ޚަބަރު

ބަންކަރިންގެ ޚިދުމަތް ފެށިގެންދިޔައީ ރައީސްގެ ދުރުވިސްނުންފުޅުގެ ސަބަބުން: ނައިބު ރައީސް


  • ދިވެހި އިޤްތިޞާދު ހަރުދަނާ ކުރުމަށްޓަކައި ފެއްޓެވި ޚިދުމަތެއްކަމަށް ވިދާޅުވި

ބަންކަރިންގެ ޚިދުމަތް ފެށިގެންދިޔައީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދުރު ވިސްނުންފުޅުގެ ސަބަބުންކަމަށް ނައިބު ރައީސް އަލްއުސްތާޛް ހުސައިން މުހައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ ރާއްޖޭގައި ބައިނަލްއަޤްވާމީ ބަންކަރިން ފެށުމާއި ގުޅިގެން އެކަން ފާހަގަކުރައްވާ، ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ބައިނަލްއަޤްވާމީ ބަންކަރިންގެ ޚިދުމަތް ރާއްޖޭގައި ފެށުމާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަޠީފް ވިދާޅުވީ ބަންކަރިންގެ ޚިދުމަކީ ރައީސްގެ ދުރު ވިސްނުންފުޅާއި ރާއްޖެއާ މެދު އެމަނިކުފާނު ގެންގުޅުއްވާ ތަޞައްވުރުގެ ދަށުން ދިވެހި އިޤްތިޞާދު ހަރުދަނާ ކުރުމަށްޓަކައި ފެއްޓެވި ޚިދުމަތެއްކަމަށެވެ. ނައިބް ރައީސްގެ ޕޯސްޓުގައި ވަނީ ބަންކަރިންގެ ޚިދުމަތް ފެށުމުގެ ތަޙުނިޔާ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށާއި ދިވެހި ރައްޔިތުންނަށް އަރިސްކުރައްވާފައެވެ.

ރާއްޖޭގައި ބައިނަލްއަޤްވާމީ ބަންކަރިންގެ ޚިދުމަތް ފޯރުކޮށްދޭނީ އެސްޓީއޯއިންނެވެ. ބަންކަރިންގެ ޚިދުމަތް ދިނުމަށް އެސްޓީއޯއިން ވަނީ 2 ބޯޓު ރާއްޖެ ގެނެސްފައެވެ. މިއީ ގާތްގަނޑަކަށް 4000 ޓަނުގެ ތެޔޮ އުފުލޭ 2 ބޯޓެވެ. ބަންކަރިންގެ ޚިދުމަތް ފެށުމުން އޭގެ ތެރެއަށް މުޅިން އަލަށް 400 މިލިއަން ޑޮލަރު ވަންނާނެކަމަށް ސަރުކާރުން ލަފާކުރައްވައެވެ.

ބަންކަރިންއާ ގުޅިފައިވާ އެހެން ޚިދުމަތްތައް ދިނުމަށްޓަކައި މޯލްޑިވްސް ޕޯޓްސް ލިމިޑެޓް، އެމްޕީއެލްއިން ވަނީ އުތުރު މެރިޓައިމް ސަރވިސަސް ޤާއިމްކޮށްފައެވެ. އެގޮތުން އެތަނުން ބޯޓުފަހަރަށް ބޭނުންވާ މެރިޓައިމް ޚިދުމަތްތައް ފޯރުކޮށްދޭނެއެވެ.