ޚަބަރު

ޕާކިސްތާނަށް ޒިޔާރަތް ކުރި ބޭރު ޤައުމެއްގެ ޑިޕްލޮމެޓުންތަކަކަށް ޙަމަލާ ދީފި


ޕާކިސްތާނުގެ ހުޅަނގުއުތުރުގެ ސަރަޙައްދަކަށް ޒިޔާރަތް ކުރައްވަމުން ގެންދެވި ބޭރު ޤައުމެއްގެ ޚާރިޖީ ދާއިރާގެ އޮފިޝަލުންތަކެއް ދަތުރު ކުރައްވަމުން ގެންދެވި ގާފިލާއަކަށް އަމާޒުކޮށް ބޮމުގެ ޙަމަލާއެއްދީ, އެ ވަފުދުގެ ސަލާމަތީ ކަންކަން ބަލަހައްޓަމުން ދިޔަ ފުލުހަކު މަރައިލައިފިއެވެ. ބޮމެއް ގޮއްވައިލައިގެން ޙަމަލާ ދީފައި ވަނީ އެ ޤައުމުގެ ޚައިބަރް ޕަޚްތުންޚާ ޕުރޮވިންސުގެ ސުވާތު ވާދީގެ ރަށެއް ކަމުގައިވާ މައުލަމް ޖަބާއަށް ބޭރުގެ ސަފީރުން ދަތުރު ކުރައްވަމުން ގެންދެވި ގާފިލާއަށެވެ.

ބޭރުގެ ސަފީރުންތަކެއް އެ ސަރަޙައްދަށް ވަޑައިގަންނަވާފައި ވަނީ, މައުލަމް ޖަބާގައި ފަތުރުވެރިކަން ކުރިއެރުވުމަށް އެ ސަރަޙައްދުގެ ވިޔަފާރިއާ ބެހޭ އިދާރާއިން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ދިން ދަޢުވަތަކާ ގުޅިގެންނެވެ. "ބޮން ގޮއްވައިލާފައި ވަނީ ގާފިލާގެ އެންމެ ކުރީގައި އޮތް ފުލުހުންގެ އުޅަނދު [ބޮން ފޮރުވާފައި އޮތް ހިސާބަށް] ފޯރުމާ އެކު،" ސުވާތު ޑިސްޓްރިކްޓުގެ ފުލުހުންގެ އޮފިސަރެއް ކަމުގައިވާ ޛާހިދުالله ޚާން ވިދާޅުވިއެވެ.

ބޮމުގެ ޙަމަލާގައި އެއް ފުލުހަކު މަރުވެފައިވާއިރު, އިތުރު ހަތަރު ފުލުހަކު ޒަޚަމުވެފައިވާ ކަމުގައި ވެސް ޚާން ވިދާޅުވިއެވެ. ޕާކިސްތާނުގެ ރައީސް ޢާޞިފް ޢަލީ ޛަރްދާރީއާއި ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަނީ އެ ޙަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައެވެ. އެ ޤައުމުގައި ހަރަކާތްތެރިވާ އެއްވެސް ހަތިޔާރު އެޅި ޖަމާޢަތަކުން ބޮމުގެ ޙަމަލާގެ ޒިންމާ އުފުލާފައެއް ނެތެވެ.

ޕާކިސްތާން ފުލުހުންގެ ޑެޕިޔުޓީ އިންސްޕެކްޓަރ ޖެނެރަލް މުޙައްމަދު ޢަލީ ޣަންދާޕޫރު ވިދާޅުވީ, ގާފިލާގައި ދަތުރު ކުރައްވަމުން ގެންދެވި އެއްވެސް ސަފީރެއްގެ ފުރާނައަށް ބޮމުގެ ޙަމަލާގައި ނުރައްކާވެފައި ނުވާ ކަމުގައެވެ. އަދި, އެއްވެސް ސަފީރަކު ޒަޚަމުވެފައި ނުވާ ކަމުގައެވެ. "އެއްވެސް ސަފީރަކަށް ޙަމަލާގައި ނުރައްކަލެއް ނުވޭ, އެ ބޭފުޅުން ވަނީ [ވެރިރަށް] އިސްލާމްއާބާދަށް ފުރާވަޑައިގެންނެވުމުގެ ކުރިން ރައްކާތެރި ތަނަކަށް ބަދަލު ކޮށްފައި،" ޣަންދާޕޫރު ވިދާޅުވިއެވެ. އެ ގާފިލާގައި ޑަޒަނެއްހާ ސަފީރުން ތިބި ކަމުގައި ޕާކިސްތާނުގެ ފުލުހުން ބުނެފައިވާއިރު, އެއީ ކޮން ޤައުމެއްގެ ސަފީރުންތަކެއް ކަން ހާމަ ކޮށްފައެއް ނެތެވެ.

ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއިން ބުނީ, ހުރިހާ ސަފީރުން ރައްކާތެރިކަމާ އެކު އެނބުރި އިސްލާމްއާބާދަށް ގެންގޮސްފައިވާ ކަމުގައެވެ. "މި ފަދަ ޙަމަލާތަކާ ގުޅިގެން ނިރުބަވެރިކަމާ ދެކޮޅަށް ޕާކިސްތާނުން ކުރަމުންދާ ހަނގުރާމައަށް ހުއްޓުމެއް ނުގެނެވޭނެ،" އެ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ބޮމުގެ ޙަމަލާ ދީފައިވާ ސުވާތު ވާދީއަކީ ނިރުބަވެރިކަމާ ދެކޮޅަށް ހަރަކާތްތެރިވާ ޕާކިސްތާނުގެ އަސްކަރިއްޔާއާއި ފުލުހުންގެ ޓީމުތަކުން ފުޅާ ދާއިރާއެއްގައި އޮޕަރޭޝަންތައް ހިންގަމުންދާ ސަރަޙައްދެކެވެ. 2022ވަނަ އަހަރަށް ފަހު, އެ ސަރަޙައްދުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކުގެ ހަރަކާތްތައް އިތުރު ކޮށްފައިވާ ކަން ފާހަގަ ކުރެވެއެވެ. އަދި, ނިރުބަވެރި ޙަމަލާތައް ވެސް ވަނީ އިތުރު ކޮށްފައެވެ.

ސުވާތު ވާދީގައި ދަތުރު ކުރައްވަމުން ގެންދެވި ބޭރު ޤައުމެއްގެ ސަފީރުންނަށް އަމާޒުކޮށް ދިން ބޮމުގެ ޙަމަލާގެ ފަހަތުގައިވާ ބަޔަކު ހޯދައި, ހައްޔަރު ކުރުމަށް އެ ޤައުމުގެ އަސްކަރިއްޔާއާއި ފުލުހުން ވަނީ ގުޅިގެން އޮޕަރޭޝަނެއް ފަށާފައެވެ. އެ އޮޕަރޭޝަންގެ ދަށުން އެ ސަރަޙައްދުގައި ކަރފިޔު އިޢުލާނު ކޮށްފައިވާ ކަމުގައި ފުލުހުން ބުންޏެވެ.