މިހާރު ފެށިގެންދާ ޔޫރަޕުގެ ވަރުގަދަ ލީގުތަކުގައި ވާދަކުރާ ކުލަބުތައް، މި ސީޒަނުގައި ގިނަ މެޗުތަކެއް ކުޅެން ޖެހޭ މައްސަލައަށް ހައްލެއް ހޯދޭނީ ކުޅުންތެރިންނަށް ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.
ޕްރިމިއާ ލީގުގައި މާދަމާރޭ އާސެނަލާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ގާޑިއޯލާ ބުނެފައިވަނީ މި އަހަރުގެ ސީޒަނުގައި ގިނަ އަދަދެއްގެ މެޗުތަކެއް ގާތްގާތުގައި ކުޅެން ޖެހުމާ ގުޅިގެން ގިނަ ބައެއްގެ ހިތްހަމަނުޖެހުން އެބައޮތް ކަމަށާއި، އަދި އެކަމާ ގުޅޭ ގޮތުން ވާހަކަ ދެކެވިފައިވާ ކަމަށެވެ.
ނަމަވެސް މިހާތަނަށް އެއްވެސް ރަސްމީ ފަރާތަކުން އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކާފައިނުވާއިރު, ކޯޗުންނާއި ކްލަބްތަކާއި މީޑިޔާގެ އިތުރުން ސްޕޯޓްސް ޑިރެކްޓަރުންގެ ވާހަކަތައް އަޑުނޭހި ނަމަވެސް، ކުޅުންތެރިންގެ އަޑުއަހަން ޖެހޭނެ ކަމަށެވެ. އަދި ފުޓްބޯޅައަށް ކަމެއް ކުރާނަމަ ކުޅުންތެރިންނާ ނުލައި އެކަމެއް ނުކުރެވޭނެ ކަމަށާއި، އެހެންކަމުން އަރާމުކުރުމަށް ވަގުތު ނެތި ގިނަ މެޗުތަކެއް ކުޅެންޖެހޭ މައްސަލައަށް ހައްލެ ހޯދޭނެ ހަމައެކަނި ބަޔަކީ ކުޅުންތެރިން ކަމަށްވެސް ގާޑިއޯލާ ވަނީ ބުނެފައެވެ.
ގާޑިއޯލާ މިހެން ބުނެފައިވާއިރު ޗެމްޕިއަންސް ލީގުގައި އެންމެ ފަހުން ސިޓީ ކުޅުނު މެޗުގެ ކުރިން އެ ޓީމުގެ މިޑްފީލްޑަރު ރޮޑްރީ ވަނީ މި މައްސަލައިގައި ކުޅުންތެރިން މުޒާހަރާ ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބުނެފައެވެ.
މި އަހަރުގެ ފުޓްބޯޅަ ސީޒަން ރޭވިފައިވާ ގޮތަށް ބަލާއިރު ސިޓީން މި ސީޒަނުގައި 76 މެޗު ކުޅުމުގެ ފުރުސަތު އެބައޮތެވެ. އެއީ ޕްރިމިއާ ލީގާއި، އެފްއޭ ކަޕާއި، ލީގު ކަޕްގެ އިތުރުން ޗެމްޕިއަންސް ލީގާއި، ފީފާ ކްލަބް ވޯލްޑް ކަޕް އަދި ކޮމިއުނިޓީ ޝީލްޑް ހިމަނައިގެންނެވެ. މީގެ އިތުރުން ގައުމީ ޓީމުތައް ތަމްސީލުކުރަން ކުޅުންތެރިންނަށް ޖެހޭއިރު، އެފަދަ އަދަދަކަށް މެޗުތައް ކުޅުމަކީ ގެއްލުން ބޮޑު ކަމެއް ކަމަށް ވަނީ ބެލެވިފައެވެ.
ފިފްޕްރޯ އިން ބުނެފައިވާ ގޮތުގައި ކުޅުންތެރިއަކަށް ސީޒަނެއްގައި އެންމެ ގިނައިންވެސް ކުޅެވޭނީ އެ ކުޅުންތެރިއެއްގެ އުމުރަށް ބެލުމަށްފަހު 50 ނުވަތަ 60 މެޗެވެ.
ގަޑިއޯލާގެ ވާހަކަތަކަށް ތާއިދުކޮށް ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ބުނެފައިވަނީ މި ސީޒަނުގައި ގިނަ މެޗުތަކެއް ކުޅެންޖެހޭ ގޮތަށް ހަމަޖެހިފައިވާކަން އެނގޭ ކަމަށާއި، އެކަމުގެ ސަބަބުން ކުޅުންތެރިންނަށް އިތުރު ގެއްލުންތަކެއް ލިބުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އަދި މިއީ މިކަން ވާން ޖެހޭނެ ގޮތް ނޫން ކަމަށާއި، މިކަމަށް ހައްލެއް ހޯދޭނީ ހަމައެކަނި ކުޅުންތެރިންނަށް ކަމަށްވެސް ވަނީ ބުނެފައެވެ. އަދި އެކަމުގައި ކުޅުންތެރިންނަށް އެހީތެރިވާނެ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.