ޚަބަރު

އިޤްތިޞާދަށް ކުރިއެރުން ގެނެސްދިނުމަށް ބޭނުންވަނީ ހުނަރު ލިބިފައިވާ ދަރިންތަކެއް: ވަޒީރު ޑރ.މުއްޠަލިބް


  • މުސްތަޤްބަލް އޮތް ދާއިރާއަކުން ކިޔެވުމަށް އިލްތިމާސްކުރެއްވި

  • ހުނަރުވެރި ރައްޔިތުން ތިބުމަކީ ޤައުމެއް ކުރިއަރައިގެން ދިއުމުގެ ވަރަށް މުހިއްމު ކަމެއް

ޤައުމުގެ އިޤްތިޞާދަށް ކުރިއެރުން ގެނެސްދިނުމުގައި ބޭނުންވަނީ ހުނަރު ލިބިފައިވާ ދަރިންތަކެއްކަމަށް އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ މޯލްޑިވްސް ޕޮލިޓެކްނިކްގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ. މި ރަސްމިއްޔާތުގައި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ވޮކޭޝަނަލް ޓްރެއިނިން އަކީ މަސައްކަތްތެރިކަމުގެ ދައިރާއިން ކުރިއަށް ދިޔުމަށް ނުހަނު ބޭނުންތެރިކަމެއްކަން ފާހަގަކުރައްވާ އިމާރާތްކުރުމާ ބެހޭ ވަޒީރު ޑރ.މުއްޠަލިބް ވިދާޅުވީ ވަކި ދާއިރާއަކުން ތަޢުލީމް އުނގެނިގެން ތިބިނަމަވެސް ވަޒީފާގެ މާހައުލުގައާއި ޤައުމުގައި ލިބެން ހުރި ފުރުޞަތުތަކަށް ބަލައި ކުރިއަށް ދިއުމަށް ހުރިހާ ފަރާތްތަކުންވެސް ތަފާތު ދާއިރާތަކުން މަސައްކަތުގެ ހުނަރު ހޯދަންޖެހޭކަމަށެވެ.

ވަޒީރު ވިދާޅުވީ ޤައުމުގެ އިޤްތިޞާދު ކުރިއެރުވުމަށްޓަކައި ބޭނުންވަނީ ހުނަރު ލިބިފައިވާ ދަރިވަރުންތަކެއްކަމަށާއި މަސައްކަތްތެރި ހުނަރުވެރި ރައްޔިތުން ތިބުމަކީ ޤައުމެއް ކުރިއަރައިގެން ދިއުމުގެ ވަރަށް މުހިއްމު އަސާސެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީފާއެއް ހޯދާ ކުރިއަށް ދިއުމުގައި ޤައުމަށް ބޭނުންތެރި ދާއިރާއަކުން ކިޔެވުމަކީ މުހިއްމުކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މަތީ ތައުލީމް ހާސިލް ކުރާއިރުވެސް މުސްތަޤްބަލް އޮތް ދާއިރާއަކުން ކިޔެވުމަށާއި ހުނަރުތައް ދަސްކުރުމަށް ވަޒީރު އެދިވަޑައިގެންނެވިއެވެ.

"ތިޔަ ދަރިވަރުން މިއަދު ތިވަނީ މަސައްކަތުގެ ދާއިރައިން ޤައުމަށް ބޭނުންވެފައިވާ ދާއިރާތަކުން ޚިދުމަތްކުރުމަށް ތައްޔާރުވެފައި. ހުނަރުވެރި މަސައްކަތްތެރިންނަކީ ޤައުމެއްގެ އިޤްތިޞާދުގެ މައި ބަދަ. ތިއީ ހަމައެކަނި ވަޒީފާ އަދާކުރާ ބައެއް ނޫން. މަސައްކަތުގެ ދާއިރާއަށް ނުކުތުމަށްފަހު ތިޔަދަރިވަރުން ވެގެންދާނީ ޤައުމަށް ވަރަށް މުހިއްމު ދަރިވަރުންތަކަކަށް." މާރާތް ކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕޮލިޓެކްނިކްގެ ސީއީއޯ ޛޫޝާން ކަމާލުއްދީން ވަނީ ޕޮލިޓެކްނިކް ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތް ފާހަގަކުރައްވާފައެވެ. އެގޮތުން ޕޮލިޓެކްނިކް ކޮލެޖްއަކަށް ބަދަލުކުރުމުގެ މަސައްކަތްތައް ކުރައްވަމުން ގެންދަވާކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން ޕޮލިޓެކްނިކްގެ ޚިދުމަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކުރުމަށްޓަކައި މިއަހަރުގެ ތެރޭ އަލިފުށި އަދި ދިއްދޫގައި ޓެކނިކަލް ކޯސްތައް ފަށާފައިވާކަމަށް ވިދާޅުވިއެވެ.

" ތުރުކީ ސަރުކާރުގެ އެހީގެ ދަށުން ޒަމާނީ ފެންވަރުގެ ލެބެއް މިހާރު ވަނީ އަޅުގަނޑުމެންނަށް ލިބިފައި.ސަރުކާރުގެ ވިސްނުން ހުރީ ޤައުމުގެ ޒުވާނުންނަށް ގިނަ ފުރުޞަތުތަކެއް ހޯދައިދުނުމަށް" ޕޮލިޓެކްނިކްގެ ސީއީއޯ ޛޫޝާން ކަމާލުއްދީން ވިދާޅުވިއެވެ.

ޕޮލިޓެކްނިކްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވަނީ އެ އިންސްޓިޓިއުޓުން ސްޓްފިކެޓް ލެވެލް 1 އިން ފެށިގެން ޑިޕްލޮމާއަށް ކުރިއަށް ގެންދިޔަ 34 ކޯހަކުން ތަޢުލީމް ހާސިލްކުރި 431 ދަރިވަރަކު ދަސްވެނިވެފައެވެ. އެއީ 324 ފިރިހެން ދަރިވަރުންނާއި 107 އަންހެން ދަރިވަރެކެވެ. މީގެ ތެރޭގައި މާލެގެ އިތުރުން 4 ރަށެއްގައި ހުރި ކެމްޕަސްތަކުން ތަޢުލީމް ހާސިލް ކުރި ދަރިވަރުން ހިމެނެއެވެ. މި ރަސްމިއްޔާތުގައި ވަނީ ކޯސްތަކުން އެންމެ މަތީ ވަނަ ހާސިލް ކުރި 22 ދަރިވަރުން ހޮވާފައެވެ.