މައިލޯ އަށްވަނަ އިންޓަރ އޮފީސް/ކޮންޕެނީ ހޭންޑްބޯޅަ މުބާރާތް 2024 ގެ ފިރިހެން ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހޯދިއިރު، އަންހެން ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހޯދައިފިއެވެ.
ދެ ޑިވިޝަނަކަށް ބަހާލައިގެން ކުރިއަށްދާ މި މުބާރާތުގެ ފިރިހެން ދެވަނަ ޑިވިޝަނުގައި 12 ޓީމެއް ވަނީ ވާދަކޮށްފައެވެ. ގައުމީ ހޭންޑްބޯޅަ ކޯޓުގައި ރޭ ކުޅުނު ފައިނަލް މެޗު އެމްއެންޑީއެފް އިން ކާމިޔާބުކޮށްފައިވަނީ ކުލަބު ހައުސިން ޑިވޮލަޕްމަންޓް ކޯޕަރޭޝަން އަތުން ފަސޭހަކަމާއެކު 16-24 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމްއެންޑީއެފްގެ އަޙްމަދު ނަޖީބެވެ.
މީގެ އިތުރުން 20 ޓީމު ވާދަކުރި އަންހެން ފުރަތަމަ ޑިވިޝަނުގެ ޗެމްޕިއަންކަން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހޯދީ ރޭ ކުޅުނު ފައިނަލް މެޗުގައި ސްޓެލްކޯ އަތުން 17-14 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޑިއުކޭޝަނުގެ ފާތުމަތު ރީމާ އިބްރާހީމެވެ.
ރޭގެ މެޗުތަކާއެކު މި ފަހަރުގެ އޮފީސް ހޭންޑްބޯޅަ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލިއިރު، މި އަހަރުގެ ފިރިހެން ފުރަތަމަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދާފައިވަނީ އެމްޕީއެލް އިންނެވެ. އަދި އަންހެން ފުރަތަމަ ޑިވިޝަނުގެ ޗެމްޕިއަންކަން ޓީމަކީ މޯލްޑިވްސް އިމިގްރޭޝަނެވެ. މިއީ އޮފީސް ކުންފުނިތަކުގެ މެދުގައި ކުރިއަށްދާ އެންމެ ފޯރިގަދަ ހޭންޑްބޯޅަ މުބާރާތެވެ.