ޚަބަރު

ޞިއްޙީ ދާއިރާއާ ގުޅޭ ޝަކުވާ ހުށައެޅުމަށް "މާހަރާ" ޕޯޓަލް އިފްތިތާހުކޮށްފި


  • ޕޯޓަލް މެދުވެރިކޮށް 24ގަޑިއިރު ޝަކުވާ ހުށައެޅޭނެ

  • މިއީ ސިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރަން ކުރާ މަސައްކަތެއް

ޞިއްޙީ ދާއިރާގެ މައްސަލަތަކާ ގުޅޭގޮތުން ޝަކުވާ ހުށައެޅުމަށް ޚާއްސަ "މާހަރާ" ޕޯޓަލް އިފްތިތާޙުކޮށްފިއެވެ.

ޕޯޓަލް އިފްތިތާޙުކޮށްފައިވަނީ ބައިނަލްއަޤްވާމީ ބަލިމީހުންގެ ރައްކާތެރިކަމުގެ ދުވަހާ ގުޅިގެން ޞިއްޙީ ވުޒާރާއިން ބޭއްވި ރަސްމިއްޔާތެއްގައެވެ. މިރަސްމިއްޔާތުގައި ޝަރަފްވެރިކޮށްދެއްވައި ޕޯޓަލް އިފްތިތާހްކޮށްދެއްވީ ކުރީގެ ހެލްތު މިނިސްޓަރ ޑރ.އާމިނަތު ޖަމީލްއެވެ.

މިޕޯޓަލްއަކީ ޞިއްޙީ ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ދިމާވާ އެކިއެކި ދަތިތަކާ ގުޅިގެން ހުންނަ ކަންބޮޑުވުންތައް ޙިއްޞާކުރުމަށް އިފްތިތާހް ކުރި ޕޯޓަލްއެކެވެ. ސިއްޙީ ވުޒާރާއިން ވިދާޅުވީ މި މަސައްކަތަކީ މި ދާއިރާއަށް އާއްމުންގެ އިތުބާރު ހިފެހެއްޓުމަށް މުހިއްމު އަދި ބޭނުންތެރި މަސައްކަތެއްކަމަށެވެ. މި ޕޯޓަލްއަކީ ޑަބްލިޔު.އެޗް.އޯގެ އެހީތެރިކަމާއެކު ފަރުމާ ކުރެވި ވުޖޫދު ކުރެވިފައިވާ ވަސީލަތެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޞިއްޙަތާ ބެހޭ ވަޒީރު ޑރ.އަބްދުﷲ ޚަލީލް ވިދާޅުވި މިފަދަ ނިޒާމެއް ޤާއިމްކުރެވިގެން ދިއުމަކީ ޚިދުމަތް ހޯދާ ފަރާތްތަކަށާއި އަދި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ލިބިގެންދާނެ ފުރުސަތެއްކަމަށެވެ.

ވަޒީރު ވިދާޅުވީ ޞިއްޙީ ޚިދުމަތް ދިނުމުގައި އެންމެ ބޮޑު އިސްކަމެއް ދޭންޖެހެނީ ބަލިމީހާގެ ފަރުވާއާއި ސަލަމާތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްކަމަށެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ރިޕޯޓްތަކުން ދައްކާގޮތުގައިވެސް ބަލިމީހާގެ ހާލަތު ރަނގަޅަށް ދެނެގަތުމުގެ ސަބަބުން %16 ބަލިމީހުން އޭގެ ނުރައްކަލާ ކުރިމަތިލާކަމަށެވެ.

"ބަލިމީހާގެ ފަރުވާއާއި ރައްކާތެރިކަމަކީ އިޚްތިޔާރީ ކަމެއްގެ ގޮތުގައި ދެކިގެން ނުވާނެ. އެގޮތަށް ދެކޭނަމަ އެކަން ނިމުމަކަށް ގެންނަންޖެހޭ. ބަލިމީހާގެ ސަލާމަތްތެރިކަން އިސްކުރުމަކީ ޞިއްޙީ ޚިދުމަތްތެރިންގެމައްޗަށް ލާޒިމުކަމެއް." ޞިއްޙަތާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ ޚަލީލް ވިދާޅުވިއެވެ.

ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ އަމިއްލަ ފަރާތްތަކުންވެސް ފަރުވާގެ ނިޒާމު އަވަސްކުރުމަށް މިހާރަށްވުރެ ބޮޑަށް މަސައްކަތް ކުރަންޖެހިފައިވާކަމަށާއި، އޭގެ ސަބަބުން ބަލިމީހާގެ ބަލި އަވަހަށް ދެނެގަނެވި ފަރުވާ އަވަސްކުރެވުމުގެ އިތުރުން، އެކަމަށް ކުރަންޖެހޭ ހޭދަވެސް ބޮޑުތަނުން ކުޑަވެގެންދާކަމަށް ޞިއްޙަތާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ ޚަލީލް ވިދާޅުވިއެވެ.