ޚަބަރު

މެރިން ޕޮލިސްއިން ޚާއްސަ އޮޕަރޭޝަނެއް ފަށައިފި


ކަނޑުއުޅަނދު ބަލައި ފާސްކުރުމުގެ ހާއްސަ އޮޕަރޭޝަނެއް މެރިން ޕޮލިސް އިން ފަށައިފިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވިދާޅުވީ މި އޮޕަރޭޝަނަކީ ރަމަޟާންމަހާ ދިމާކޮށް މާލޭގެ ބަނދަރުތަކުން މުދާ ބަރުކޮށްގެން އަތޮޅުތަކަށް ފުރާ އޮޑިދޯނިފަހަރާއި ބޯޓުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރިއަށްގެންދާ އޮޕަރޭޝަނެއްކަމަށެވެ. އަންގާރަދުވަހު ފެށި މިއޮޕަރޭޝަނުގައި މާލެއިން މުދާ ބަރުކޮށްގެން އަތޮޅުތަކަށް ފުރުމަށް ތައްޔާރުވަމުންދާ އޮޑިދޯނިފަހަރުތައް ބަލައި ފާސްކޮށް، އެއުޅަނދުތަކުގައި ސަލާމަތީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައިވޭތޯ ބަލަމުންގެންދާނޭކަމަށް ޕޮލިހުން ވިދާޅުވެއެވެ.

މިއޮޕަރޭޝަނުގައި އޮޑިދޯނިފަހަރާއި ބޯޓުފަހަރު ފުރުމުގެ ކުރިން ރަނގަޅުކުރަންޖެހޭ ކަންކަން ކެޕްޓަނުންނަށް އަންގައި ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އުޅަނދުތަކުގެ ކެޕްޓަނުންނާއި ފަޅުވެރިން ހޭލުންތެރިކުރުމަށް މައުލޫމާތު ދެމުންގެންދާނެކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. 

މެރިން ޕޮލިސްއިން ޚާއްސަ އޮޕަރޭޝަނެއް ފަށާފައިވާއިރު، އެމްއެންޑީއެފް ކޯސްޓްގާޑުންވެސް ދަނީ ކަނޑުމަތީގެ ޚާއްސަ އޮޕަރޭޝަނެއް ކުރިއަށްގެންދަވަމުންނެވެ.