ޚަބަރު

ޔަހޫދީންނަށް ވާގިވެރިވި 12 މީހަކު އީރާނުން ހައްޔަރުކޮށްފި


ޒަޔަނިސްޓު ދަޢުލަތަކަށް ވާގިވެރިވުމުގެ ކުށުގެ ތުހުމަތުގައި އީރާނުން 12 މީހަކު ހައްޔަރު ކޮށްފައިވާ ކަން އެ ޤައުމުގެ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ)ން ހާމަކޮށްފިއެވެ. ޔަހޫދީންނަށް ވާގިވެރިވުމުގެ ކުށުގެ ތުހުމަތުގައި ބަޔަކު ހައްޔަރު ކޮށްފައި ވަނީ ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ ގުޅިގެން އީރާނާއި ޔަހޫދީންނާ ދެމެދު މަސްރަޙު ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ.

ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ދަނީ ލާއިންސާނީ ޢުދުވާނެއް ހިންގަމުންނެވެ. އެ ޢުދުވާނުގެ ދަށުން ޔަހޫދީ ފައުޖުން ޖުލައި މަހުގެ 31ވަނަ ދުވަހު އީރާނުގެ ވެރިރަށް ތަހްރާނަށް ވެސް ނިރުބަވެރި ޙަމަލާއެއް ދިނެވެ. އެ ޙަމަލާގައި ޔަހޫދީ ފައުޖުން ވަނީ ޣައްޒާގައި ވެރިކަން ކުރާ ޙަމާާސް ޖަމާޢަތުގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާޢީލް ހަނިއްޔާ ޝަހީދު ކޮށްލާފައެވެ. އީރާނުން ވަނީ, އެ ޙަމަލާގެ ބަދަލު ހިފާނެ ކަމަށް ބުނެ ޔަހޫދީންނަށް ވަރުގަދަ އިންޒާރެއް ދީފައެވެ.

އައިއާރްޖީސީން ބުނީ, ހައްޔަރު ކޮށްފައިވާ 12 މީހުންނަކީ ޔަހޫދީ ދަޢުލަތަށް ވާގިވެރިވެދީ, އީރާނުގެ ދަޢުލަތަކާ ދެކޮޅަށް ނިރުބަވެރި ޙަމަލާތައް ދިނުމަށް ޔަހޫދީންނަށް އެހީތެރިކަން ފޯރުކޮށްދެމުން ދިޔަ ބަޔެއް ކަމުގައެވެ. އެ މީހުން ހައްޔަރު ކޮށްފައި ވަނީ އީރާނުގެ އެކި ޕުރޮވިންސްތަކުން ކަން ވެސް އައިއާރްޖީސީން ހާމަކުރިއެވެ.

"ޒަޔަނިސްޓު ދަޢުލަތް [އިސްރާއީލް] އަދި އެ މީހުންގެ ހުޅަނގުގެ މަދަދުގާރުން, ޚާއްޞަކޮށް އެމެރިކާއިން, ޣައްޒާއާއި ލުބްނާންގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ފޭލުވަމުން ދިޔުމާ ގުޅިގެން އެ މީހުން ވަނީ އީރާނަށް ޢުދުވާންތައް ފުޅާކޮށް, މި ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ނަގައިލަން އަމާޒު ހިފާފައި،" އައިއާރްޖީސީން ނެރުނު ބަޔާނެއްގައި ބުންޏެވެ.

މެދުއިރުމަތީގެ ސުލްޙަމަސަލަސްކަން ނަގައިލައި, ހަމަނުޖެހުން އުފައްދަން ޔަހޫދީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެ ތެރޭގައި ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޢުދުވާން ހިންގުމާއި, ލުބްނާންގެ ރައްޔިތުންނާ ދެކޮޅަށް ނިރުބަވެރި ޙަމަލާތައް ދިނުން ހިމެނެއެވެ. ލުބްނާންގެ ޢާންމު ރައްޔިތުން މުއާޞަލާތު ކުރަން ބޭނުން ކުރާ ޕޭޖަރުތަކާއި ވޯކީޓޯކީ ފަދަ ތަކެތީގައި ގޮވާތަކެތި ހަރުކޮށް, އެ ތަކެތި ގޮއްވައިލައިގެން ޔަހޫދީ ފައުޖުން ދާދި ފަހުން ނިރުބަވެރި ޙަމަލާތަކެއް ދިނެވެ.

އެ ޙަމަލާތަކުގައި ޝަހީދު ކޮށްފައިވާ މީހުންގެ ޢަދަދު 39އަށް އުފުލިފައިވާއިރު, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 3,000އަށް އަރައެވެ. އޭގެ ތެރެއިން 300އެއްހާ މީހުންގެ ހާލު ސީރިޔަސް ކަމުގައި ލުބްނާންގެ ޞިއްޙީ ވުޒާރާއިން ހާމަކުރިއެވެ. އެއަށްފަހު, ޔަހޫދީ ފައުޖުން ވަނީ ލުބްނާންގެ ވެރިރަށް ބައިރޫތަށް ވައިގެ ޙަމަލާތަކެއްދީ 31 މީހުން ޝަހީދު ކޮށްލާފައެވެ. އޭގެ ތެރޭގައި މައުސޫމު ތިން ކުޑަކުދިންނާއި ހަތް އަންހެނުން ހިމެނެއެވެ. އަދި, ލުބްނާންގައި ހަރަކާތްތެރިވާ މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުاللهގެ ދެ ކޮމާންޑަރުން ކަމުގައިވާ އިބްރާހީމް ޢަޤީލާއި އަޙްމަދު ވަހަބީ ހިމެނެއެވެ.

މެދުއިރުމަތީގެ މުސްލިމް ޤައުމުތަކާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ ޝިކާރައަކަށްވެފައި ވަނީ ކުޑަކުދިން ކަން ހާމަކުރައްވައި, އީރާނުގެ ރޫހީ ވެރިޔާ އާޔަތުالله ޢަލީ އަލް-ޚާމަންޢީ ދާދި ފަހުން ވަނީ އެ ކަމާ މެދު ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އޭނާ ވިދާޅުވީ, ޣައްޒާއާއި ހުޅަނގު އައްސޭރީގެ އިތުރުން ލުބްނާނާއި ސޫރިޔާގެ ކުޑަކުދިންނަށް އަމާޒުކޮށް ޔަހޫދީ ފައުޖުން ލަދުވެތި ކުށްތަކެއް ހިންގަމުން ދަނީ އެއްވެސް ޖެހިލުމެއް ނެތި ކަމުގައެވެ. ޔަހޫދީ ފައުޖުން ޙަމަލާތައް އަމާޒު ކުރަމުން ދަނީ "ހަތިޔާރު އެޅި މީހުންގެ ބަދަލުގައި ޢާންމު ރައްޔިތުންނަށް" ކަމުގައި އޭނާ ވިދާޅުވިއެވެ.