އިންޑިޔާގެ ހުޅަނގުއުތުރު މަނީޕޫރު ސްޓޭޓްގައި ހިންގަމުންދާ ހަމަނުނުޖެހުންތައް ހުއްޓުވަން ސަރުކާރުން މަސައްކަތް ފަށައިފިއެވެ. މަނީޕޫރުގައި ހަމަނުޖެހުންތައް ހިނގަމުން ދަނީ އާބާދީ ބޮޑު މެއިޓީ ދަރިކޮޅާއި ކުއްކީ ދަރިކޮޅުގެ މީހުންނާ ދެމެދުގައެވެ. އިންޑިޔާގެ ދާޚިލީ ވަޒީރު އަމިތު ޝާހް ވިދާޅުވީ ހަމަނުޖެހުންތައް ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން އެ ދެ ދަރިކޮޅުގެ ވެރިންނާ މަޝްވަރާ ކުރަން ފަށާފައިވާ ކަމުގައެވެ.
ހަމަނުޖެހުންތަކާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް, އެ ކަން ހުއްޓުވަން ފިޔަވަޅުތަކެއް އެޅުމަށް ބާރު އެޅުމުގެ ގޮތުން އެ ސްޓޭޓްގެ ކޮލެޖުތަކާއި ޔުނިވަރސިޓީތަކުގެ ދަރިވަރުން މުޒާހަރާ ކުރަން ފެށުމާ ގުޅިގެން އެ ސްޓޭޓްގެ ސަރުކާރުން ހުސްވި ހަފުތާގައި ބްރޯޑްބޭންޑް އިންޓަރނެޓާއި މޮބައިލް އިންޓަރނެޓުގެ ޚިދުމަތްތައް ކަނޑައިލިއެވެ. އެއީ, މުޒާހަރާތަކުގެ ތެރެއިން ހަމަނުޖެހުން ހިންގަން ފެށުމުންނެވެ. ނަމަވެސް, ސެޕްޓެންބަރު 16ވަނަ ދުވަހު އެ ޚިދުމަތްތައް ވަނީ އަލުން ގުޅައިދީފައެވެ.
"މަޝްވަރާތައް ބޭއްވުމުގެ އުންމީދަކީ [މަނިޕޫރުގެ] ޙާލަތު ހަމައަކަށް އަޅުވައި ކޮންޓްރޯލް ކުރުން. ދެ ދަރިކޮޅުގެ [މެއިޓީއާއި ކުއްކީ ދަރިކޮޅުގެ] މެދުގައި އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ, މި މައްސަލައަށް ސުލްޙަވެރި ޙައްލެއް ނުހޯދޭނެ،" ޝާހް ވިދާޅުވިއެވެ. އޭނާ މި މޭރުމުން ވާހަކަފުޅު ދައްކަވާފައި ވަނީ, ބޮޑުވަޒީރު ނަރެންދްރަ މޯދީގެ އައު ދައުރަށް 100 ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ހަފުލާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މަނީޕޫރުގައި މިހާރު ހިންގަމުންދާ ހަމަނުޖެހުންތައް ފަށާފައި ވަނީ ސެޕްޓެންބަރު 1ވަނަ ދުވަހުއެވެ. އެ ހަމަނުޖެހުންތަކުގައި ހަތިޔާރު އެޅި ޖަމާޢަތްތަކުން ވަނީ ގޮވާތަކެތި ހަރުކޮށްފައިވާ ޑްރޯން ފަދަ ހަތިޔާރު ބޭނުންކޮށް ޙަމަލާތަކެއް ދީފައެވެ. އެ ފަދަ ހަތިޔާރު ބޭނުން ކުރަނީ ކުއްކީ ދަރިކޮޅުގެ ހަނގުރާމަވެރިން ކަމަށް މަނީޕޫރުގެ ފުލުހުން ތުހުމަތު ކުރާއިރު, އެ ކަމާ ދެކޮޅަށް އަޑު އުފުލުމަށް މުޒާހަރާ ކޮށްފައި ވަނީ މެއިޓީ ދަރިކޮޅުގެ ޢާއިލާތަކަށް ނިސްބަތްވާ ދަރިވަރުންނެވެ.
މަނީޕޫރުގައި ވެރިކަން ކުރަނީ މޯދީގެ ބަަހަރްތިޔަ ޖަންތާ ޕާޓީ (ބީޖޭޕީ)ންނެވެ. ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމުގެ ގޮތުން މީގެ ހަފުތާއެއްހާ ދުވަސް ކުރިން އެ ސްޓޭޓްގެ ސަރުކާރުން ވަނީ އިމްފާލް ވާދީއާއި އެ ވާދީއާ އިންވެގެން އޮތް ސަރަޙައްދުތަކުގައި ކަރފިޔު އިޢުލާނު ކޮށްފައެވެ. އަދި, ސަރުކާރާއި އަމިއްލަ ފަރާތްތަކުން ހިންގާ ކޮލެޖުތައް ވަގުތީ ގޮތުން ބަންދު ކޮށްފައެވެ. މަނީޕޫރަކީ މިޔަންމާގެ ސަރަޙައްދީ ރޮނގު ކައިރީގައި އޮންނަ ސްޓޭޓެކެވެ.
ހަމަނުޖެހުންތަކާ ގުޅިގެން ބަންދު ކޮށްފައިވާ މަދަރުސާތަކާއި, ކޮލެޖުތަކާއި ޔުނިވަރސިޓީތައް އަލުން ހުޅުވައިލާފައި ވަނީ ސެޕްޓެންބަރު 17ވަނަ ދުވަހުއެވެ. ނަމަވެސް, ކަރފިޔު މުޅިން އުވައިލާފައެއް ނެތެވެ. 3 މިލިޔަން މީހުންގެ އާބާދީއެއް ދިރިއުޅޭ މަނީޕޫރުގެ ދެ ދަރިކޮޅުގެ މެދުގައި ލޭއޮހޮރުވުން ބޮޑު ހަމަނުޖެހުންތަކެއް ފަށާފައި ވަނީ 2023ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައެވެ. މަނީޕޫރުގެ މައި ވާދީގައި ދިރިއުޅެނީ މެއިޓީ ދަރިކޮޅުގެ މީހުންނެވެ. އަދި, އުސް ބިންތަކުގައި ދިރިއުޅެނީ ކުއްކީ ދަރިކޮޅުގެ ޢާއިލާތަކެވެ.
މި ހަމަނުޖެހުންތަކުގައި މިހާތަނަށް މަރުވެފައިވާ މީހުންގެ ޢަދަދު 225އަށް އަރައެވެ. އަދި, 60,000އަށްވުރެ ގިނަ މީހުން ވަނީ ގެދޮރު ނެތި, މަގުމަތިވެފައެވެ. ހުސްވި އަހަރު މެއިޓީއާއި ކުއްކީ ދަރިކޮޅުގެ މީހުންގެ މެދުގައި ހަމަނުޖެހުން ހިންގަން ފަށާފައި ވަނީ, ކުއްކީ ދަރިކޮޅަށް ޤާނޫނީ ގޮތުން ދީފައިވާ އިނާޔަތްތަކާއި ފުރުޞަތުތައް މެއިޓީ ދަރިކޮޅުގެ މީހުންނަށް ފަހިކޮށްދިނުމަށް ކޯޓަކުން އަމުރު ކުރުމުންނެވެ. ކުއްކީ ދަރިކޮޅުގެ މީހުންނަށް ލިބިދީފައިވާ އިނާޔަތްތަކާއި ފުރުޞަތުތަކުގެ ތެރޭގައި އިޤުތިޞާދީ އަދި ވިޔަފާރީގެ ފުރުޞަތުތަކާއި, ސަރުކާރު ވަޒީފާތައް ހޯދުމުގެ ފުރުޞަތާއި, ތަޢުލީމީ ފުރުޞަތުތައް ހިމެނެއެވެ.