ޚަބަރު

ބަންގްލަދޭޝްގައި ނަސްލީ ހަމަނުޖެހުން ހިންގައި ހަތަރު މީހުން މަރައިލައިފި


ބަންގްލަދޭޝްގައި ދެކުނުގައި ދިރިއުޅޭ އެކި ނަސްލުތަކާއި ދަރިކޮޅުތަކުގެ މީހުންގެ މެދުގައި ހިނގި ހަމަނުޖެހުންތަކެއްގައި ހަތަރު މީހުން މަރުވެ, ގިނަ ޢަދަދެއްގެ ބަޔަކު ޒަޚަމުވެއްޖެއެވެ. އިންޑިޔާއާއި މިޔަންމާއާ ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި އޮންނަ ބަންގްލަދޭޝްގެ ޗޮއްޓޮގްރާމް ހިލް ޓްރެކްޓްސް (ސީއެޗްޓީ) ސަރަޙައްދުގައި ހަމަނުޖެހުން ހިންގަން ފަށާފައި ވަނީ ބަންގްލާ ދަރިކޮޅުގެ މީހަކު މަރައިލުމާ ގުޅިގެންނެވެ.

ހަމަނުޖެހުންތައް ހިނގަމުން ދަނީ ސީއެޗްޓީގެ ކާގްރާޗޫރީއާއި, ރާނގާމާޓީގެ އިތުރުން ބަންދޮރުބޮންގައި ދިރިއުޅޭ އެކި ނަސްލުތަކުގެ މީހުންގެ މެދުގައެވެ. ހަމަނުޖެހުުންތަކާ ދެކޮޅަށް އަޑުއުފުލުމަށް އެ ސަރަޙައްދުތަކުގައި ހުންނަ ކޮލެޖުތަކާއި ޔުނިވަރސިޓީތަކުގެ ދަރިވަރުން ވަނީ މަގުތަކަށް ނިކުމެ މުޒާހަރާ ކުރަން ފަށާފައެވެ. އަދި, މަގުތަކާއި ކޯރުތައް ބަންދު ކޮށްފައެވެ. އެ ސަރަޙައްދުގައި ހިނގަމުންދާ ހަަމަނުޖެހުންތަކުގެ ތެރެއިން ގިނަ ޢަދަދެއްގެ ގެދޮރާއި ވިޔަފާރި ހިންގާ އިމާރާތްތަކުގައި ހުޅުޖަހާފައިވެއެވެ. މި ހަމަނުޖެހުންތަކާ ގުޅިގެން ގިނަ ޢަދަދެއްގެ ބަޔަކު ވަނީ ގެދޮރު ނެތިފައެވެ.

ހަމަނުޖެހުންތަކާ ދެކޮޅަށް އަޑު އުފުލަމުންދާ ދަރިވަރުން ގޮވައިލާފައި ވަނީ ހަމަނުޖެހުންތައް ވަގުތުން ހުއްޓައިލުމަށެވެ. އަދި, ހަމަނުޖެހުން ހިންގައި, ބަޔެއްގެ ފުރާނަ ނަގައިލުމުގައި ބައިވެރިވެފައިވާ މީހުން ހޯދައި, އެ މީހުންނަށް ޙައްޤު އަދަބު ދިނުމަށެވެ. ހަމަނުޖެހުންތަކާ ގުޅިގެން ކާގްރާޗޫރީއާއި ރާނގާމާޓީގައި ދިރިއުޅޭ ގިނަ ޢާއިލާތަކަކުން ވަނީ އަމިއްލަ ވަޒަން ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުވެފައެވެ.

އެ ސަރަޙައްދުގައި އަމަން ޤާއިމު ކުރުމަށް ބަންގްލަދޭޝްގެ ސަރަޙައްދީ ރޮނގު ބަލަހައްޓާ ސިފައިންނާއި ފުލުހުން ދަނީ ގުޅިގެން މަސައްކަތް ކުރަމުންނެވެ. "މި ސަރަޙައްދުގެ ހާލަތު އޮތީ ވަރަށް ހައްސާސްކޮށް. ފުލުހުންނާއި ސަލާމަތީ ބާރުތަކުން ގުޅިގެން މި ދަނީ ފޯރިމަރަމުން. އުންމީދަކީ, އަލުން އަމަންއަމާން ކަން ޤާއިމު ކުރެވުން،" ޗޮއްޓޮގްރާމް ރޭންޖުގެ ފުލުހުންގެ ޑެޕިޔުޓީ އިންސްޕެކްޓަރ ޖެނެރަލް އަޙްސަން ޙަބީބު ވިދާޅުވިއެެވެ.

ޗޮއްޓޮގްރާމްގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ބަންގްލަދޭޝްގައި ވެރިކަން ކުރާ ވަގުތީ ސަރުކާރުން ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ. އިސް މުޝީރު, ނޮބެލް ސުލްޙައިގެ އިނާމު ހާސިލު ކުރައްވާފައިވާ މުޙައްމަދު ޔޫނުސްގެ ބެއްލެވުމުގެ ދަށުން ބަންގަލަދޭޝްގައި ވަގުތީ ސަރުކާރެއް ޤާއިމު ކޮށްފައި ވަނީ, އޮގަސްޓު 5ވަނަ ދުވަހު ކުރީގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ އިސްތިޢުފާ ދެއްވައި, ޤައުމު ދޫކޮށް ވަޑައިގެންނެވުމާ ގުޅިގެންނެވެ. ޗޮއްޓޮގްރާމްގައި އަމަންއަމާން ކަމާއި ސުލްޙަ ޤާއިމު ކުރުމަށް ޔޫނުސްގެ ސަރުކާރުން ވަނީ ސަލާމަތީ ބާރުތަކަށް އިރުޝާދު ދީފައެވެ.

ޗޮއްޓޮގްރާމްގައި އޮންނަ 14,200 އަކަ ކިލޯމީޓަރުގެ ސަރަޙައްދެއްގައި ބަންގްލާ ދަރިކޮޅުގެ ޢާއިލާތަކެއް ވަޒަންވެރި ކުރުވާފައި ވަނީ 1980ގެ އަހަރުތަކުގެ ތެރޭގައެވެ. އެއާ އެކު, އެ ސަރަޙައްދުގައި ދިރިއުޅޭ ނަސްލުތަކުގެ މީހުންނާއި ބަންގްލާ ދަރިކޮޅުގެ މީހުންނާ މެދު ނުތަނަވަސް ކަން އުފެދުނެވެ. އެ ސަރަޙައްދުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތެއް ކަމުގައިވާ ޝާންތީ ބަހީނީއާ އެކު ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލާފައި ވަނީ 1997ވަނަ އަހަރު ޝައިޚް ޙަސީނާގެ ވެރިކަމުގައެވެ.