ޚަބަރު

ރިޔާސީ އިންތިޚާބުގައި ވިކްރަމަސިންހައަށް އަނެއްކާވެސް ނާކާމިޔާބީ، ރާޖަޕަކްސަ ޢާއިލާގެ ފުރަތަމަ ބަލި


ސެޕްޓެންބަރު 21ވަނަ ދުވަހު ސްރީ ލަންކާގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ވަޑައިނުގެންނެވި އެ ޤައުމުގެ މިހާރުގެ ރައީސް ރަނިލް ވިކްރަމަސިންހައަށް ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންފިއެވެ. އެއީ ރިޔާސީ އިންތިޚާބުގައި ވިކްރަމަސިންހައަށް ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ތިންވަނަ ފަހަރެވެ.

ރިޔާސީ އިންތިޚާބުގައި އެއްވެސް ކެނޑިޑޭޓަކަށް 50 އިންސައްތަ މީހުންގެ ތާޢީދު ނުލިބުމުން ދެވަނަ ބުރުގައި ވާދަ ކުރައްވާނީ ފުރަތަމަ ބުރުގައި އެންމެ ގިނަ ބަޔެއްގެ ތާޢީދު ލިބިވަޑައިގެންނެވި ދެ ކެނޑިޑޭޓުންނެވެ. އެއީ, ވިމުކްތި ޕެރަމުނަ (ޖޭވީޕީ) ޕާޓީގެ ވެރިޔާ އަދި ނޭޝަނަލް ޕީޕަލްސް ޕަވަރ (އެންޕީޕީ) އިއްތިޙާދުގެ ކެނޑިޑޭޓު އަނުރަ ކުމާރަ ދިސާނަޔަކައާއި އިދިކޮޅު ސަމަގި ޖަނަ ބަލަވޭގޭ (އެސްޖޭބީ) ޕާޓީގެ ވެރިޔާ ސަޖިތު ޕްރޭމަދާސައެވެ.

ސްރީ ލަންކާގެ އިންތިޚާބީ ނިޒާމު ބައްޓަން ކޮށްފައި އޮތް ގޮތުން, ވޯޓުލާ މީހުން އެންމެ ބޮޑަށް ތާޢީދު ކުރާ ތިން ކެނޑިޑޭޓަކަށް, އެ ތަރުތީބުން ވޯޓު ދެވޭނެއެވެ. އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލާފައިވާ މީހުން އޭގެ ތެރެއިން ކެނޑިޑޭޓަކަށް ތާޢީދުކޮށް ދެވަނަ ނުވަތަ ތިންވަނަ ކެނޑިޑޭޓެއްގެ ގޮތުގައި ފާހަގަ ޖަހާފައިވާ ނަމަ, އެއީ އެ ކެނޑިޑޭޓަކަށް ލިބިފައިވާ ވޯޓެއްގެ ގޮތުގައި ގުނާނެވެ. ދިސާނަޔަކާއި ޕްރޭމަދާސަގެ ތެރެއިން އިންތިޚާބުގައި ކުރި ލިބިވަޑައިގަންނަވައި, ރައީސް ކަމުގެ މަޤާމަށް އިންތިޚާބުވާނީ އެ ގޮތަށް ވޯޓު ގުނައި, އެންމެ ގިނަ ޢަދަދެއްގެ ވޯޓު ހޯއްދަވާ ކެނޑިޑޭޓެކެވެ.

އެއީ ސްރީ ލަންކާގެ ތާރީޚުގައި ވެސް, ރިޔާސީ އިންތިޚާބެއް ދެވަނަ ބުރަކަށް ދިޔަ ފުރަތަމަ ފަހަރެވެ. ދެވަނަ ބުރަކަށް ދިޔުމާއެކު, އެންމެ ގިނައިން ވޯޓު ލިބިވަޑައިގެންނެވި ދެ ކެނޑިޑޭޓުން ނޫން އެހެން ހުރިހާ ކެނޑިޑޭޓުން ވަނީ ޑިސްކޮލިފައިވެފައެވެ. އޭގެ ތެރޭގައި އިންތިޚާބުގައި މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި ވާދަ ކުރެއްވި ރައީސް ވިކްރަމަސިންހަ ވެސް ހިމެނިވަޑައިގަންނަވައެވެ.

ވިކްރަމަސިންހަ ރައީސް ކަމުގެ މަޤާމާ ހަވާލުވެ ވަޑައިގަތީ 2022 ޖުލައި މަހުގެ ތެރޭގައި, އެ މަޤާމު ފުރުއްވަމުން ގެންދެވި ގޮތަބަޔަ ރާޖަޕަކްސަ އިސްތިޢުފާ ދެއްވުމާ ގުޅިގެންނެވެ. ރައީސް ކަމުގެ މަޤާމަށް ވިކްރަމަސިންހަ އިންތިޚާބު ކޮށްފައި ވަނީ ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލީހުންނެވެ. އޭނާއާ އެ މަޤާމު ހަވާލު ކޮށްފައި ވަނީ, 2019ވަނަ އަހަރުގެ ނޮވެންބަރު މަހު ވެރިކަމާ ހަވާލުވި ރާޖަޕަކްސަގެ ސަރުކާރުގެ ދައުރުގެ ބާކީ އޮތް މުއްދަތަށެވެ. ރާޖަޕަކްސަ އިސްތިޢުފާ ދެއްވާފައި ވަނީ, އޭނާގެ ސަރުކާރާ ދެކޮޅަށް އެ ޤައުމުގެ ރައްޔިތުން ކުރި ބޮޑެތި މުޒާހަރާތަކާ ގުޅިގެން ޤައުމު ދޫކޮށް ވަޑައިގެންނެވުމަށް ފަހުއެވެ.

ޢުމުރުން 75 އަހަރުގެ ވިކްރަމަސިންހަ ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާފައެވެ. އެ ދެ ފަހަރު ވެސް އޭނާއަށް އިންތިޚާބު ކާމިޔާބެއް ނުކުރެއްވުނެވެ. އެއީ 1999ވަނަ އަހަރާއި 2005ވަނަ އަހަރެވެ. ނަމަވެސް 1977ވަނަ އަހަރު ޤާނޫނު ހަދާ މަޖިލީހުގެ މެންބަރަށް އިންތިޚާބުވެވަޑައިގަތް ވިކްރަމަސިންހަ ވަނީ ހަ ފަހަރެއްގެ މަތިން ސްރީ ލަންކާގެ ބޮޑުވަޒީރުކަން ކުރައްވާފައެވެ.

ސްރީ ލަންކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރި ތިން ފަހަރު ވެސް ރާޖަޕަކްސަ ޢާއިލާއިން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. އެ ގޮތުން މަހިންދަ ރާޖަޕަކްސަ ވަނީ ދެ ފަހަރެއްގެ މަތިން ރިޔާސީ އިންތިޚާބު ކުރައްވާފައެވެ. އަދި އޭގެ ފަހުން އޭނާގެ ކޮއްކޮ ގޮތަބަޔަ ރާޖަޕަކްސަގެ ރިޔާސަތުގައި މަހިންދަ ރާޖަޕަކްސަ ވަނީ އެ ޤައުމުގެ ބޮޑުވަޒީރުކަން ވެސް ކުރައްވާފައެވެ.

ސްރީ ލަންކާގެ ޤާނޫނު ހަދާ މަޖިލީހުގައި އެންމެ ގިނަ ދާއިރާ ތަމްސީލު ކުރާ ސްރީލަންކާ ޕުދުޖަނަ ޕެރަމުނަ (އެސްއެލްޕީޕީ)ގެ ރިޔާސީ ޓިކެޓުގައި މި ފަހަރު ނުކުންނެވީ ނަމާލް ރާޖަޕަކްސައެވެ. ނަމަވެސް އޭނާގެ ބައްޕައާއި ބޮޑުބޭބެ ހޯއްދެވި ފަދަ ކާމިޔާބީތަކެއް ރާޖަޕަކްސަ ޢާއިލާއަށް ހޯއްދަވައެއް ނުދެއްވުނެވެ. އޭނާއާ ކާމިޔާބު ކުރެވުނީ ވޯޓުލީ މީހުންގެ އެންމެ 2.57 އިންސައްތަ ވޯޓެވެ.

ސްރީ ލަންކާގެ ރިޔާސީ އިންތިޚާބުގައި, 22 މިލިޔަން މީހުންގެ އާބާދީއެއް އޮތް ސްރީ ލަންކާގެ 17 މިލިޔަން މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވެއެވެ. އޭގެ ތެރެއިން 75 އިންސައްތަ މީހުން މި ފަހަރު ވޯޓުލިއެވެ.