ޚަބަރު

ޔަހޫދީން ދަނީ ކުޑަކުދިންނާ ދެކޮޅަށް ލާއިންސާނީ ޖަރީމާތަކެއް ހިންގަމުން: ޚާމަންޢީ


ކުޑަކުދިންނާ ދެކޮޅަށް ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިން ލަދުވެތި ލާއިންސާނީ ކުށްތަކެއް ހިންގަމުންދާ ކަން ހާމަ ކުރައްވައި އީރާނުގެ ރޫހީ ވެރިޔާ އާޔަތުالله ޢަލީ އަލް-ޚާމަންޢީ އެ ކަން ކުށްވެރި ކުރައްވައިފިއެވެ. ޔަހޫދީންގެ ޙަމަލާތައް އަމާޒު ކުރަމުން ދަނީ މުޖާހިދުންގެ ބަދަލުގައި ކުޑަކުދިންނަށް ކަމަށް ޚާމަންޢީ ވިދާޅުވެފައި ވަނީ, ލުބްނާންގެ ވެރިރަށް ބައިރޫތަށް ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން ރަޙުމު ކުޑަ ޙަމަލާތަކެއްދީ ގިނަ ޢަދަދެއްގެ ކުޑަކުދިން ޝަހީދު ކޮށްލާފައިވާ ދަނޑިވަޅެއްގައެވެ.

ބައިރޫތުގައި ޢާންމުން ދިރިއުޅޭ އިމާރާތަކާއި, ތުއްތު ކުދިންނަށް ކިޔަވައިދޭ ނަރސަރީއަކަށް އަމާޒުކޮށް ޔަހޫދީ ފައުޖުން ދީފައިވާ ރަޙުމު ކުޑަ ވައިގެ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 31އަށް އުފުލިފައެވެ. އޭގެ ތެރޭގައި މައުސޫމު ތިން ކުޑަކުދިންނާއި ކުށެއް ނެތް ހަތް އަންހެނުން ހިމެނެއެވެ. ލުބްނާންގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ވަނީ އެ ކަން ކަށަވަރު ކޮށްދީފައެވެ.

ބައިރޫތަށް ދީފައިވާ ޙަމަލާތަކަކީ ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ޔަހޫދީ ފައުޖުން ލުބްނާނަށް ދީފައިވާ އެންމެ ނުރައްކާތެރި ޙަމަލާތަކެވެ. އެ ޙަމަލާތައް ދީފައި ވަނީ, ލުބްނާންގެ ޢާންމު ރައްޔިތުން މުއާޞަލާތު ކުރަން ބޭނުން ކުރާ ޕޭޖަރުތަކާއި ވޯކީޓޯކީތަކުގައި ގޮވާތަކެތި ހަރުކޮށް, އެ ތަކެތި ގޮއްވައިލައިގެން ނިރުބަވެރި ޙަމަލާތަކެއް ދިނުމަށް ފަހުއެވެ. އެ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު 39އަށް އުފުލި އިތުރު 3,000އެއްހާ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ. އޭގެ ތެރެއިން 300އެއްހާ މީހުންގެ ހާލު ސީރިޔަސް ކަމުގައި ލުބްނާންގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ.

ޚާމަންޢީ ވިދާޅުވީ, ފަލަސްޠީނުގެ ޣައްޒާއާއި ހުޅަނގު އައްސޭރީގެ އިތުރުން ލުބްނާނާއި ސޫރިޔާގެ ކުޑަކުދިންނަށް އަމާޒުކޮށް ޔަހޫދީ ފައުޖުން ލަދުވެތި ކުށްތަކެއް ހިންގަމުން ދަނީ އެއްވެސް ޖެހިލުމެއް ނެތި ކަމުގައެވެ. ޔަހޫދީ ފައުޖުން ޙަމަލާތައް އަމާޒު ކުރަމުން ދަނީ "ހަތިޔާރު އެޅި މީހުންގެ ބަދަލުގައި ޢާންމު ރައްޔިތުންނަށް" ކަމުގައި އޭނާ ވިދާޅުވިއެވެ.

"ފަލަސްޠީނުގެ މުޖާހިދުންނަށް އަނިޔާ ދޭން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ފޭލުވުމާ ގުޅިގެން އެ މީހުން [ޔަހޫދީ ފައުޖުން] ދަނީ ކުޑަކުދިންނާއި, ހަސްފަތާލުގައި ތިބި ބަލި މީހުންނާއި, ކުޑަކުދިން ފުރައިތިބި މަދަރުސާތަކަށް ބޮންއަޅައި ރުޅިގަނޑު ބާލަމުން،" ޚާމަންޢީ ވިދާޅުވިއެވެ.

ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިން ދާދި ފަހުން އީރާންގެ ވެރިރަށް ތަހްރާނަށް ވެސް ނިރުބަވެރި ޙަމަލާތަކެއް ދީފައިވެއެވެ. ޖުލައި 31ވަނަ ދުވަހު ދިން ޙަމަލާތަކުގައި ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ މުޖާހިދުންގެ ޖަމާޢަތް, ޙަމާސްގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާޢީލް ހަނިއްޔާ ޝަހީދު ކޮށްލާފައެވެ. އީރާނުގެ އިތުރުން އެކްސިސް އޮފް ރެސިސްޓެންސްގައި ހިމެނޭ މުޖާހިދުންނާއި ހަތިޔާރު އެޅި ޖަމާޢަތްތަކުން ވަނީ އެ ކަމުގެ ބަދަލު ހިފުމުގެ ގޮތުން ޔަހޫދީންނަށް ވަރުގަދަ އަދި ނުރައްކާތެރި ޙަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އީރާނުން ދާދި ފަހުން ވަނީ, އެ ޤައުމުން އުފައްދާފައިވާ ޖިހާދުގެ ނަން ދީފައިވާ އައު ބެލިސްޓިކް މިސައިލެއް ދައްކައިލާފައެވެ. އީރާނުގެ ދަޢުލަތުގެ މީޑިޔާއިން ބުނީ, އެއީ 1,000 ކިލޯމީޓަރުގެ ރާސްތާއަކަށް ޙަމަލާ ދިނުމުގެ ޤާބިލުކަން ލިބިފައިވާ މިސައިލެއް ކަމުގައެވެ. އެއީ, ހަކަތައިގެ ގޮތުގައި ތެޔޮ ބޭނުން ކުރާ, ގިނަ މަރުކާތަކެއްގެ ވޯހެޑް ނުވަތަ ބޮން އުފުލުމުގެ ޤާބިލުކަން ލިބިފައިވާ ހަތިޔާރެކެވެ. އެ މިސައިލް ދައްކައިލާފައި ވަނީ, 1980ން 1988އަށް ޢިރާޤާ ދެކޮޅަށް ކުރި ހަނގުރާމައިގެ ފެށުން ފާހަގަ ކުރުމަށް ބޭއްވި ޕެރޭޑެއްގެ ތެރެއިންނެވެ.