ވިޔަފާރި

ރަމަޟާން ފްރެޝް މާރުކޭޓުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި


ރޯދަމަހު ހެޔޮއަގެއްގައި ކާބޯތަކެތި ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ބާއްވާ "ރަމަޟާން ފްރެޝް" މާރުކެޓުގެ ސްޓޯލްތައް ހިންގަން ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައްވައިފިއެވެ.

"ރަމަޟާން ފްރެޝް" މާރުކޭޓުގައި ސްޓޯލް ހިންގަން ބޭނުންވާ ފަރާތްތަކުން މިމަހުގެ ފަހެއް ވާ އާދިއްތަ ދުވަހުގެ 11:30 ގެ ކުރިން އިކޮނޮމިކް މިނިސްޓްރީއަށް ފޯމް ހުށަހަޅަންޖެހެއެވެ. މިކަމަށް ބޭނުންވާ ފޯމު އެމިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން މައުލޫމާތުދެއްވައެވެ.

އިކޮނޮމިކް މިނިސްޓްރީގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގު ވިދާޅުވީ މިއަހަރުގެ "ރަމަޟާން ފްރެޝް" މާރުކޭޓުގައި 30 ސްޓޯލާއި 2 ރެސްޓޯރެންޓު ހުންނާނެ ކަމަށެވެ. އޭގެ ތެރޭގައި ތަރުކާރީ އާއި މޭވާއަށް ޚާއްސަ ސްޓޯލްތަކާއި ފަރުމަހާއި ކަނޑުމަސް ވިއްކާ ސްޓޯލްތައް ހިމެނޭ ކަމަށެވެ.

ސްޓޯލްތަކަށް ފަރާތްތައް ހޮވުމުގައި ބަލާނެ ކަންތައްތަކުގެ ތެރޭގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ރަޖިސްޓަރީ ކުރެވިފައިވާ ވިޔަފާރިއަކަށްވުމުގެ އިތުރަށް ރަމަޟާން ފްރެޝް މާރުކޭޓުގެ މުއްދަތުގައި ބަރާބަރަށް ތާޒާކަމާއެކު ތަކެތި ސަޕްލައިކޮށްދެވޭނެ ފަރާތެއްތޯވެސް ބަލާނެ ކަމަށް އެމިނިސްޓްރީން މައުލޫމާތުދެއްވައެވެ.

"ރަމަޟާން ފްރެޝް"  މާރކެޓު ކުރިއަށްދާނީ ކާނިވަލުގެ ޕާކިންގ ސަރަޙައްދުގައެވެ.

ރަމަޟާން މަހުގެ އެއްވަނަ ދުވަހުން ފެށިގެން 6 ރޯދަ ނިމެންދެން މެންދުރުފަހު 02:00 އިން ރޭގަނޑު 1:00އަށް މި މާރކެޓު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވެއެވެ.