ޚަބަރު

ރާއްޖެއަށް އެންމެ މަންފާވާނެ ގޮތަކީ ދުނިޔޭގެ ޤައުމުތަކާ ގުޅިގެން މަސައްކަތް ކުރުން: ރައީސް


  • މިދަތުރުފުޅުގައި ސަލާމަތީ މަޖިލީހުގެ އޯޕަން ޑިބޭޓެއްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވާނެ

  • ރާއްޖެއަށް މުހިންމު ދާއިރާތަކުން އެހީ ހޯދުމަށް މަސައްކަތްޕުޅު ކުރައްވާނެކަމަށް ވިދާޅުވި

ރާއްޖެއަށް އެންމެ މަންފާވާނެ ގޮތަކީ ދުނިޔޭގެ ޤައުމުތަކާ ގުޅިގެން މަސައްކަތް ކުރުންކަމަށާއި އެމަގުން މުހިންމު ގިނަ މަސައްކަތްތަކެއް އދ.ގެ މަޖިލީހުގެ ބައްދަލުވުންތަކުގެ ތެރެއިން ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އދ.ގެ 79 ވަނަ އާއްމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ފުރާވަޑައިގެން މީޑިއާތަކަށް ދެއްވި ބަސްދީގަތުމުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިދަތުރުފުޅުގެ އެންމެ މުހިންމު ބޭނުމަކަށްވަނީ ރާއްޖޭގެ ވާހަކަތައް ކިޔައިދީ، ކުދި ޖަޒީރާ ޤައުމުތަކުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ދާއިރާތަކާމެދު ދުނިޔޭގެ ބޮޑެތި ޤައުމުތަކުގެ ސަމާލްކަމަށް ގެނައުންކަމަށެވެ.

ރާއްޖޭ ކަންކަމުގެ އިތުރުން، ބޭރުގެ މަޝްރަހުގައި ހިނގާ ކަންކަމާ ގުޅޭގޮތުންވެސް ރާއްޖޭގެ ބަސް އިއްވަންޖެހޭ ކަންކަމުގައި ބަސް އިއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސްގެ މިދަތުރުފުުގައި އދ.ގެ ސެކިއުރިޓީ ކައުންސިލްގެ އޯޕަން ޑިބޭޓެއްގައި ބައިވެރިވެވަޑައިގެން، ވާހަކަފުޅު ދައްކަވާނެއެވެ. މިއީ ދިވެހިރާއްޖޭގެ ތާރީޚުގައި އދ.ގެ ސަލާމަތީ މަޖީލީހުގެ ޑިބޭޓެއްގައި ދިވެހިރާއްޖޭގެ ރައީސަކު ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތަކާއި ރާއްޖޭގައި ހުރި މައްސަލަތަކަށް ޙައްލު ހޯދުމަށް ބޭނުންވާ ޒަމާނީ ބަދަލުތަކާއި ގުޅޭގޮތުންވެސް ކަމާގުޅުންހުރި ބައްދަލުވުންތަކުގައި މަޢުލޫމާތު ޙިއްސާކުރަައްވާނެކަމަށެވެ.

ރައީސްގެ މިދަތުރުފުޅުގައި ދުނިޔޭގެ ބޮޑެތި ޤައުމުތަކާއެކު ގުޅުން ބަދަހިކުރައްވާ، ރާއްޖެއަށް މުހިންމު ދާއިރާތަކުން އެހީތެރިކަން ހޯއްދެއްވުމަށް މަސައްކަތް ކުރައްވާނެކަމަށްވެސް ވިދާޅުވިއެވެ.

"ރާއްޖެއަށް ތަރައްޤީ ގެނެވެން އޮތީ ޤައުމުތަކާއެކު ގުޅުން ބަދަހިކޮށްގެން. ރާއްޖޭގެ ޙާލަތު ރަނގަޅަށް ވަޒަންކޮށްދީ ބުނެދޭނަން. އަދި ރާއްޖޭގެ ކަންކަމުގެ އިތުރުންވެސް، ދުނިޔޭގައި ހިނގާ ރާއްޖެއަށް މުހިންމު ކަންކަމާ ގުޅޭގޮތުންވެސް ރާއްޖޭގެ ބަސް އިއްވާނަން." ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

މި ދަތުރުފުޅުގައި ރާއްޖެއިން މުހިންމު 14 ބައްދަލުވުމެއްގައި ބައިވެރިވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅު ނިއްވާލެއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 27ގައެވެ.