ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ އިޓަލީގެ އެޓަލާންޓާއާ ދެކޮޅަށް ކުޅުނު މެޗުގައި ގޯލްކީޕަރު ޑޭވިޑް ރާޔާގެ ފަރާތުން ފެނުނު މޮޅު ކުޅުމާއެކު އާސެނަލަށް ޕޮއިންޓެއް ލިބެއްޖެއެވެ.
އިޓަލީގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، މި މެޗުގައި އެޓްލާންޓާއިން ވަނީ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އަނެއްކޮޅުން މި މެޗުގެ 18 ވަނަ މިނެޓާއި، 75 ވަނަ މިނިޓާ ދެމެދު އާސެނަލަށް އެންމެ ހަމަލައެއްވެސް އެޓަލާންޓާގެ ގޯލަށް ފޮނުވާލެވިފައެއް ނުވެއެވެ.
މި މެޗުގައި އެންމެ ރަނގަޅު ފުރުސަތެއް ލިބިފައިވަނީ މެޗުގެ 51 ވަނަ މިނެޓުގައި އެޓަލާންޓާއަށް ލިބުނު ޕެނަލްޓީންނެވެ. ގިނައިރުތަކެއް ވަންދެން ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ބެލުމަށްފަހު ރެފުރީ ޕެނަލްޓީއެއް ދީފައިވަނީ، އޭރިޔާ ތެރެއިން ތޯމަސް ޕާޓޭ ކުރި ފައުލަކާ ގުޅިގެންނެވެ.
އެކަމަކު އެޓަލާންޓާގެ ފޯވާޑް ރެޓެގުއި ފޮނުވާލި ޕެނަލްޓީ ކީޕަރު ދިފާއުކުރުމުން ނިކުތް ބޯޅަ ދެވަނަ ފަހަރަށް ބޮލުން ޖަހައި ގޯލުގެ ތެރެއަށް ފޮނުވާލަން މަސައްކަތްކުރި ނަމަވެސް، ކީޕަރު ރާޔާ ވަނީ އެ ބޯޅަވެސް ދިފާއުކޮށްފައެވެ. މިއީ މި މިއަހަރުގެ މި މުބާރާތުގައި މިހާތަނަށް ފެނުނު އެންމެ ރީތި އެއް ސޭވްއެވެ. އަދި އާސެނަލްގެ ލެޖެންޑް ޑޭވިޑް ސީމަން 2003 ވަނަ އަހަރުގެ އެފްއޭ ކަޕްގެ ސެމީ ފައިނަލުގައި ޝެފީލްޑް ޔުނައިޓާ ދެކޮޅަށް ކުރި ސޭވް އަށްވުރެ މި ސޭވް މޮޅު ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
މި މެޗުން ޕޮއިންޓެއް އާސެނަލަށް ލިބިފައިވާއިރު, މި މެޗުގެ ކުރިން އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފައިވަނީ މި ފަހަރުގެ ލީގު ރޭވިފައިވާ ގޮތަށް ބަލާއިރު ކޮންމެ މެޗަކީވެސް މުހިންމު މެޗެއް ކަމަށާއި، ނަމަވެސް ލީގުގެ ކުރީކޮޅު ޕޮއިންޓުތަކެއް ލިބިއްޖެނަމަ އޭގެ ފައިދާ ބޮޑުވާނެ ކަމަށެވެ.
މި ފަހަރުގެ ލީގު ރޭވިފައިވާ ގޮތުން ބައެއް ކުޅުންތެރިންނާއި ކޯޗުން ވަނީ އަރާމުކުރުމުގެ ފުރުސަތު ކުޑަވުމުގެ ސަބަބުން، އެކަމާމެދު ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. މި މެޗަށްފަހު އަންނަ އާދިއްތަ ދުވަހު އާސެނަލް ނިކުންނާނީ އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެ.