ކުޅިވަރު

ބޯންމަތު ބަލިކޮށް ލިވަޕޫލް އެއްވަނައަށް


އިނގިރޭސި ޕްރިމިއަރ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި 3-0 ގެ ނަތީޖާއަކުން ބޯންމަތު ބަލިކޮށް، ވަގުތީ ގޮތުން ތާވަލުގެ އެއްވަނައަށް ލިވަޕޫލް ޖެހިލައިފިއެވެ.

މި ނަތީޖާއާއެކު ލިވަޕޫލް ވަނީ ފަސް މެޗުން 12 ޕޮއިންޓް ހަމަކޮށް، ފައިދާ ލަނޑުގެ ތަފާތުން ތާވަލުގެ އެއްވަނައަށް ޖެހިލައިފައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް ހަތަރު މެޗުން ލިބިފައިވަނީ 12 ޕޮއިންޓެވެ. ތިންވަނައިގައި އޮތް އެސްޓަން ވިލާއަށްވެސް އެ އަދަދަށް ޕޮއިންޓް ލިބިފައިވާއިރު، ސިޓީއަށް ކުރި ލިބެނީ ފައިދާ ލަނޑުގެ ތަފާތުންނެވެ. ހަތަރުވަނައިގައި އޮތް ޗެލްސީއަށް ފަސް މެޗުން ލިބިފައިވަނީ 10 ޕޮއިންޓެވެ.

އެންފީލްޑްގައި މިރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ހުރިހާ ލަނޑެއްވެސް ކާމިޔާބުކުރީ ފުރަތަމަ ހާފުގައެވެ. އޭގެ ތެރެއިން ދެ ލަނޑު ޖެހީ އެ ޓީމުގެ ކޮލަމްބިއާ ވިންގް ލުއިސް ޑިއާޒްއެވެ. އެގޮތުން މި މެޗުގައި ލިވަޕޫލްގެ ފުރަތަމަ ލަނޑު، މެޗުގެ 26 ވަނަ މިނެޓުގައި ޑިއާޒް ކާމިޔާބުކުރީ އެ ޓީމުގެ ޑިފެންޑަރު އިބްރާހިމާ ކޮނާޓޭ ދިން ބޯޅައަކުންނެވެ. އަދި އޭގެ ދެ މިނެޓު ފަހުން ޓްރެންޓް އެލެގްޒެންޑާ-އާނޯލްޑް ދިން ބޯޅައަކުން ޑިއާޒް ވަނީ ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ. މިއީ މި ފަހަރުގެ ސީޒަނުގެ ލީގުގައި އޭނާ ކާމިޔާބުކުރި ފަސްވަނަ ލަނޑެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން، ލިވަޕޫލްގެ ތިންވަނަ ލަނޑު ޖަހައިދިނީ އުރުގުއޭ ފޯވާޑް ޑާވިން ނޫނޭޒްއެވެ. އޭނާ މި ލަނޑު ޖެހީ މިސްރުގެ ފޯވާޑް މުޙައްމަދު ސަލާހު ދިން ޕާހަކުންނެވެ. މިއީ ލީގުގައި ފުރަތަމަ އެގާރައިގައި ނޫނޭޒް ކުޅުނު ފުރަތަމަ މެޗެވެ. އަދި މިއީ މި ފަހަރުގެ ލީގުގައި އޭނާ ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.

މި މެޗުގައި ބޯންމަތުގެ ފޯވާޑް، ސެމެންޔޯއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ލިބުނު ނަމަވެސް، އޭގެ ބޭނުންހިފޭގޮތް ނުވިއިރު، އެ ޓީމުގެ ފޯވާޑް ލައިންގައި ހިމެނޭ ބްރެޒިލްގެ ފޯވާޑް، އެވަނިލްސަން އާއެކު މާ ބޮޑު ގުޅުމެއް ނެތްކަން ވަނީ ފާހަގަވެފައެވެ. މި މެޗުގެ ފަހު ހާފުގައި ލިވަޕޫލަށް ލީޑު ފުޅާކުރުމަށް މާ ރަނގަޅު ފުރުސަތުތައް ތަނަވަސްކުރެވިފައެއް ނުވެއެވެ.

ލީގުގައި ލިވަޕޫލަށް ދެން އޮތީ އަންނަ ހޮނިހިރު ދުވަހު ރަށުން ބޭރުގައި ވުލްވްސްއާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ.