ޚަބަރު

ޒަޚަމްކޮށްލި ދެވަނަ ކުއްޖާވެސް މަރުވެއްޖެ


މިރޭ ދިހަގަޑި ފަހެއް ހާއިރު މާފަންނުގައި ހުރި ގެއެއްގެ ތެރޭގައި ހިނގި ނުރައްކާތެރި މާރާމާރީއެއްގައި ޒަޚަމްވި ކުއްޖަކު މަރުވެއްޖެއެވެ.

މި ހާދިސާގައި މަރުވެފައިވަނީ 14 އަހަރުގެ ކުއްޖެއްކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުން މަޢުލޫމާތުދެއްވައެވެ. އޭނާގެ ބުރަ ކަށީގެ ވާތް ފަރާތުގެ ތިން ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާކަމަށާއި، އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޭނާގެ ވިންދު ނެތްކަމަށް، ޑޮކްޓަރުންނާއި ހަވާލާދީ އެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލެއް މަޢުލޫމާތުދެއްވިއެވެ.

މި ޒުވާނާ މަރުވެފައިވަނީ މިރޭ ގާތްގަނޑަކަށް 10:30 އެހާއިރުކަމަށް އެ ހޮސްޕިޓަލުން މަޢުލޫމާތުދެއްވައެވެ.

މީގެ އިތުރުން، މިއަދު ހަވީރު ހިނގި މާރާމާރީއެއްގައި ބޮޑެތި ޒަޚަމްތަކެއް ލިބުނު ކުއްޖަކުވެސްވަނީ މަރުވެފައެވެ. ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި މި މާރާމާރީގައި މަރުވެފައިވަނީ އުމުރުން 14 އަހަރުގެ ކުއްޖެއްކަމަށް އައިޖީއެމް ހޮސްޕިޓަލުން މަޢުލޫމާތުދެއްވައެވެ.

މި މާރާމާރީ ހިނގާފައިވަނީ މިއަދު ހަވީރު 5:45 ހާއިރު، މަޖީދީމަގާއި ޝަހީދު ޢަލީ ހިނގުން ގުޅޭ ހިސާބުގައިކަމަށް ފުލުހުން ވިދާޅުވެއެވެ.

މި ކުއްޖާ މަރުވެފައިވަނީ، ތޫނު އެއްޗަކުން އޭނާގެ ކަރަށް ދީފައިވާ ޒަޚަމްތަކަކަށް ފަރުވާދެމުން ދަނިކޮށް، 7:45 ހާއިރުކަމަށް އައިޖީއެމް ހޮސްޕިޓަލުގެ މީޑިޔާ އޮފިޝަލެއް މަޢުލޫމާތުދެއްވިއެވެ.