ޚަބަރު

ލަންކާގެ އިންތިޚާބާއި ގުޅިގެން ދިވެހިން ސަމާލުވާން އިލްތިމާސްކުރައްވައިފި


  • ވިސާއާ ގުޅުން ހުރި ކަންކަން ދުރާލާ ހަމަޖެއްސުމަށް އިލްތިމާސްކުރެއްވި

  • މީހުން ޖަމާވާ ތަންތަނަށް ނުދިއުމަށް އިލްތިމާސްކުރެއްވި

ސްރީލަންކާގައި އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބާ ގުޅިގެން އެ ޤައުމުގައި އުޅޭ ދިވެހިން ސަމާލުވުމުށް އިލްތިމާސްކޮށްފިއެވެ.

ސްރީލަންކާގައި ހުންނަ ރާއްޖޭޭގެ އެމްބަސީން ވަނީ އެ ޤައުމުގެ ރިޔާސީ އިންތިޚާބާ ގުޅިގެން އެ ޤައުމުގެ ސަލާމަތީ ފިޔަވަޅުތައް އިތުރު ކޮށްފައިވާ ކަމަށާއި ދިވެހިން ވެސް އެކަމަށް ސަމާލުވާން އިލްތިމާސްކުރައްވާފައެވެ. އެގޮތުން ބޭރަށް ނުކުމެ އުޅޭއިރު، ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންގުޅުމަށް އެމްބަސީން އިލްތިމާސް ކުރައްވައެވެ. މީގެ އިތުރުން ގިނަ މީހުން ޖަމާވާ ތަންތަނާއި ވޯޓުލާ މަރުކަޒުތައް ކައިރިއަށް ނުދިޔުމަށާއި ދަންވަރުގެ ގަޑިތަކުގައި ބޭރަށް ނުކުމެ ނޫޅުމަށްވެސް އެމްބަސީން ވަނީ އިލްތިމާސްކުރައްވާފައެވެ.

ސްރީލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީން ވަނީ އެ ޤައުމުގެ ފުލުހުން ނުވަތަ ސަލާމަތީ ހިދުމަތްތަކުގެ އިރުޝާދުތަކަށް ކިޔަމަންވުމަށާއި ޒަރޫރީ ތަކެތި ދުރާލާ ހޯދުމަށްވެސް އިލްތިމާސްކުރައްވާފައެވެ. އަދި ކުރިޔަށް އޮތް ހަފުތާ ބަންދު ދުވަސްތަކަށް ވިސްނައި، ވިސާއާ ގުޅުން ހުރި ކަންކަން ހަމަޖެއްސުމަށްވެސް ސްރީލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީން އިލްތިމާސްކުރައްވައެވެ.

ސްރީލަންކާގައި ރިޔާސީ އިންތިޚާބެއް މި ބާއްވަނީ 2022 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އޭރު އެ ޤައުމުގެ ރައީސްގެ މަޤާމުގައި ހުންނެވި ގޮތަބަޔަ ރާޖަޕަކްސަ އިސްތިޢުފާ ދެއްވުމުންނެވެ. އޭނާ އިސްތިއުފާ ދެއްވުމުން އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުން ވަނީ ރައީސް ކަމުގެ މަޤާމަށް ވިކްރަމަސިންހަ އައްޔަންކޮށްފައެވެ.

ލަންކާގައި ބާއްވާ ރިޔާސީ އިންތިޚާބުގައި 38 ކެންޑިޑޭޓުން ވާދަކުރައްވައެވެ.