އެމްޕީއެލްއިން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ މެރިޓައިމްގެ ޚިދުމަތްތަކަށް ބައެއް ފަރާތްތަކުން މިހާރުވެސް އެދެމުން އަންނަކަމަށް އެކުންފުނީގެ ސީއީއޯ މުހައްމަދު ވަޖީޙް އިބްރާހީމް ވިދާޅުވެއްޖެއެވެ.
އެމްޕީއެލްގެ ސީއީއޯ ވަޖީހް މިހެން ވިދާޅުވީ އުތުރުގައި ބައިނަލްއަޤްވާމީ ބަންކަރިންގެ ޚިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
އެމްޕީއެލްގެ ސީއީއޯ ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު ބަދަލުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފައްޓަވާފައިވާ މަސައްކަތުގެ ތެރެއިން އެންމެ މުހިންމު އެއް މަސައްކަތަކީ މެރިޓައިމްގެ ދާއިރާއިން ރާއްޖެއަށް ފައިދާ ހޯދާދިނުންކަމަށެވެ. އަދި މެރިޓައިމް ޚިދުމަތުގައި ބޮޑު ބައެއް އަދާ ކުރާ ބަޔަކީ އެމްޕީއެލްކަން ފާހަގަކުރައްވާ ވަޖީހު ވިދާޅުވީ ބައިނަލްއަޤްވާމީ ބަންކަރިންގެ ޚިދުމަތާއެކު ގިނަ ފައިދާތަކެއް ލިބޭނެކަމަށެވެ.
އަދި ހޯރަފުށީ ފަޅު ހިއްކައިގެން އެ ބިމުގައި އެމްޕީއެލްއިން ކޮންޓެއިނަރ ޓާމިނަލަކާއި ފްރީ ޒޯނެއް ތަރައްޤީކޮށް ރާއްޖެއިން ބޭރަށް އެކްސްޕޯޓު ކުރެވޭނެ ގޮތްތައް ހަމަޖައްސާނެކަމަށެވެ.
"މިތަނުގައި ހިނގަމުންދާނީ ބައިނަލްއަޤްވާމީ ވިޔަފާރި، ބަންކަރިންގެ ޚިދުމަތް. މިތަނުގަިއ ވިޔަފާރި ކުރެވޭނެގޮތަށް ވިޔަފާރި ސަރަޙައްދެއް އުފައްދާފައި، އެތަނުން ވިޔަފާރިއަށް ބިން ދޫކުރާނެ. މިކަމުގެ ސަބަބުން އިހަވަންދިއްޕޮޅުގެ ރައްޔިތުންނަށް ބޮޑެތި މަންފާތަކެއް ލިބޭނެ "މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ސީއީއޯ މުހައްމަދު ވަޖީޙް އިބްރާހީމް ވިދާޅުވިއެވެ.
ރާއްޖޭގެ އިޤްތިޞާދު ބައްޓަން ކުރުމުގައި ވަށާޖެހޭ ގޮތަކަށް މެރިޓައިމްގެ ދާއިރާއިން ކުރެވެން ހުރި ކަންކަން ކުރަމުންއަންނަކަން ވަޖީހު ފާހަގަކުރެއްވިއެވެ. ވަޖީހު ވިދާޅުވީ އުތުރުގެ މެރިޓައިމް ޚިދުމަތާއެކު ހއ.އުލިގަމުގައި ޤާއިމްކޮށްފައިވާ އޮފީސް މެދުވެރިކޮށް އެމްޕީއެލްއިން އެސަރަހައްދުގައި މެރިޓައިމް 14 ޚިދުމަތެއް ދޭނެކަމަށެވެ. އަދި މިހާރުވެސް ގްރީކްގެ 17 ބޯޓު އޮންނަ ކުންފުންޏަކުން ފެނުގެ އޯޑަރު ދީފައިވާކަން ވަޖީހު ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ވަޖީހު ވަނީ މާލޭ ވިޔަފާރި ބަނދަރު 2027 ވަނަ އަހަރު ނިމެންވާއިރަށް ތިލަފުއްޓަށް ބަދަލުކޮށް ޚިދުމަތް ދޭން ފަށާނެކަމަށް ވިދާޅުވެފައެވެ. އަދި އައްޑޫ ސިޓީ ޕޯޓު ތަރައްޤީކުރުމުގެ ޕްލޭނާއި ހައްދުއްމަތީގައި ޤާއިމްކުރާ މެރިޓައިމްގެ ޚިދުމަތުގެ ޕްލޭންވެސް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީޙްވަނީ ހިއްސާކުރައްވާފައެވެ.