ޚަބަރު

އެފްއޭއެމް އޮތީ ހުރިހާ ގޮތަކުން ފެއިލްވެފައި: ޒުހޫރު


ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގައި ހުރި މައްސަލަތަކާއެކު، އެ އިދާރާ އޮތީ ހުރިހާ ގޮތަކުން ފެއިލްވެފައި ކަމަށް ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން އަޙްމަދު ޒުހޫރު ވިދާޅުވެއްޖެއެވެ.

މިދިޔަ ބުދަ ދުވަހު ގައުމީ ފުޓްބޯޅަ ދަނޑުގެ ވީއައިޕީ ރޫމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޒުހޫރު ވިދާޅުވީ އެފްއޭއެމްގެ މުޅި އޮނިގަނޑު އޮތީ ފެއިލްވެފައި ކަމަށެވެ. އަދި އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސްއާ އެއް ގޮތަށް ހިންގަންޖެހޭ މުއާމަލާތްތައް ހިންގާފައިނުވާކަން ޒުހޫރު ވަނީ ފާހަގަކުރައްވާފައެވެ. ޒުހޫރު ވިދާޅުވީ އެފްއޭއެމްގެ މައްސަލަތައް ހައްލުކުރުމުގައި ހަމައެކަނި ގަވަރނަސްއަށް އަކަނި ބަލައިގެން ކަންކަން ހައްލުނުވާނެ ކަމަށާއި، ޖަމުއިއްޔާއެއް ހިންގަން ބޭނުންވާ ހުރިހާ ކަމެއް ފެއިލްވެފައިވާ ކަމަށެވެ.

"ފައިނޭންޝިއަލީ އޮންނަން ޖެހޭ އުސޫލުތައް ގާއިމުކުރެވިފައި ނުވާތަން މި ފެންނަނީ. ހެދެންޖެހޭ އެސްއޯޕީތަކާއި، ހެދިފައި ހުންނަ ޖެހޭ އުސޫލުތަކާއި ގަވާއިދުތައް ހެދިފައި ނެތްތަން މި ފެނުނީ. އަދި އެއަށް އަމުލުވެސް ނުކުރިތަން އަޅުގަނޑުމެންނަށް ފެންނަން އޮތީ." ޒުހޫރު ވިދާޅުވިއެވެ.

ޒުހޫރު ވިދާޅުވީ މިއީ ކުއްލިއަކަށް ކުރިމަތިވި ފެއިލިއާއެއް ނޫން ކަމަށެވެ. އަދި މި ފެއިލިއާއާ ހަމައަށް އެފްއޭއެމް ދިޔައީ ވަރަށް ގިނަ ދުވަހުން ކަމަށާއި، އޭގެ ނަތީޖާއެއް ގޮތުން އެފްއޭއެމް ވަނީ ނެތިގޮސްފައި ކަމަށްވެސް ވިދާޅުވިއެވެ. ޒުހޫރު ވިދާޅުވީ އެ ހުރިހާ ކަމަކަށް ހައްލު ހޯދުމަށް ކުރަންހުރި ކަންކަން ފަށައިގަތުމަކީވެސް ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށާއި، އެއީ ވަރަށް ގިނަ ވަގުތާއި، މަސައްކަތް ކަމަށެވެ. އަދި އެފްއޭއެމްގެ ލިޔެކިޔުންތަކުން ފެންނަ ގޮތުން، ތަރުތީބުން މުއާމަލާތް ކުރެވިފައި ނުވާކަންވެސް ޒުހޫރު ވަނީ ފާހަގަކުރައްވާފައެވެ.

"އެފްއޭއެމް އަކީ އެއްގޮތަކަވެސް ވިޔަފާރި ކުރާތަނެއް ނޫން. އެފްއޭއެމް އަށް އެއްޗެއް ލިބިގެންދަނީ އަޅުގަނޑުމެން ކުރި މަސައްކަތުން. ބައެއްގެ ސިކުނޑި މަސައްކަތް ކުރިވަރަކުން، އެ ބޭފުޅުންނަށް މަސައްކަތް ކުރެވުނު މިންވަރަކުން." ޒުހޫރު ވިދާޅުވިއެވެ.

ޒުހޫރު ވިދާޅުވީ ގުޅުންހުރި އެކި އިދާރާތަކާއި ރަނގަޅު ގުޅުމެއް ގާއިމުކުރުމަށް އެފްއޭއެމް އަބަދުވެސް ދެމި އޮންނާނެ ކަމަށެވެ.