ދުނިޔެ

ފްރާންސްގައި ފެންބޮޑުވެ ހިނގި ހާދިސާއެއްގައި 2 މީހަކު މަރުވެއްޖެ


ފަރަންސޭސި ވިލާތުގެ ޕެރިހަށް ބޯކޮށް ވާރޭވެހިގެން ކުރިމަތިވި އެކި ޙާދިސާތަކުގައި ދެ މީހަކު މަރުވެއްޖެއެވެ.

ހުއްޓުމެއްނެތި ބޯކޮށް ވާރޭވެހުމާއި ގުޅިގެން އެ ޤައުމުގެ "ސެން" ކޯރުގެ ފެންގަނޑުވަނީ ފާއިތުވި 30 އަހަރު ބޮޑު ނުވާ މިންވަރަށް ބޮޑުވެފައެވެ. އަދި ޕެރިހުގެ ގިނަ ސަރަހައްދުތަކެއްގައި ފެން ބޮޑުވެފައިވާތީ، ދާރުލްއާޘާރުތަކާއި، ސަރުކާރު އޮފީސްތަކާއި އަރުޝީފްތަކުގައި ހުރި މުހިއްމު ލިޔެކިޔުންތަކާއި އެހެނިހެން މުހިއްމު ތަކެތި ރައްކާތެރި ހިސާބުތަކަށް ބަދަލުކުރުމަށް ކަމާބެހޭ ފަރާތްތަކުންދަނީ މަސައްކަތް ކުރަމުންނެވެ.

ފެން ބޮޑުވުމާއި ގުޅިގެން ފަރަންސޭސި ވިލާތުގެ ގިނަ ސަރަހައްދުތަކެއްގެ ސްކޫލްތަކާއި އޮފީސްތައް ބަންދުކޮށްފައިވާއިރު، އެ ސަރަހައްދުތަކުގެ ރައްޔިތުންވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުވެފައެވެ. އަދި ޙާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ޤައުމުގެ ސިފައިންނާއި ފުލުހުން ގުޅިގެން މިހާރުދަނީ މަސައްކަތް ކުރަމުންނެވެ.

މި ވިއްސާރައިގެ ސަބަބުން ޙާލުގައި ޖެހިފައިވާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެކަމަށް އެ ޤައުމުގެ ރައީސް ފްޣޮންސްވާ އޮލޯންދްވަނީ ވިދާޅުވެފައެވެ.