އިނގިރޭސި ޕްރިމިއަރ ލީގުގައި ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ޗެލްސީން ކާމިޔާބުކޮށްފިއެވެ.
މި މެޗްގައި ޗެލްސީން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ފުރަތަމަ ހާފްގައި ނިކޮލަސް ޖެކްސަން ކާމިޔާބުކުރިއިރު ތިންވަނަ ލަނޑު ޖަހައިދީފައިވަނީ ކޯލް ޕާމާ އެވެ.
ޗެލްސީން މި މެޗު ކާމިޔާބު ކުރުމާއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު ފަސް މެޗުން 10 ޕޮއިންޓާއެކު ވަގުތީ ގޮތުން ނަމަވެސް ތާވަލުގެ ދެވަނަ މަގާމް ލިބިފައެވެ. މިއަދުގެ މެޗުގައި ޗެލްސީން ޖެހި ތިން ލަނޑާއެކު އެ ޓީމުން މިސީޒަނުގައި ޖެހި ލަނޑުގެ އަދަދު ވަނީ 11 އަށް އަރާފައެވެ. މި އަދަދަށް މި ސީޒަނުގައި ދެން ލަނޑު ޖަހާފައިވަނީ މެންޗެސްޓަރ ސިޓީންނެވެ.
ވެސްޓް ހޭމްގެ ދަނޑުގައި ކުޅުނު މި މެޗުގެ ހަތަރުވަނަ މިނިޓްގައި ޗެލްސީގެ ނިކޮލަސް ޖެކްސަން ވަނީ ލަނޑެއް ޖަހާ ވެސްޓް ހޭމްގެ ގޯލު ހުޅުވާލާފަ އެވެ. މި ލަނޑަކީ އަރިމަތިން ބޯޅަ ހިފައިގެންގޮސް އޭރިޔާ ތެރެއަށް ވަދެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.
ޗެލްސީއަށް ކުޅުނު 50 ވަނަ މެޗުގައި ނިކޮލަސް ވަނީ މެޗުގެ 18 ވަނަ މިނިޓުގައި އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ. މި ލަނޑަކީ މެދުތެރެއިން ޖޭޑަން ސަންޗޯ ދިން ބޯޅައަކުން ނިކޮލަސް ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
ޗެލްސީން މި މެޗުގައި ޖެހި ތިންވަނަ ލަނޑު ދެވަނަ ހާފްގެ ކުޅުން ފެށުނުތާ ދެވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްފައިވަނީ ކޯލް ޕާމާ އެވެ. ނިކޮލަސް އޭރިޔާ ބޭރުން ދިން ބޯޅައެއް ވަރަށް ބާރަށް ގޯލުގެ ތެރެއަށް ފޮނުވާލިއިރު ވެސްޓް ހޭމްގެ ކީޕަރަށް ކުރެވުނު މާބޮޑު ކަމެއް ނެތެވެ.
އެންޒޯ މަރެސްކާގެ އިރުޝާދުގެ ދަށުން ޗެލްސީން ރަގަޅު ކުޅުމެއް ދައްކަމުންދާއިރު, މިއީ ރަށުން ބޭރުގައި ޗެލްސީން އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން ކާމިޔާބުކުރި ފަސްވަނަ މެޗެވެ. އަދި މި މެޗު ކާމިޔާބުކުރުމާއެކު އެންޒޯ މަރެސްކާ ވެފައިވަނީ ޕްރިމިއާ ލީގުގައި ރަށުން ބޭރުގައި ކުޅުނު ފުރަތަމަ ތިން މެޗު ކާމިޔާބުކުރި އަށްވަނަ ކޯޗަށެވެ. އަދި 2016 ވަނަ އަހަރު ޕެޕް ގަޑިއޯލާއަށްފަހު މި އަދަދު ހަމަކުރެވުނު ފުރަތަމަ ކޯޗެވެ.