ސެޕްޓެންބަރު 21ވަނަ ދުވަހު ސްރީ ލަންކާގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އަނުރަ ކުމާރަ ދިސާނަޔަކައަކީ ޖަނަތާ ވިމުކްތި ޕެރަމުނަ (ޖޭވީޕީ) ޕާޓީގެ ވެރިޔާއެވެ. ޤާނޫނު ހަދާ މަޖިލީހުގައި ޖޭވީޕީ ތަމްސީލު ކުރައްވާ ތިން މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޢުމުރުން 55 އަހަރުގެ ދިސާނަޔަކަ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާފައި ވަނީ ނޭޝަނަލް ޕީޕަލްސް ޕަވަރ (އެންޕީޕީ) އިއްތިޙާދުގެ ކެނޑިޑޭޓުގެ ގޮތުގައެވެ. އޭނާ އިންތިޚާބު ކާމިޔާބު ކުރެއްވީ ދެވަނަ ބުރުގައި އިދިކޮޅު ސަމަގި ޖަނަ ބަލަވޭގޭ (އެސްޖޭބީ) ޕާޓީގެ ވެރިޔާ ސަޖިތު ޕްރޭމަދާސައާ ވާދަކުރައްވައެވެ.
ޤާނޫނު ހަދާ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި 2000ވަނަަ އަހަރު ދިސާނަޔަކަ އިންތިޚާބުވެ ވަަޑައިގަތީ ކުމާރަތުންގަ ސަރުކާރުގެ ތާޢީދާ އެކުގައެވެ. ސްރީ ލަންކާގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާ ނަން ހިނގާ އެހެން ގިނަ ކެނޑިޑޭޓުންނާ ޚިލާފަށް ދިސާނަޔަކައާ ޢާއިލީ ގޮތުން ގުޅުން އޮތް އެހެން ބޭފުޅުން ސިޔާސީ މައިދާނުން މީގެ ކުރިން ފެނިފައެއް ނެތެވެ. ނަމަވެސް, އޭނާ ގެންގުޅުއްވާ ވައަތު ފިޔައިގެ ސިޔާސަތުތަކާއި ފަގީރުންނަށް އެހީތެރި ވެދެއްވުމަށް ވެވަޑައިގަންނަވާފައިވާ ވަޢުދުތަކާއި ދޫހެލޭ މިޒާޖާ ގުޅިގެން އޭނާ ވަނީ ގިނަ ބަޔެއްގެ ހިތްދަމައިގަންނަވާފައެވެ.
ރިޔާސީ ކެމްޕޭންގައި ދިސާނަޔަކަ ވެވަޑައިގަންނަވާފައިވާ އެންމެ ބޮޑެތި ވަޢުދުތައް ގުޅެނީ ޚިޔާނާތާއި ކޮރަޕްޝަނަށް ހުޅުވިފައިވާ ދޮރުތައް ބަންދު ކުރުމާއި, ފަގީރުކަން ނައްތައިލަން ހަރުދަނާ ސިޔާސަތުތަކެއް ތަންފީޒު ކުރެއްވުމާއެެވެ. އިންތިޚާބުގެ ކުރިން ނަގާފައިވާ ޚިޔާލު ހޯދުމުގެ ވޯޓުތަކުގައި ވެސް ދިސާނަޔަކަ ވަނީ ކުރި ހޯއްދަވާފައެވެ. އިންތިޚާބުގައި އޭނާއާ އެންމެ ގާތުން ވާދަ ކުރައްވާފައިވާ އިދިކޮޅު ލީޑަރު, ސަމަގި ޖަނަ ބަލަވޭގޭ (އެސްޖޭބީ) ޕާޓީގެ ވެރިޔާ ސަޖިތު ޕްރޭމަދާސައަކީ އަވަހާރަ ކޮށްލާފައިވާ ކުރީގެ ރައީސް ރަނަސިންހަގެ ދަރިކަލުންނެވެ. އަދި, ރައީސް ރަނިލް ވިކްރަމަސިންހައަކީ ކުރީގެ ރައީސް އަދި ބޮޑުވަަޒީރު ޖޭއާރް ޖަޔަނަވަރްދަނައަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެކެވެ.
"އަޅުގަނޑުމެންގެ ތެރޭގައި އެބައުޅޭ, ސެޕްޓެންބަރު 21ގައި ބާއްވާ އިންތިޚާބުގައި ކާމިޔާބީ ލިބޭނީ ޣާއިލީ ބާރާއި, ފައިސާގެ އިތުރުން މީޑިޔާއަށް ނުފޫޒު ފޯރުވާ ދައުލަތުގެ ބާރުތަކުގައި ތިއްބެވި ކެނޑިޑޭޓުން ކަމަށް ޤަބޫލު ކުރާ ބަޔަކު،" ރިޔާސީ ކެމްޕޭން ނިންމުގެ ގޮތުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ދިސާނަޔަކަ ވިދާޅުވެފައިވެއެވެ. އޭނާގެ ޖޭވީޕީއަކީ ކާލް މާކްސްގެ ސިޔާސީ އަދި އިޤުތިޞާދީ ސިޔާސަތުތަކަށް ބުރަވާ ޕާޓީއެކެވެ. އަދި, ދަޢުލަތުގެ ބާރުތައް އިތުރުކޮށް, ޓެކުސްތައް ކުޑަކޮށް, ބޭރު ޤައުމުތަކާ އެކު ކުރާ ވިޔަފާރި މަދު ކުރަން ތާޢީދު ކުރާ ޕާޓީއެކެވެ.
1971ވަނަ އަހަރާއި 1988ވަނަ އަހަރު ސްރީ ލަންކާގެ ސަރުކާރާ ދެކޮޅަށް ހިންގި ލޭއޮހޮރުވުން ބޮޑު ހަމަނުޖެހުންތަކެއްގެ އަޑީގައި ވެސް އޮތީ ދިސާނަޔަކަގެ ޖޭވީޕީއެވެ. އެ ހަމަނުޖެހުންތަކުގައި ޢާންމުންނާއި ސަލާމަތީ ބާރުތަކުގެ 80,000އެއްހާ މީހުން މަރުވިއެވެ. އެއިރުގެ ސަރުކާރުތަކުން ވަނީ އެ ހަމަނުޖެހުންތައް ހުއްޓުވައި, ސަރުކާރު ވައްޓައިލަން ކުރި މަސައްކަތްތައް ފޭލު ކޮށްލާފައެވެ.
ދިސާނަޔަކައަކީ ސިންހަލަ ދަރިކޮޅުގެ މީހުންގެ ޙައްޤުތައް ކުރިއަރުވައި, ތަމަޅަ ދަރިކޮޅުގެ މީހުންގެ ޙައްޤުތައް ހަނި ކުރަން ވެސް މީގެ ކުރިން ވަކާލާތު ކުރައްވަމުން ގެންދަވާފައިވާ ބޭފުޅެކެވެ. 1971ވަނަ އަހަރާއި 1988ވަނަ އަހަރު ޖޭވީޕީން އިސްވެ ލޭއޮހޮރުވުން ބޮޑު ހަމަނުޖެހުންތަކެއް ހިންގި އިރު, ދިސާނަޔަކައަކީ ޕާޓީގެ އިސް ވެރިއެއް ނޫނެވެ. އަދި, މިހާރު އެ ޕާޓީން ވަނީ ގުޅިފައިވާ ސިޔާސީ ނިޒާމެއްގެ ސިޔާސަތުތަކަށް ތަބާވާން ފަށާފައެވެ. ޖޭވީޕީން ކުރިން ހިންގާފައިވާ ހަމަނުޖެހުންތަކާ މެދު ދިސާނަޔަކަ ވަކި އެއްޗެއް ހާމަ ކުރައްވާފައެއް ނެތެވެ.
ސްރީ ލަންކާގައި ރިޔާސީ އިންތިޚާބު ބާއްވާފައި ވަނީ, 2022ވަނަ އަހަރު ބާރު ފައިސާގެ ރިޒަރވް ހުސްވެ, ދަރަނި ދެއްކޭނެ މަގު ބަންދުވެފައިވާ ދަނޑިވަޅެއްގައެވެ. ހުސްވި އަހަރު ކުރިމަތިވި މާލީ ކާރިސާއާ ގުޅިގެން ތެލާއި, ބޭހާއި ކައްކާ ގޭސް ފަދަ އަސާސީ މުދާ އިމްޕޯޓު ކުރުން މެދުކެނޑި, ސްރީ ލަންކާގެ ރައްޔިތުން ހާލުގައި ޖެހުނެވެ.
އެ ކަމާ މެދު ހިތްހަމަނުޖެހުން ފާޅު ކުރުމަށް އެ ޤައުމުގެ ރައްޔިތުން ވެރިރަށް ކޮލަމްބޯގައި ފެށި ސިލްސިލާ މުޒާހަރާތަކާ ގުޅިގެން އެއިރުގެ ރައީސް ގޯތާބަޔަ ރާޖަޕަކްޝަ ވަނީ ފިއްލަވައިގެން ޤައުމު ދޫކޮށް ވަޑައިގަންނަވައި, އިސްތިޢުފާ ދެއްވާފައެވެ. އޭނާގެ ބަދަލުގައި ވަގުތީ ގޮތުން ރައީސް ކަމުގެ މަޤާމަށް ޢައްޔަން ކޮށްފައި ވަނީ ވިކްރަމަސިންހައެވެ.
ސްރީ ލަންކާގެ އިޤުތީޞާދު ހަމަމަގަށް އަޅުވަން ކުރަމުންދާ މަސައްކަތުގެ ދަށުން އެ ޤައުމުން ދަނީ ބައިނަލްއަޤުވާމީ މާލީ އިދާރާތަކުގެ އެހީތެރިކަން ހޯދަމުންނެވެ. މި ގޮތުން, އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)ގެ 2.9 ބިލިޔަން އެމެރިކާ ޑޮލަރުގެ ބެއިލްއައުޓް ޕުރޮގުރާމެއްގައި އެ ޤައުމުން ވަނީ ބައިވެރިވެފައެވެ. އައިއެމްއެފްގެ ލޯނާ އެކު ސްރީ ލަންކާގެ އިޤުތިޞާދަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބިފައިވީ ނަމަވެސް, ތަކެތީގެ އަގުތައް އުފުލިފައި އޮތުމަކީ އެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުމެވެ.
ސްރީ ލަންކާއަށް ކުރިމަތިވެފައިވާ އިޤުތިޞާދީ ކާރިސާއިން ސަލާމަތްވުމަށް ދިސާނަޔަކަގެ މެނިފެސްޓޯގައި ހިމަނާފައިވާ ބައެއް ކަންކަމުގެ ތެރޭގައި އައިއެމްއެފްގެ އެންގުމަށް ވިކްރަމަސިންހަގެ ސަރުކާރުން ފަށާފައިވާ ދަރަނި ރީސްޓްރަކްޗަރ ކުރުމުގެ މަސައްކަތްތައް މުރާޖާ ކުރުމާއި, ޓެކުސްތައް ކުޑަ ކުރުން ހިމެނެއެވެ. ނަމަވެސް, އެ ފަދަ ފިޔަވަޅުތަކުގެ ސަބަބުން ބާޒާރުތަކާއި އިންވެސްޓަރުންގެ އިތުބާރު ގެއްލިދާނެ ކަމުގެ ކަންބޮޑުވުން އޮތް ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. ނަމަވެސް, ދިސާނަޔަކަ ވިދާޅުވީ, އެ ފަދަ އެއްވެސް ސިޔާސަތެއް ތަންފީޒު ކުރައްވާނީ އައިއެމްއެފާ އެކު މަޝްވަރާ ކުރުމަށް ފަހުގައި ކަމުގައެވެ. އަދި, ދަރަނި ދެއްކުމަށް ހުރަސް އެޅޭ ފަދަ އެއްވެސް ފިޔަވަޅެއް ނާޅުއްވާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
ވޯޓުލާ މީހުންގެ ކުރިމައްޗަށް ދިސާނަޔަކަ ވަޑައިގަންނަވާފައި ވަނީ ހެޔޮ ބަދަލުތަކެއް ގެނެސްދެއްވާނެ ކެނޑިޑޭޓެއްގެ ވަޢުދާ އެކުގައެވެ. އަދި, ވެރިކަމުގެ ފުރަތަމަ 45 ދުވަހުގެ ތެރޭގައި ޤާނޫނު ހަދާ މަޖިލިސް އުވައިލައްވައި, އޭނާގެ ސިޔާސަތުތަކަށް ތަން ދިނުމުގެ ގޮތުން ޢާންމު އިންތިޚާބެއް ބާއްވަވަން ވެސް އޭނާ ވަނީ ވަޢުދުވެ ވަޑައިގަންނަވާފައެވެ.
"ސިޔާސީ މައިދާނުގައި އޭނާ [ދިސާނަޔަކަ] އުޅުއްވާތާ އަހަރުތަކެއް ވެއްޖެ, އެއީ ސިޔާސީ މައިދާނަށް އައު ބޭފުޅެއް ނޫން. ގިނަ ބަޔަކަށް އޭނާ ކަމުދަނީ އެއީ ބަދަލުތަކެއް ގެންނަވާނެ ކެނޑިޑޭޓެއްގެ ގޮތުގައި ފެންނާތީ. ގިނަ ބަޔަކަށް އޭނާއަކީ އައު މޫނަކަށްވީ ނަމަވެސް, އޭނާއަކީ ރައްޔިތުންނާ ވާހަކަ ދައްކަވަން އަދި ރައްޔިތުންގެ އިޙުސާސްތައް ދެނެވަޑައިގަންނަވާ ބޭފުޅެއް،" ސްރީ ލަންކާގެ މަސްރަޙު ދިރާސާ ކުރައްވާ ބޭފުޅެއް ކަމުގައިވާ ކޮލަމްބޯގެ ސެންޓަރ ފޯ ޕޮލިސީ އޮލްޓަރނެޓިވްސްގެ ބަވާނި ފޮންސޭކަ ވިދާޅުވިއެވެ.
ހޮނިހިރު ދުވަހު ސްރީ ލަންކާގައި ބޭއްވި ރިޔާސީ އިންތިޚާބުގައި 38 ކެނޑިޑޭޓުން ވާދަ ކުރެއްވިއެވެ. އެ ޤައުމުގެ އިންތިޚާބީ ނިޒާމު ބައްޓަން ކޮށްފައި އޮތް ގޮތުން, ވޯޓުލާ މީހުންނަށް ވަކި ތަރުތީބަކުން ތިން ކެނޑިޑޭޓަކަށް ތާޢީދުކޮށް ވޯޓު ދެވޭނެއެވެ. އިންތިޚާބުގެ ޖުމުލަ ނަތީޖާއިން އެއްވެސް ކެނޑިޑޭޓަކަށް 50 އިންސައްތައަށްވުރެ މަތިން ތާޢީދު ނުލިބިއްޖެ ނަމަ, އިންތިޚާބުގެ ދެވަނަ ބުރަކަށް ދާނެއެވެ. ދެވަނަ ބުރުގައި ވާދަ ކުރައްވާނީ އެންމެ ގިނަ މީހުންގެ ތާޢީދު ހޯއްދަވާފައިވާ ދެ ކެނޑިޑޭޓުންނެވެ.
އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލާފައިވާ މީހުން އޭގެ ތެރެއިން ކެނޑިޑޭޓަކަށް ތާޢީދުކޮށް ދެވަނަ ނުވަތަ ތިންވަނަ ކެނޑިޑޭޓެއްގެ ގޮތުގައި ފާހަގަ ޖަހާފައިވާ ނަމަ, އެއީ އެ ކެނޑިޑޭޓަކަށް ލިބިފައިވާ ވޯޓެއްގެ ގޮތުގައި ގުނާނެވެ. އިންތިޚާބުގައި ކުރި ލިބިވަޑައިގަންނަވައި, ރައީސް ކަމުގެ މަޤާމަށް އިންތިޚާބުވާނީ އޭގެ ތެރެއިން އެންމެ ގިނަ ޢަދަދެއްގެ ވޯޓު ކާމިޔާބު ކުރައްވާ ކެނޑިޑޭޓެކެވެ. އެ ކެނޑިޑޭޓަކީ މި ފަހަރު ދިސާނަޔަކައެވެ.