ޚަބަރު

މާލޭގައި ހިންގި އޮޕަރޭޝަނެއްގައި 7 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް


  • މި އޮޕަރޭޝަންގައި 4 ތަނެއް ބަލައި ފާސްކުރި

ޤަވާއިދާއި ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންނަށް އަމާޒުކޮށްގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި މޯލްޑިވްސް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ބިދޭސީންތަކެއް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން ވިދާޅުވީ، މާލޭގައި ހިންގި އޮޕަރޭޝަނަކީ އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާފަދަ ގޮތަކަށް، ތޮއްޖެހިގެން ބިދޭސީން ދިރިއުޅެމުން އަންނަ އެކޮމޮޑޭޝަން ބްލޮކްތައް ބަލައި ފާސްކުރުމަށް ހިންގި އޮޕަރޭޝަނެއްކަމަށެވެ.

މި އޮޕަރޭޝަންގައި މާލެއިން 4 ތަނެއް ބަލައި ފާސްކޮށްފައިވާއިރު މީގެ ތެރޭގައި 2 ގެއަކާއި 2 ހޮޓާ ހިމެނޭކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ. އަދި ގަވާއިދާ ޚިލާފަށް އެތަނުގައި ތިބި 7 ބިދޭސީއަކު މި އޮޕަރޭޝަންގެ ތެރެއިން އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވިއެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ދިރިއުޅޭ ތަންތަނާއި އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާ ގޮތަށް ކާބޯތަކެތި ތައްޔާރުކުރާ ތަންތަން ބަލައި ފާސްކުރުމަށް މާލެ ސަރަހައްދުގައި ހިންގާ ޚާއްސަ އޮޕަރޭޝަނުގައި އިމިގްރޭޝަނާއެކު ކަމާގުޅުން ހުރި އިދާރާތަކުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

އެގޮތުން ފާއިތުވި މުއްދަތުގެ ތެރޭގައިވެސް މާލެއާއި މާލޭ ސަރަޙައްދުގައި ބިދޭސީން ހަރަކާތްތެރިވާ އެކި ތަންތަނަށް އަމާޒުކޮށްގެން އިމިގްރޭޝަނުން ވަނީ ތަފާތު އޮޕަރޭޝަންތައް ހިންގާފައެވެ. އަދި ގިނަ އަދަދެއްގެ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.