ޚަބަރު

އާދަމް ޙަލީމްގެ މަރު: ސަމާހު މަރަން ކުރި ޙުކުމް 12 އަހަރުފަހުން އަލުން ބަލަން އަންގައިފި


  • ދައުވާލިބޭ ފަރާތުގެ ބަޔާނުގެ ތަންތަންކޮޅު ނަގައިގެން ބޭނުންކުރުމަކީ ރަނގަޅުކަމެއް ނޫންކަމަށް ޙުކުމުގައިވޭ

ފުލުހުންގެ ޑިއުޓީ އަދާކުރަމުން ދަނިކޮށް، މީގެ 12 އަހަރުކުރިން ތޫނު އެއްޗަކުން ހަމަލާދީ މަރާލި އާދަމް ޙަލީމްގެ މަރުގެ މައްސަލާގައި މުޙައްމަދު ސަމާހު މެރުމަށް ކޮށްފައިވާ ޙުކުމުގެ މައްސަލަ އަލުން ދަށު ކޯޓުން ބަލަން ސުޕްރީމް ކޯޓުން ޢަމުރުކޮށްފިއެވެ.

ކ. ކާށިދޫގައި ޑިއުޓީ އަދާކުރަމުން ދަނިކޮށް، ތޫނު އެއްޗަކުން ހަމަލާދީ މަރާލީ 2012 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އެ މައްސަލަ ސާބިތުވެ، އެރަށު ސުވާސާގޭ މުޙައްމަދު ސަމާހު މެރުމަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމަށް ހައި ކޯޓުން އޮތީ ތަޢީދުކޮށްފައެވެ. ނަމަވެސް އެ މައްސަލަ އޭނާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރިއެވެ.

ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ޙުކުމް އިއްވަވަމުން ފަނޑިޔާރު ހުސްނުއްސުޢޫދު ވިދާޅުވީ މީހަކު ކުށަކަށް އެއްބަސް ވިޔަސް އެ މީހެއްގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމޭނީ އެމީހަކު ދައްކާ ވާހަކަތައް އެއްވެސް ޝައްކެއް ނެތް މިންވަރަށް ކަށަވަރު ކުރުމަށްފަހުކަމަށެވެ. ނަމަވެސް އާދަމް ޙަލީމް މަރާލިކަމަށް މުހައްމަދު ސަމާހު އެއްބަސްވިނަމަވެސް، ޙަމަލާދިނީ ގަސްދުގައި މީހަކު މެރުމުގެ ނިޔަތުގައި ނޫންކަމަށް ސަމާހު ބުނިކަމަށް ޙުކުމުގައިވެއެވެ. ސުޢޫދު ވިދާޅުވީ ނިޔަތް ދެނެގަންނަން ޖެހޭނީ ބަޔާނުން ލިބޭ މިނިވަން މުސްތަޤިއްލު ހެއްކާއި ޤަރީނާއިންކަމަށެވެ.

"ދައުވާ ލިބޭފަރާތުގެ ބަޔާން ހުންނަންވާމީ އެއްކޮށް، ދައުވާލިބޭ ފަރާތުގެ ބަޔާނުގެ ތަންތަންކޮޅު ނަގައިގެން ބޭނުންކުރުމަކީ ރަނގަޅުކަމެއް ނޫން" ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވިއެވެ.


ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ، މުޙައްމަދު ސަމާހު ކުށަށް އިއުތިރާފްވުމުން، އޭނާއަށް ދެކޮޅަށް އިތުރު ހެއްކެއް ހޯދުމަށް ފުލުހުން މަސައްކަތްކޮށްފައި ނުވާކަމަށެވެ. އެގޮތުން މުހައްމަދު ސަމާހުގެ ހެކިވެރިންގެ ހެކިބަސް ނަގާފައިނުވާކަމަށާއި، ޑިޖިޓަލް އެއްޗެހި ހެކިބަހުގެ ގޮތުގައި ނުބެލެވޭނެކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވިއެވެ. ކުށަށް އިއުތިރާފްވުމަށްފަހު ސަމާހު އެ އިއުތިރާފް އަނބުރާ ގެންގޮސްފައިވާކަމަށާއި، އެއަށް ބާރުދޭނެ އިތުރު ހެއްކެއްވެސް ނެތްކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. ސަމާހުގެ ބަޔާން ބައިބައިކޮށްގެން ކުށް ސާބިތުވާނެކަމަށް ނުނިންމޭނެކަމަށްވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ސުޢޫދު ވިދާޅުވިއެވެ.

ސަމާހު ކުށަށް އެއްބަސްވީ ބިރު ދައްކައިގެންކަމަށް އޭނާ ބުނުމާއިި، އޭނާ ވެފައިވާ އިއުތިރާފްގެ ބޭރުން އިތުރު ހެއްކެއް ހޯދާފައި ނުވުމުން އެ މައްސަލަ އަލުން ބަލަންޖެހޭކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމުގައިވެއެވެ. މި ޙުކުމްކުރީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާޤުންނެވެ.

މި މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ހުސްނުއްސުއޫދެވެ. ދެން މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި، ފަނޑިޔާރު މަހާޒް ޢަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ.

ކ. ކާށިދޫގައި ޕޮލިސް އާދަމް ހަލީމަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލާގައި އޭނާގެ ގާޠިލް، މުޙައްމަދު ސަމާހު މެރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 2013 ވަނަ އަހަރުއެވެ. އެ މައްސަލަ ސަމާހުގެ ފަރާތުން އިސްތިއުނާފް ނުކުރުމުން ސުޕްރީމް ކޯޓުން ހަމަޖައްސާފައިވާ އުސޫލުގެ ދަށުން އެ ހުކުމުގެ ސައްހަކަން ކަށަވަރު ކުރަން ހައި ކޯޓަށް ހުށަހެޅީ ދައުލަތުންނެވެ.