ޚަބަރު

ތިލަފުއްޓާއި ގިރާވަރު އަދި އުތުރުތިލަފަޅު ގުޅާލަން އަޅާ ބްރިޖްގެ ދިރާސާތައް ހެދުމަށް މަޝްވަރާކޮށްފި


  • އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކާއެކު ވަނީ މަޝްވަރާކޮށްފައި

  • ބްރިޖް މަސައްކަތް 2026 ގައި ފެށުމަކީ އަމާޒެއްކަމަށް ރައީސް ވަނީ ވިދާޅުވެފައި

ތިލަފުށިން އުތުރުތިލަފަޅާއި ގިރާވަރުފަޅު ގުޅާލާ ބްރިޖްގެ ދިރާސާތައް ހެދުމަށް މަޝްވަރާކުރައްވައިފިއެވެ.

މިމަޝްވަރާތައް ބާއްވާފައިވަނީ އިމާރާތްކުރުމާއި ބިނާރާއި ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބް އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކްގެ ބޭފުޅުންނާއެކު ބޭއްވެވި ބައްދަލުވުމުގައެވެ.

މިބައްދަލުވުމުގައި ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބް ވަނީ ތިލަފުށިން އުތުރުތިލަފަޅާއި ގިރާވަރުފަޅު ގުޅާލާ ބްރިޖް މަޝްރޫޢާއި ގުޅޭ މައުލޫމާތު ހިއްސާކުރައްވާފައެވެ. އަދި މި މަޝްރޫއަށް ބޭނުންވާ ދިރާސާތައް ހެދުމާއި ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައިވާކަމަށް އިމާރާތްކުރުމާއި ބިނާރާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

މިމަޝްރޫޢަކީ ރާއްޖޭގެ އިޤްތިޞާދަށް ވަރަށް މުހިންމު މަޝްރޫޢަކަށް ވެގެންދާނެކަމަށް އެވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

ތިލަފުއްޓާއި ގިރާވަރު އަދި އުތުރުތިލަފަޅު ގުޅާލަން އަޅާ ދެ ބުރިޖްގެ އަމަލީ މަސައްކަތް 2026ގައި ފެށުމަކީ އަމާޒެއްކަމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވެސް ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އުތުރުތިލަފަޅާ ހަމައަށް ބްރިޖްއަޅަނީ ރާއްޖޭގެ އިޤްތިޞާދު ކުރިއަރުވައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރިއަށްގެންދާ އެގްރިކަލްޗަރ އިކޮނޮމިކް ޒޯންގެ މަޝްރޫޢު އެތަނުގައި ކުރިއަށްގެންދާތީކަމަށެވެ.