ.