ކުޅިވަރު

20 އަހަރުން ދަށުގެ އޭޝިއަން ކަޕުގެ ކޮލިފައިންގައި ވާދަކުރުމަށް ޒުވާން ޓީމު އިންޑޮނޭޝިއާއަށް


20 އަހަރުން ދަށުގެ އޭއެފްސީ އޭޝިއަން ކަޕުގެ ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޒުވާން ޓީމު އިންޑޮނޭޝިއާއަށް ފުރައިފިއެވެ.

2025 ވަނަ އަހަރު ޗައިނާގައި ބާއްވާ މުބާރާތުގެ ކޮލިފައިން ގްރޫޕް އެފްގައި ރާއްޖެ ހިމެނޭއިރު، މި ގްރޫޕުގައި ހިމެނެނީ ރާއްޖެ އާއެކު އިންޑޮނޭޝިއާ އާއި، ޔަމަން އަދި އީސްޓް ޓިމޯއެވެ. މި ގްރޫޕުގެ މެޗުތައް ކުރިއަށްދާނީ އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާގައެވެ. ކޮލިފައިންގައި ވާދަކުރުމަށް މިއަދު ހަވީރުގެ ވަގުތެއްގައި ޒުވާން ގައުމީ ޓީމު ވަނީ އިންޑޮނޭޝިއާއަށް ފުރާފައެވެ.

ކޮލިފައިންގައި ރާއްޖެއިން ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ 25 ވަނަ ދުވަހު އިންޑޮނޭޝިއާއާ ދެކޮޅަށް ނުކުންނައިރު، ދެވަނަ މެޗުގައި 27 ވަނަ ދުވަހު ނުކުންނާނީ ޔަމަނާ ދެކޮޅަށެވެ. އަދި ކޮލިފައިންގެ ފަހު މެޗުގައި މި މަހުގެ 29 ވަނަ ދުވަހު ރާއްޖެ ބައްދަލުކުރާނީ އީސްޓް ޓިމޯ އާއެވެ.

10 ގްރޫޕަކަށް ބަހާލައިހެން 20 އަހަރުން ދަށުގެ އޭއެފްސީ އޭޝިއަން ކަޕުގެ ކޮލިފައިން ކުރިއަށްދާއިރު، އެއްވަނައިގައި ނިންމާ ޓީމުތަކަށް 2025 ވަނަ އަހަރު ޗައިނާގައި ބާއްވާ މުބާރާތުގެ ޖާގައެއް ލިބިގެންދާނެއެވެ. އަދި ކޮންމެ ގްރޫޕަކުން ދެވަނައަށްދާ ޓީމުތަކަށްވެސް ކޮލިފައިވުމުގެ ފުރުސަތު އޮންނާނެއެވެ.

20 އަހަރުން ދަށުގެ އޭއެފްސީ އޭޝިއަން ކަޕުގެ ކޮލިފައިންއާ ރާއްޖޭގެ ޒުވާން ޓީމު ކުރިމަތިލާއިރު، އެ ޓީމުން ވަނީ މިދިޔަ އޯގަސްޓް މަހު ނޭޕާލުގައި ކުރިއަށްދިޔަ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައިވެސް ވާދަކޮށްފައެވެ. އެކަމަކު އެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ބޫޓާނާއި އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗުތަކުން ވަނީ ބަލިވެފައެވެ.