ޚަބަރު

ފަހު ވަގުތު ގެބިޔާ ކާމިޔާބުކުރި ލަނޑާއެކު އިންޓަރ އަތުން މިލާނަށް މޮޅެއް


އިޓާލިއަން ލީގުގެ އެންމެ ވާދަވެރި މެޗު ކަމަށްވާ މިލާން ޑާބީގައި ރޭ އިންޓަރ މިލާނާ ދެކޮޅަށް ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން އޭސީ މިލާނުން ކާމިޔާބުކޮށްފިއެވެ.

ގިއުސެއްޕެ މެއާޒާ ސްޓޭޑިއަމްގައި ކުޅުނު މި މެޗު މިލާނުން ކާމިޔާބުކުރިއިރު، އެ ޓީމު އޮތީ ތާވަލުގެ ހަތްވަނައިގައެވެ. އެއީ މިހާތަނަށް ކުޅުނު ފަސް މެޗުން ލިބުނު 8 ޕޮއިންޓާއެކުގައެވެ. އިންޓަރ އަށްވެސް ފަސް މެޗުން 8 ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމަށް ހަވަނަ ލިބިފައިވަނީ ފައިދާ ލަނޑުގެ ތަފާތުންނެވެ. މި ލީގުގެ އެއްވަނައިގައި އޮތް ޓޮރީނޯއަށް ފަސް މެޗުން ވަނީ 11 ޕޮއިންޓް ލިބިފައެވެ.

ރޭ ކުޅުނު މެޗުގައި މިލާނުގެ އެމެރިކާގެ ފޯވާޑް ކްރިސްޓިއަން ޕުލިސިޗް ވަނީ މެޗުގެ 10 ވަނަ މިނިޓުގައި ލަނޑެއް ޖަހައި، އެ ޓީމަށް ކުރި ހޯދަދީފައެވެ.

ނަމަވެސް މެޗުގެ 27 ވަނަ މިނިޓުގައި އިންޓަރގެ ފެޑެރީކޯ ޑިމާކޯ ވަނީ ލަނޑެއް ޖަހައި، މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިއީ 1994 ވަނަ އަހަރަށްފަހު މިލާނަށް އުފަން ކުޅުންތެރިއަކު މިލާން ޑާބީގައި ލަނޑެއް ޖެހި ފުރަތަމަ ފަހަރެވެ. މީގެ ކުރިން މިލާން ޑާބީގައި ލަނޑު ޖަހާފައިވާ މިލާނަށް އުފަން ކުޅުންތެރިއަކީ ޕައޮލޯ މަލްޑީނީއެވެ.

މި މެޗުން މިލާން މޮޅުވި ލަނޑު މެޗުގެ ފުރިހަމަ ވަގުތުގެ ފަހު މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ މަޓިއޯ ގެބިއާއެވެ. މި ލަނޑަކީ މިލާނަށް ލިބުނު ހިލޭ ޖެހުމެއް، ރެއިންޑާސް ފޮނުވާލުމުން އޭރިއާ ތެރޭގައި ހުރެ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ގެބިއާ ކާމިޔާބުކުރި ލަނޑެކެވެ.

މިއީ މިލާން ޑާބީގައި އެންމެ ފަހުން ކުޅުނު ހަ މެޗުން ބަލިވުމަށްފަހު، މިލާން މޮޅުވި ފުރަތަމަ މެޗެވެ. އަދި އަމިއްލަ ދަނޑުގައި އިންޓަރ ބަލިނުވެ ދަމަހައްޓަމުން އަންނަ ރިކޯޑު އަހަރަކަށްފަހު ވަނީ ނިމުމަކަށް އައިސްފައެވެ. .