ޚަބަރު

އާސެނަލާ ދެކޮޅަށް ނުކުންނައިރު ބޭނުންވަނީ މޮޅެއް: ގެސްޕެރީނީ


ޔުއެފާ ޗެމްޕިއަންސް ލީގުގައި މިރޭ އާސެނަލާ ދެކޮޅަށް ނުކުންނައިރު ބޭނުންވަނީ މެޗުން މޮޅުވެ ރަނގަޅު ފެށުމަކުން މުބާރާތް ފަށަން ކަމަށް އެޓަލާންޓާގެ ކޯޗު ޖިއާން ޕިއޭރޯ ގެސްޕެރީނީ ބުނެފިއެވެ.

ފިއޮރެންޓީނާ އާއި ދެކޮޅަށް މި ހަފްތާގައި ކުޅުނު މެޗުގައި ފަހަތުން އަރާ 3-2 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްފައިވާ އެޓްލާންޓާގެ ކޯޗް ބުނެފައިވަނީ އެ މެޗުގައި ރަގަޅު ކުޅުމެއް ދައްކާ މެޗު ކާމިޔާބު ކުރެވުނު ނަމަވެސް މިރޭގެ މެޗަކީ ޕްރިމިއާ ލީގުގެ ދެވަނައިގައި އޮތް ކްލަބާއި ދެކޮޅަށް ކުޅޭ މެޗަކަށްވާއިރު މިއީ ފަސޭހަ މެޗަކަށް ނުވާނެ ކަމަށެވެ.

މިދިޔަ ސީޒަނުގައި ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދާފައިވާ އެޓްލާންޓާއިން ފާއިތުވެދިޔަ ދުވަސްތަކުގައި މާ ރަގަޅު ނަތީޖާ ތަކެއް ހޯދިފައިނުވި ނަމަވެސް 117 އަހަރަށްފަހު ބެޔާ ލެވަކޫސަން ބަލިކޮށް ޔޫރޮޕާ ލީގު ހޯދުމާއިއެކު އެ ޓީމާއިމެދު ކްލަބްތަކުން ދެކޭ ގޮތް ވަނީ ބާދަލުވެފަ އެވެ.

އަދި ސެރިއާގައި މިހާރު އެ ޓީމުން ހޯދަމުންދާ ނަތީޖާ ތަކަކީ އިދިކޮޅަށް ކޮންމެ ޓީމެއް ނިކުތްކަމުގައިވީ ނަމަވެސް އެކަމާއިމެދު ވިސްނާނެ ކަމެކެވެ.

މި މެޗާއި ގުޅޭ ގޮތުން އާސެނަލްގެ ކޯޗް މިކޭލް އާޓެޓާ ބުނެފައިވަނީ އޭނާގެ އުންމީދަކީ ނުވަތަ ބޭނުންވާ ގޮތަކީ ރަގަޅު ފެށުމަކުން މުބާރާތް ފެށުން ކަމަށެވެ.

އާޓެޓާ އިތުރަށް ބުނެފައިވަނީ އެޓްލާންޓާގެ ދަނޑުގައި ކުޅޭ މެޗަކީ ފަސޭހަ މެޗަކަށް ނުވާނެ ކަމަށެވެ. އަދި މިއީ މުޅިން ތަފާތު ފޯމެޓަކަށް ކުޅޭ ތަފާތު މުބާރާތަކަށްވާއިރު, މިރޭގެ މެޗުން ބޭނުންވަނީ ތިން ޕޮއިންޓް ހޯދުމަށް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

މިރޭގެ މެޗަށް އާސެނަލް ނިކުންނައިރު އަނިޔާގެ ސަބަބުން އެ ޓީމުގެ ކެޕްޓަން މާޓިން އޮޑެގާޑް އަށް ނުކުޅެވޭނެ އެވެ. ނޭޝަންސް ލީގުގައި އޮސްޓްރިއާ އާއި ދެކޮޅަށް ކުޅުނު މެޗުގައި އޭނާއަށް ލިބުނު އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކަކަށް ކުޅުމާއި ދުރަށް ދާން ޖެހޭނެކަމަށްވަނީ ބެލެވިފަ އެވެ.