ޒަޔަނިސްޓު ދައުލަތުގެ ހައްދުފަހަނަ އެޅި ޔަހޫދީންނާއި ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުاللهއާ ދެމެދު ހަނގުރާމައެއް ފެށުނަ ނުދިނުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް އދގެ ސިޔާސީ ދާއިރާއާ ބެހޭ އޮފީހުގެ ވެރިޔާ ރޯޒްމެރީ ޑިކާރްލޯ އދގެ މެންބަރު ޤައުމުތަކަށް ގޮވައިލައްވައިފިއެވެ. އދގެ ސަލާމަތީ މަޖިލީހުގައި ވާހަކަ ދައްކަވަމުން ޑިކާރްލޯ ވިދާޅުވީ ޔަހޫދީންނާއި ލުބްނާނާ ދެމެދު ހަނގުރާމައެއް ފަށައިފި ނަމަ, މެދުއިރުމަތީގެ މަސްރަޙުގައި ހިނގަމުންދާ ހަމަނުޖެހުންތައް އެތަކެއް ގުނައަކަށް އިތުރުވެ, ގެއްލުންތައް އިންތިހާއަށް އިތުރުވެގެން ދާނެ ކަމުގައެވެ.
އދގެ ސަލާމަތީ މަޖިލީހުގައި ޑިކާރްލޯ ވާހަކަފުޅު ދައްކަވާފައި ވަނީ, މުއާޞަލާތު ކުރަން ބޭނުން ކުރާ ޕޭޖަރުތަކާއި ވޯކީޓޯކީތަކުގައި ގޮވާތަކެތި ހަރުކޮށްގެން ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިން ލުބްނާންގެ ޢާންމު ރައްޔިތުންނާ ދެކޮޅަށް ދީފައިވާ ނިރުބަވެރި ޙަމަލާތަކާ ގުޅިގެންނެވެ. އެ ޙަމަލާތަކުގައި ޔަހޫދީ ފައުޖުން ވަނީ 37 މީހުން ޝަހީދު ކޮށްލާފައެވެ. އަދި, 3,000އެއްހާ މީހުން ޒަޚަމު ކޮށްލާފައެވެ. އޭގެ ތެރެއިން 300އެއްހާ މީހުންގެ ހާލު ސީރިޔަސް ކަމުގައި ލުބްނާންގެ ޞިއްޙީ ވުޒާރާއިން ހާމަކުރިއެވެ.
"މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ [ފަލަސްޠީނުގެ ޣައްޒާ ޢުދުވާނާއި ލުބްނާނަށް ޔަހޫދީ ފައުޖުން ދެމުންދާ ޙަމަލާތަކުގެ] ގެއްލުން އެތަކެއް ގުނައަކަށް އިތުރުވެގެން ދާނެ ކަމުގެ ހިރާސް ބޮޑު. [އދގެ] މެންބަރު ޤައުމުތަކުގެ ނުފޫޒު ބޭނުން ކޮށްގެން އެ ކަން ހުއްޓުވަން މަސައްކަތްތަކެއް ކުރަން އަޅުގަނޑު ގޮވައިލަން،" ޑިކާރްލޯ ވިދާޅުވިއެވެ. މެދުއިރުމަތީގެ މަސްރަޙު ހޫނުވެފައި ވަނީ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން މީގެ 11 މަސް ކުރިން ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާން ހުއްޓައިލަން ޒަޔަނިސްޓު ދަޢުލަތުގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދެކޮޅު ހަދަމުންދާތީއެވެ.
ޙިޒްބުاللهގެ މުޖާހިދުންނާއި ޔަހޫދީންނާ ދެމެދު މިހާރު ބަދަލު ކުރަމުންދާ ޙަމަލާތައް ފަށާފައި ވަނީ ޣައްޒާ ޢުދުވާނާ ގުޅިގެންނެވެ. ޙިޒްބުاللهގެ މަޤުޞަދަކީ, ޔަހޫދީންގެ ކިބައިން މިނިވަންކަން ހޯދަން ޖިހާދު ކުރަމުންދާ ޣައްޒާގެ ޙަމާސް ޖަމާޢަތުގެ މުޖާހިދުންނަށް ވާގިވެރިވުމެވެ. އަދި, ޢުދުވާން ހުއްޓުމަކަށް ގެނައުމަށް ޔަހޫދީންނަށް ބާރު އެޅުމެވެ. ޙިޒްބުاللهގެ މުޖާހިދުންގެ ވަރުގަދަ ރޮކެޓު ޙަމަލާތައް އަމާޒު ކުރަމުން ދަނީ ޔަހޫދީ ދައުލަތުގެ އުތުރުގެ ރަށްތަކަށެވެ. އަދި, އެ ސަރަޙައްދުގައި ހަރަކާތްތެރިވަމުންދާ ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިންގެ އަމާޒުތަކަށެވެ. އެ ޙަމަލާތަކާ ގުޅިގެން ޔަހޫދީ ދައުލަތުގެ އުތުރުގެ ރަށްތަކުގައި ދިރިއުޅޭ އެތަކެއް ސަތޭކަ ހާސް ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފައިވާއިރު, ޔަހޫދީންނަށް ވަނީ މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
އދގެ ސަލާމަތީ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ލުބްނާންގެ ޚާރިޖީ ވަޒީރު ޢަބްދުالله ބޫ ޙަބީބު ވިދާޅުވީ, އެ ޤައުމުގެ ރައްޔިތުން މުއާޞަލާތު ކުރަން ބޭނުން ކުރާ ޕޭޖަރުތަކާއި ވޯކީޓޯކީތަކުގައި ގޮވާތަކެތި ހަރުކޮށް, އެ ތަކެތި ގޮއްވައިލައިގެން ނިރުބަވެރި ޙަމަލާތަކެއް ދީފައި ވަނީ ޔަހޫދީ އިސްރާއީލުން ކަމުގައެވެ. "އެއްވެސް މީހަކަށް [ހައްދުފަހަނަ އެޅި ޔަހޫދީންގެ ނުރައްކަލުން] ރައްކާތެރިކަމެއް ނެތް. އަޅުގަނޑުމެން މި ކައުންސިލަށް މި އައީ, އިންސާނިއްޔަތު ކަން ޙިމާޔަތްކޮށް, އިސްރާއީލުގެ ނިރުބަވެރި ޙަމަލާތައް ކުށްވެރިކުރަން ގޮވައިލަމުން. އަަދި, ލުބްނާންގެ ސިޔާދަތީ މިނިވަންކަމާއި އިސްތިޤުލާލަށް އަރައިގަނެ ދެމުންދާ ޙަމަލާތަކަށް އިސްރާއީލު ޖަވާބުދާރީ ކުރުވަން،" އޭނާ ވިދާޅުވިއެވެ.
ޕޭޖަރުތަކާއި ވޯކީޓޯކީތައް ގޮއްވައިލައިގެން ނިރުބަވެރި ޙަމަލާތަކެއް ދިނުމަށް ފަހު ޔަހޫދީ ފައުޖުން ވަނީ އަސްކަރީ މަތިންދާބޯޓުތައް ބޭނުންކޮށް ލުބްނާންގެ ވެރިރަށް ބައިރޫތަށް ވަރުގަދަ ވައިގެ ޙަމަލާތަކެއްދީ 14 މީހުން ޝަހީދު ކޮށްލާފައެވެ. އަދި, އިތުރު 66 މީހުން ޒަޚަމު ކޮށްލާފައެވެ. އެ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ އެކަކަކީ ޙިޒްބުاللهގެ ކޮމާންޑަރެއް ކަމުގައިވާ އިބްރާހީމް ޢަޤީލެވެ.
އެ ފަދަ ނިރުބަވެރި ޙަމަލާތަކާ ގުޅިގެން މެދުއިރުމަތީގައި ނުރައްކާތެރި ހަނގުރާމައެއް ފެށުމުގެ ބިރު އިތުރުވެފައިވާ ދަނޑިވަޅުގައި ޔަހޫދީން ބުނީ ލުބްނާނާ ދެކޮޅަށް ހަނގުރާމައެއް ފެށުމުގެ ނިޔަތެއް ނެތް ކަމުގައެވެ. ނަމަވެސް, ޔަހޫދީން ދަނީ ލުބްނާނުގެ ސަރަޙައްދީ ރޮނގު ކައިރިއަށް ގިނަ ޢަދަދެއްގެ ބަރު ހަތިޔާރާއި ސިފައިން ޖަމާކޮށް, ހަނގުރާމައެއް ފެށުުމުގެ އެންމެ ފަހުގެ ތައްޔާރީތައް ކުރަމުންނެވެ. މީގެ 18 އަހަރު ކުރިން ވެސް ޔަހޫދީން ލުބްނާނާ ދެކޮޅަށް ނުރައްކާތެރި ހަނގުރާމައެއް ކުރިއެވެ.
ލުބްނާނާ ދެކޮޅަށް ހަނގުރާމައެއް ފެށުމަކީ ޔަހޫދީން އިތުރު ނުރައްކަލަށް ހުށަހެޅޭނެ އަމަލަކަށް ވެގެންދާނެ ކަމަށް ބުނެ, ލުބްނާނަށް ވާގިވެރިވާ އީރާނުން ވަނީ ޔަހޫދީންނަށް އިންޒާރު ދީފައެވެ. އދގެ ސަލާމަތީ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން އދއަށް އެ ޤައުމުން ކަނޑައަޅާފައި ހުންނަވާ ސަފީރު އަމީރު ސަޢީދު އީރުވާނީ ވިދާޅުވީ މެދުއިރުމަތީގައި ޔަހޫދީން "ނުބައި ނިޔަތެއްގައި އަމަލުތައް ހިންގަމުންދާ ނަމަ އޭގެ ނަތީޖާ ހިތިވާނެ ކަމުގެ އިންޒާރު" ޔަހޫދީންނަށް ދީފައިވާނެ ކަމުގައެވެ.
"ސަރަޙައްދީ ސުލްޙައާއި ސަލާމަތަށް ޓަކައި, އަދި ޣައްޒާ ޢުދުވާން ހުއްޓުމަށް ކުރަމުންދާ މަޝްވަރާތަކަށް ޓަކައި, އީރާނުގެ އިސްލާމީ ޖުމްހޫރިއްޔާއިން ވާނީ ހިފެހެއްޓުން އިސްކޮށްފައި،" އީރުވާނީ ވިދާޅުވިއެވެ. ޕޭޖަރުތައް ގޮއްވައިލައިގެން ޔަހޫދީ ފައުޖުން ލުބްނާންގެ ރައްޔިތުންނަށް ދިން ނިރުބަވެރި ޙަމަލާގައި, ބައިރޫތުގައި ހުންނަވާ އީރާނުގެ ސަފީރަށް ވެސް ޒަޚަމުތަކެއް ލިބުނެވެ.
ޕޭޖަރުތަކާއި ވޯކީޓޯކީތަކުގައި ގޮވާތަކެތި ހަރުކޮށް, އެ ތަކެތި ގޮއްވައިލައިގެން ޔަހޫދީން ދީފައިވާ ނިރުބަވެރި ޙަމަލާތަކާ އެކު އިންސާނިއްޔަތާ ބެހޭ ބައިންއަޤުވާމީ ޤާނޫނުތަކާ ޔަހޫދީން ޚިލާފުވެފައިވާ މިންވަރު ދެނެގަތުމަށް ދަތި ކަމުގައި އިންސާނީ ޙައްޤުތަކާ ބެހޭ އދގެ ހައި ކޮމިޝަނަރު ފޮލްކަރ ތުރްކު ވިދާޅުވިއެވެ. އަދި, އެ ޙަމަލާތަކުގެ މިނިވަން އަދި ފުރިހަމަ ތަޙުޤީޤެއް ހިންގުމަށް އޭނާ ވަނީ ކަމާ ގުޅޭ އިދާރާތަކަށް ގޮވައިލައްވާފައެވެ. އަދި, އެ ޙަމަލާތަކުގައި ޒިންމާވާ މީހުން ހޯދައި, އެ މީހުން ޖަވާބުދާރީ ކުރުވަން ވެސް އޭނާ ގޮވައިލެއްވިއެވެ.