ޚަބަރު

ހުޅުމާލެއާއި މާލޭގެ ބައެއް ސަރަޙައްދުތަކުން މިއަދު ކަރަންޓު ކެނޑިދާނެ


  • ހެނދުނާއި މެނދުރުގެ ބައެއް ގަޑިތަކުގައި ކަރަންޓު ކެނޑިދާނެ

  • ކަރަންޓު ކަނޑާލަނީ ވިއުގާ އަޕްގްރޭޑްކުރުމުގެ މަސައްކަތަކަށް

ކަރަންޓް ވިއުގަ އަޕްގްރޭޑްކުރުމުގެ މަސައްކަތެއް ކުރާތީ، މާލޭގެ ބައެއް ސަރަޙައްދުތަކުން މިއަދު ހެނދުނާއި މެންދުރުފަހު ކަރަންޓް ކެނޑުން އެކަށީގެންވާކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.

ސްޓެލްކޯއިން ވިދާޅުވީ، އެކުންފުނިން މާލޭ ސަރަޙައްދުގައި ފޯރުކޮށްދެމުންދާ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރާ މަސައްކަތުގެ ދަށުން ކަރަންޓް ވިއުގަ އަޕްގްރޭޑް ކުރުމަށް ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކެއް މިއަދު ކުރުމަށް ހަމަޖެހިފައިވާކަމަށެވެ. މި މަސައްކަތް މިއަދު ހެނދުނު 09:30 އިން 11:30 އަދި މެންދުރުފަހު 13:30 އިން 15:00އަށް ކުރިއަށްދާނެކަމަށް އެކުންފުނިން ވިދާޅުވެއެވެ.

ކަރަންޓް ވިއުގަ އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި މާލޭގެ އެކި ސަރަޙައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުން އެކަށީގެންވާކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ. އެގޮތުން މާލޭގެ އަލިކިލެގެފާނުމަގާއި، ކަޅުހުރާމަގު އަދި ބޮކަރުމާގޯޅި، އެއާއެކު ހުޅުމާލޭގެ އަސުރުމާހިގުން އަދި ޗަބޭލީމަގު ގޯޅި 3 އަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއްކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ.

ކަރަންޓް ވިއުގަ އަޕްގްރޭޑްކުރުމުގެ މަސައްކަތް މިއަދު ކުރަމުންދާއިރު، ބައެއް ސަރަޙައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެތީ، އެކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ ކަސްޓަމަރުންގެ ކިބައިން މަޢާފަށް އެދިފައެވެ.