ކުޅިވަރު

ހިލޭ ޓްރާންސްފާއެއްގައި ޕެރިސިޗް ޕީއެސްވީއަށް


ކްރޮއޭޝިއާގެ ވިންގް އިވާން ޕެރިސިޗް، ހިލޭ ޓްރާންސްފާއެއްގައި ނެދަލަންޑްސްގެ ޕީއެސްވީ އެއިންދޯވަންއަށް ބަދަލުވެއްޖެއެވެ.

އުމުރުން 35 އަހަރުގެ ޕެރިސިޗް އެ ޓީމާ ގުޅިފައިވަނީ އެއް އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށް އެ ކުލަބުން ވަނީ ކަށަވަރުކޮށްދީފައެވެ. އޭނާ ވަނީ މިދިޔަ އޯގަސްޓް މަހުގައި ކްރޮއޭޝިއާގެ ހައިޖުކް ސްޕްލިޓާއެކު ހަދާފައިވާ އެއްބަސްވުން އުވާލާފައެވެ.

ޕެރިސިޗްގެ އެންމެ ޅަ އުމުރުގައި ކުޅުނު ކުލަބު ހައިޖުކްއާ މިދިޔަ ޖެނުއަރީ މަހު ގުޅުނީ ޓޮޓްނަމް ހޮޓްސްޕާއިން ލޯނެއްގައެވެ. އެއަށްފަހު، މިދިޔަ ޖޫން މަހުގެ ތެރޭގައި ޓޮޓްނަމް އާއެކު ހަދާފައިވާ އެއްބަސްވުން ހަމަވުމުން ވަނީ ދާއިމީ އެއްބަސްވުމެއްގެ ދަށުން އޭނާގެ ކުރީގެ ކުލަބަށް ބަދަލުވެފައެވެ.

މީގެ ކުރިން އިޓަލީގެ އިންޓަރ މިލާނާއި، ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމުންޑަށް ކުޅެފައިވާ ޕެރިސިޗް ޓޮޓްނަމަށް ބަދަލުވީ 2022 ވަނަ އަހަރެވެ. އަދި އެ ޓީމާއެކު ހޭދަކުރި ދެ ސީޒަނުގައި ވަނީ 50 މެޗު ކުޅެފައެވެ. އޭގެ ކުރިން އޭނާ ވަނީ 2020 ވަނަ އަހަރުގެ ތެރޭގައި ލޯނު އުސޫލުން ބަޔާން މިއުނިކަށް ކުޅެ، ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ.

ޕެރިސިޗުގެ ކުލަބު ކެރިއަރުގައި ޖަރުމަނާއި އިޓަލީގައި ވަނީ ލީގު ތައްޓާއި، ޑޮމެސްޓިކް ކަޕް މުބާރާތްތައް ކާމިޔާބުކޮށްފައެވެ. އަދި ކްރޮއޭޝިއާގެ ގައުމީ ޓީމަށް މިހާތަނަށް 136 މެޗު ކުޅެދީ، 33 ލަނޑު ވަނީ ޖަހާފައެވެ. އޭގެ ތެރޭގައި 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕުގެ ފައިނަލް މެޗުގައި ފްރާންސް އަތުން ބަލިވިއިރު، އެ މެޗުގައި ޖެހި ލަނޑުވެސް ހިމެނެއެވެ.

ޕެރިސިޗް ބަދަލުވި ޕީއެސްވީން ވަނީ މި ފަހަރުގެ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗުގައި އިޓަލީގެ ޔުވެންޓަސް އަތުން 1-3 ގެ ނަތީޖާއަކުން ބަލިވެފައެވެ. އެކަމަކު ނެދަލަންޑްސްގެ ލީގުގައި އެ ޓީމުން ވަނީ މިހާތަނަށް ކުޅުނު ފަސް މެޗު ކާމިޔާބުކޮށް، ސައްތައިން ސައްތައިގެ ރިކޯޑެއް ދަމަހައްޓާފައެވެ.

ޕީއެސްވީއަށް ދެން އެންމެ އަވަހަށް އޮތީ އަންނަ އާދީއްތަ ދުވަހު ލީގުގައި އަމިއްލަ ދަނޑުގައި ފޯޗޫނާ ސިޓާޑްއާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ.