ޚަބަރު

ރައީސްގެ ދެކަނބަލުން މެލޭޝިޔާ ދަތުރުފުޅަށްފަހު މާލެ ވަޑައިގެންފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް، މެލޭޝިޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ މިދަތުރުފުޅަކީ މިމަހުގެ 31 އިން ޖޫން މަހުގެ 2 އަށް މެލޭޝިޔާގައި ބޭއްވެވި "ޕަރމާޓާ އިންޓަރނޭޝަނަލް ކޮންފަރެންސް: ޗިލްޑްރަން ބިޔޯންޑް ޓުމޯރޯ" އިފްތިތާޙު ކުރުމުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ. 

މިދަތުރުފުޅުގައި ޕަރމާޓާ އިންޓަރނޭޝަނަލް ކޮންފަރެންސްގެ ހައި-ލެވަލް ފޯރަމްގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހިމް ވަނީ ތަޤްރީރުކުރައްވަވާފައެވެ. ރައީސްގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި ޤައުމުގެ ކުރިމަގަށްޓަކައި ފެންވަރު ރަނގަޅު ތަޢުލީމްގެ މުހިންމުކަން ފާހަގަ ކުރައްވައި، ރާއްޖޭގެ ތަޢުލީމީ ދާއިރާ ބައްޓަންކުރެވިފައިވާ ގޮތުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. މިގޮތުން ޚާއްޞަކޮށް، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ތަޢުލީމީ ފުރުޞަތުތައް ފަހިކޮށްދެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ މައްޗަށް އެކަމަނާގެ ވާހަކަފުޅުގައި ބައްލަވައިލެއްވިއެވެ.

img:http://s3.psmnews.mv/images/660x400/14648633025012.jpg|ރައީސް މާލެ ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވުން / ފޮޓޯ: ޕީއެސްއެމް

މި ޖަލްސާގައި ބައިވެރިވެވަޑައިގަތުމުގެ އިތުރުން، މެލޭޝިޔާގެ ބޮޑުވަޒީރާވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި މެލޭޝިޔާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ކުރެވިދާނެ ކަންކަމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި މެލޭޝިޔާގެ ބޮޑުވަޒީރު ޚިޔާލު ބަދަލުކުރެއްވިއެވެ. އަދި، ދެޤައުމަށް މުހިންމު އެކިއެކި ކަންކަމާ ބެހޭގޮތުން ދެބޭފުޅުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މެލޭޝިޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވަށްފަހު މާލެ ވަޑައިގަތުމުން ސަރުކާރުގެ ބައެއް އިސް ވެރިންނާއި، ޢާންމު ބައެއް ރައްޔިތުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް، ވަރަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ.