މާލޭގައި މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމެންސް ވޮލީބޯލް ކުލަބު ޗެމްޕިއަންޝިޕް 2024 ގެ ލީގު ބުރުގެ ފަހު މެޗުގައި ފަސޭހަކަމާއެކު ސްރީ ލަންކާގެ އެއަރ ފޯސް ބަލިކޮށް، ފައިނަލުގެ ޖާގައެއް އުޒްބެކިސްތާންގެ ހުމޯ ވޮލީބޯލް ކުލަބުން ހޯދައިފިއެވެ.
މާދަމާގެ ނިޔަލަށް ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުރިއަށްދާ މި މުބާރާތުގައި ފަސް ގައުމަކުން ހަ ކުލަބު ވާދަކުރެއެވެ. އެއީ ރާއްޖޭގެ ކުލަބު ވެމްކޯ އާއި ޕޮލިސް ކުލަބުގެ އިތުރުން ނޭޕާލުގެ ޕޮލިސް ކުލަބާއި، ސްރީ ލަންކާގެ އެއަރ ފޯސް އާއި، އުޒްބެކިސްތާންގެ ހުމޯ ވޮލީބޯލް ކުލަބު އަދި ތަޖިކިސްތާންގެ ވޮލީބޯލް ކުލަބު ޑިއަމެޑް އެވެ.
މުބާރާތުގައި މިއަދު މެންދުފުރުފަހު ކުޅުނު މެޗުން ހުމޯ ވަނީ ފަސޭހަކަމާއެކު ސީދާ ތިން ސެޓުން ލަންކާގެ އެއަރ ފޯސް ބަލިކޮށްފައެވެ. މި މެޗުގެ ސެޓުތައް ހުމޯ އިން ގެންދިޔައީ 25-13، 25-19 އަދި 25-16 އިންނެވެ.
މި މޮޅާއެކު ހުމޯ ފައިނަލަށް ދަތުރުކޮށްފައިވަނީ ދެވަނަ ޓީމުގެ ގޮތުގައެވެ. މި މުބާރާތް ރޭވިފައިވާ ގޮތުން ލީގު ބުރުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކުރާއިރު، އެއްވަނަ އާއި ދެވަނަ ހޯދާ ޓީމުތައް ފައިނަލަށް ދަތުރުކުރާނެއެވެ. އަދި ތިންވަނަ އާއި ހަތަރުވަނައިގެ މެދުގައި ލޯ މެޑެލް މެޗު ކުޅޭއިރު، ފަސްވަނަ އާއި ހަވަނައިގެ މެދުގައި ރޭންކިން މެޗެއް ކުޅޭނެއެވެ. ލީގު ބުރުގެ އެއްވަނައިގައި އޮތް ނޭޕާލުގެ ޕޮލިސް ކުލަބަށް 14 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ހުމޯއަށް ވަނީ 12 ޕޮއިންޓް ލިބިފައެވެ.
މީގެ އިތުރުން މި މުބާރާތުގައި މިއަދު ހަވީރު ކުޅުނު ނޭޕާލުގެ ޕޮލިސް ކުލަބުން ވަނީ 3-1 ސެޓުން ރާއްޖޭގެ ޕޮލިސް ކުލަބު ބަލިކޮށްފައެވެ. މި މެޗުގެ ފުރަތަމަ ދެ ސެޓު 25-12 އަދި 25-21 އިން ގެންދިޔައީ ނޭޕާލުގެ ޕޮލިސް ކުލަބުންނެވެ. އެކަމަކު ރާއްޖޭގެ ޕޮލިސް ކުލަބުން ވަނީ ތިންވަނަ ސެޓު 25-23 އިން ގެންގޮސްފައެވެ. ނަމަވެސް ހަތަރުވަނަ ސެޓު 25-21 އިން ކާމިޔާބުކޮށް، ނޭޕާލުގެ ޕޮލިސް ކުލަބު ވަނީ މެޗުން މޮޅުވެފައެވެ.
މި މޮޅާއެކު ނޭޕާލުގެ ޕޮލިސް ކުލަބުން ވަނީ ލީގު ބުރުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް، ސައްތައިން ސައްތައިގެ ރިކޯޑެއް ދަމަހައްޓާފައެވެ.