ޚަބަރު

ރައީސްގެ މެސެޖު ދުނިޔެއަށް: ބޭނުންވަނީ ހިޔާލީ ވާހަކަތަކެއްގެ ބަދަލުގައި އަމަލީ ސިފަ ގެނެސްދޭ ނިޒާމެއް


  • "ސަމިޓް އޮފް ދަ ފިއުޗަރ"އަކީ މުސްތަޤުބަލު ރައްކާތެރިކުރުމަށް އެންމެންގެ ޚިޔާލު ހޯދުމަށް ކުރިއަށްގެންދާ ސަމިޓެކެވެ.

ދުނިޔެއަށް ބޭނުންވަނީ ހިޔާލީ ވާހަކަތަކެއް ދައްކާ ނިޒާމެއް ނޫންކަމަށާއި، ދުނިޔެއަށް މިއަދު ބޭނުންވަނީ ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލުތައް ހޯދައިދޭން އަމަލީގޮތުން މަސައްކަތްކުރާނެ ނިޒާމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިކަމަށް ގޮވާލެއްވީ "ސަމިޓް އޮފް ދަ ފިއުޗަރ" ހުޅުވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. މި ސަމިޓަކީ ޤައުމުތަކުގެ އިސްވެރިން އެއްތަނަކުން ބައްދަލުވެ، މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް މަޝްވަރާކޮށް، މުސްތަޤުބަލު ރައްކާތެރިކުރުމަށް އެންމެންގެ ޚިޔާލު ހޯދުމަށް ކުރިއަށްގެންދާ ސަމިޓެކެވެ.

"ސަމިޓް އޮފް ދަ ފިއުޗަރ" ހުޅުވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އދ.ގައި އެކި ކަންކަމަށް މަޝްވަރާކޮށް، ތަސައްވުރުތައް ހާމަކުރަމުންދާ އެތައް އަހަރެއް ވެފައިވީނަމަވެސް، އެކަންކަން ހުރީ އަދިވެސް ހަޤީޤަތަކަށް ނުހެދިކަމަށެވެ. ނަމަވެސް މިއީ މަލްޓިލެޓަރަލް ސިސްޓަމްތައް މެދުވެރިކޮށް ކަންކަން ހަޤީޤަތަކަށް ހަދަންވީ ވަގުތުކަމަށާއި، އެކަން ހާސިލުކުރެވޭނީ 3 ކަމަކަށް ބާރު އަޅައިގެންކަމަށެވެ. އެއީ ޒުވާނުން ބާރުވެރިކުރުވުމާއި މޫސުމަށް އަންނަ ބަދަލުތަކާއި ދެކޮޅަށް ކުރާ މަސައްކަތް ވަރުގަދަކުރުމުގެ އިތުރުން މާލީގޮތުން ޤައުމުތައް ބާރުވެރިކޮށްގެންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ޒުވާނުން ބާރުވެރިކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހި ޒުވާނުން ބޭނުންވާ ޒަމާނީ ޓެކްނޮލޮޖީތައް ފަސޭހައިން ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް ބޭނުންވާ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ޤާއިމްކުރުމަށް ސަރުކާރުން އިންވެސްޓްކުރަމުންދާކަމަށެވެ. އަދި ސަރުކާރުގެ ތަސައްވުރަކީ އިޤްތިޞާދީ ކުރިއެރުމާއި އިޖްތިމާއީ ހަމަހަމަކަމުގައި ޒަމާނީ ޓެކްނޮލޮޖީއާއި އީޖާދީ ވިސްނުންތަކުގެ ދައުރު ބޮޑުކުރުންކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިކަންކަމާއެކު ޒުވާނުން ބޭނުންވާ ގޮތަށް އެ މީހުންގެ މުސްތަޤްބަލުބައްޓަންކުރުމުގެ ބާރު ލިބިގެންދާނެކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މޫސުމީ މައްސަލަތަކާއި ގުޅިގެން އުފެދިފައިވާ ނުތަނަވަސްކަމަކީ ހިޔާލީ ކަމެއް ނޫންކަމަށާއި، އެއީ ދުނިޔޭގެ 62 އިންސައްތަ ޒުވާނުންނަށް އެކަމުގެ އަސަރު ކުރަމުންދާ ކަމެއްކަމަށެވެ. އަދި ކުރިއަށް ޖީލުތަކުން ބަލާނީ ކޮށްދޭން ވައުދުވި ކަންކަމަށް ނޫންކަމަށާއި، ވަޢުދުތައް ފުއްދިފައިހުރި މިންވަރުގެ މައްޗަށްކަންވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"އަންނާން އޮތް ޖީލުތަކުން ބަލާނީ ދައްކާފައި ހުރި ވާހަކަތަކަކަށް ނޫން، އަމަލީގޮތުން ކޮށްފައިވާ މަސައްކަތަށް" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަދުގެ ޖީލުތަކުން ބޭނުންވަނީ ވާހަކަތަކަށް އަމަލީ ސިފަ ގެނެސްދޭ ނިޒާމަކާއި، ކުރިމަތިވާ ކޮންމެ ގޮންޖެހުމަކަށް ހިތްވަރާއެކު ކުރިމަތިލާނެ ލީޑަރުންތަކެއްކަމަށެވެ. އަދި އދ ހިނގަމުން އަންނަ ގޮތް ބަދަލުކޮށް، ރައްޔިތުންނާއި ގާތުން މަސައްކަތްކުރާ ތަނަކަށް އދ ވާންޖެހޭކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ގާޒާގައި ހިނގަމުންދާ ގަތުލްއާއްމު ހުއްޓުވާނެ ހިތްވަރު. އދގެ ފުރިހަމަ މެމްބަރުކަން ޕަލަސްތީނުގެ ދައުލަތަށް ދޭނެ ހިތްވަރު. އިންސާނިއްޔަތާއި ހިލާފަށް އަމަލުކުރާ ފަރާތްތައް ޒިންމާކުރެވޭނެ ހިތްވަރު" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދެދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ސަމިޓްގެ މަޤްޞަދަކީ ބައިނަލްއަޤްވާމީގޮތުން ވެވފައިހުރި އެއްބަސްވުންތަކަށް ޢަމަލުކުރުން އަވަސްކުރުމާއި، އަދި "ޕެކްޓް ފޮރ ދަ ފިއުޗަރ" މެދުވެރިކޮށް، އަލަށް ކުރިމަތިވަމުން އަންނަ ގޮންޖެހުންތަކުން އަރައިގަތުމަށް މަސައްކަތްކުރުމެވެ. މީގެ އިތުރުން "ގްލޯބަލް ޑިޖިޓަލް ކޮމްޕެކްޓަކާއި ޑެކްލަރޭޝަން އޮން ފިއުޗާ ޖެނެރޭޝަންސް" ހިމެނޭހެން 21 ވަނަ ގަރުނުގެ ހަޤީޤަތްތަކުގެ މައްޗަށް ބިނާވެފައިވާ ނިޒާމެއް އެކުލަވާލުމަށް މި ސަމިޓްގައި މަސައްކަތްކުރާނެއެވެ.